ޑޭޓް ނައިޓެއްގައި ދެ މީހުންނަށް ކަމުދާނެ ފިލްމެއް, ޝޯއެއް ބެލުމަކީ އުނދަގޫ ކަމެއް ދޯ އެވެ؟ ޝޯއަކުން ފެންނަ ބޭނުންވާ މަންޒަރުތަކާއި ސްޓޯރީލައިން ވެސް ދެ މީހުން ދެކޭ ގޮތުގައި ތަފާތު ދޯ އެވެ؟
ޑޭޓް ނައިޓެއްގައި ދެ މީހުންނަށް ކަމުދާނެ ފިލްމެއް, ޝޯއެއް ބެލުމަކީ އުނދަގޫ ކަމެއް ދޯ އެވެ؟ ޝޯއަކުން ފެންނަ ބޭނުންވާ މަންޒަރުތަކާއި ސްޓޯރީލައިން ވެސް ދެ މީހުން ދެކޭ ގޮތުގައި ތަފާތު ދޯ އެވެ؟
މި ފަހަރު މި ދެނީ ޑޭޓް ނައިޓެއްގައި ވެސް ބަލާލަން ކަމުދާނެ ކަހަލަ ސީރީޒް ރެކޮމެންޑޭޝަނެކެވެ. މިއީ ދެހާހުގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރުވި ސްޕައި މޫވީއެއްގެ ސްޕިން އޮފް އެކެވެ. އަހަރުމެންނަށް އެންޖަލީނާ ޖޯލީ އާއި ބްރެޑް ޕިޓް ގެނެސްދިން ފިލްމު "މިސްޓަ އެންޑް މިސިސް ސްމިތް" މިއޮތީ މި ޒަމާނާ ބޮޑަށް ގުޅުވާލައި, ސްޕިން އޮފް ސީރީޒްއެއްގެ ގޮތުގައި ހަމަ އެ ނަމުގައި އެމަޒަން ޕްރައިމްއަށް ނެރެފަ އެވެ.
އެކްޝަން, ތްރިލާ, ކޮމެޑީ އަދި ރޮމޭންސްގެ ޖޯންރާއަށް ވެސް ފިޓުވާ ގޮތަށް ހަދާފައިވާ މި ސީރީޒްގައި އަސްލު ފިލްމާ އެއްގޮތް އަދި ތަފާތު އެކި ކަންތައްތައް ވަނީ ހިމަނާފަ އެވެ. ފިލްމާ ހިލާފަށް ސީރީޒްގައި ޖޯން އާއި ޖޭން ސްމިތަކީ އެއް ސްޕައި އޭޖެންސީއަކަށް މަސައްކަތް ކުރާ ދެ މީހުންނެވެ. ދެ މީހުން ޓީމްއަޕް ކުރުވާ ކަވައެއްގެ ގޮތުގައި ދެމަފިރިންގެ ގޮތުގައި އުޅުމަށް ނިންމައި އެސައިންމަންޓުތައް ދެނީ އެ ސްޕައި އޭޖެންސީއިންނެވެ. އަހަރުމެންނަށް މިސްޓަ އަދި މިސިސް ސްމިތުގެ ރޯލު މި ސީރީޒްގައި ގެނެސްދީފައި ވަނީ މަޝްހޫރު ރެޕާ އަދި އެކްޓާ ޑޮނާލްޑް ގްލޯވާ (ޗައިލްޑިޝް ގެމްބީނޯ) އާއި މާޔާ އެރްސްކިން އެވެ.
ދެ މީހުންނަށް ފުރަތަމަ އެކަކު އަނެކަކާ ވެސް ބައްދަލު ވަނީ އޭޖެންސީން ހަވާލުކުރި އެޕާޓްމަންޓުންނެވެ. މުޅިން ދެ މިޒާޖެއްގެ ދެ މީހުން, އެކަކު އަނެކަކާ އެކު މަސައްކަތްކުރަން ދަސްކޮށް, އިތުބާރުކުރަން ދަސްކުރަނީ ވެސް މިޝަންތަކުގެ ތެރެއިންނެވެ. ކޮންމެ އެޕިސޯޑެއްގައި ވަކި މިޝަނެއް ގެނެސްދީފައި ވާއިރު, ކޮންމެ މިޝަނެއްގައި ވެސް ދެ މީހުންގެ "ސްޕައި ސްކިލްސް" ފުރިހަމަ އެކްޝަން ސީންތަކަކުން ވަނީ ގެނެސްދީފަ އެވެ.
މި ސީރީޒްގައި ދެ މީހުންގެ ދެމެދުގައި ލޯބި އުފެދޭ ގޮތާއި ދެ މީހުންގެ ހާލަތުގެ ސަބަބުން އަންނަ ކޯޅުންތަކާ އެކު ފުރިހަމަ ލަވް ސްޓޯރީއެއް ގެނެސްދެ އެވެ. އަދި ދެ މީހުންގެ ދެމެދުގައި އެއްލާ ބަސްބަހާއި ސީރީޒްގެ އެކި ޑައިލޮގްތައް ގެނެސްދީފައި ވަނީ މަޖާކޮށެވެ.
މި ސީރީޒްގައި އަސްލު ފިލްމާ އެއްގޮތް ގިނަ މަންޒަރުތަކެއް ހިމަނާފައި ވަނީ ފިނާލޭ އެޕިސޯޑުގަ އެވެ. މި އެޕިސޯޑަކީ ސީރީޒްގެ އެންމެ އިންޓެންސް, އެންމެ ނޭވާ ހިފަހައްޓާލަން ޖެހޭ އެޕިސޯޑެވެ. އެއީ ވަރުގަދަ ފައިޓް ސީންތަކާ އެއްވަރަށް އިމޯޝަނަލް ސީންތަކެއް ވެސް ހިމެނޭ އެޕިސޯޑެކެވެ.
މި ސީރީޒްގެ ޕްރޮޑިއުސަރު އަދި ލީޑިން އެކްޓަރު ޑޮނާލްޑް ގްލޯވާ ބުނީ މި ސީރީޒް ހެދިއިރު ބޭނުންވީ އޭނާ އާއި އޭނާގެ ޕާޓްނަރާ އެކު އެންޖޯއިކޮށްލެވޭނެ ކަހަލަ ޝޯއެއް ހެދުމަށް ކަމަށެވެ. އަދި މިއީ އެފަދަ ޝޯއެއް ކަމަށާއި މިއީ ޑޭޓު ނައިޓަކަށް ބަލާލަން ރަނގަޅު ޝޯއެއް ކަމަށް ބުންޏެވެ.
ސާޅިސް ފަސް މިނެޓުގެ, އަށް އެޕިސޯޑު ހިމެނޭ މި ސީރީޒްގެ ސީޒަން 1 އެމަޒަން ޕްރައިމްއިން މިހާރު ބެލޭނެ އެވެ.