24 Sep 2024

By: Aishath Jazlee

މިއީ މަނިކުގެ ފޭނުންނަށް މަނިކު ކޮންމެހެން ވެސް އަންގައިދޭން ބޭނުންވާ ވާހަކަ އެކެވެ. މާލޭގެ ހަލަބޮލިކަން ދޫކޮށް ރާއްޖޭގެ އެހެން ހިތްގައިމު, ހިތްފަސޭހަ ރަށެއްގެ ދިރިއުޅުމަށް ބަދަލުވާން ބޭނުންވާ ވާހަކަ އެވެ.

މަނިކު އޭނާގެ ބައެއް ވާހަކަތައް "މިހާރު ލައިޓް" އާ ހިއްސާކުރަމުން މި ވާހަކަ ކޮންމެހެން ވެސް ބުނެދޭން އޮތީ އެދިފަ އެވެ.

"މި ވާހަކަ ކޮންމެހެން ވެސް ޖަހައި ދެއްޗޭ. އެއީ އަޅުގަނޑުގެ ކުދިން ކިޔަވައި ނިމުނީމާ މިހާރު އަތޮޅު ތެރެއަށް އަޅުގަނޑުގެ ދިރިއުޅުން ބަދަލުކޮށްލަން މި ވިސްނަނީ. މި މާލޭގައި ނޫޅޭނަން ކުދިންތައް ކިޔަވައި ނިމުނީމާ. ކޮންމެވެސް ރަށަކަށް ގޮސް ކުޑަކުޑަ މަސް ޑިންގީއެއް ހިފައިގެން، އުޅުނީމާ އެހެރީ ނިމިފައި. އެކަހަލަ އަރާމު ލައިފެއް މިހާރު ބޭނުންވަނީ،" މަނިކު އެދުނެވެ.

އެތައް ބައެއްގެ ފޭވަރިޓު އެކްޓަރެއް ކަމަށްވާ މަނިކަކީ އެކި ސީރީޒްތަކާއި ފިލްމުތަކުން އަދިވެސް އޭނާގެ ކުޅަދާނަކަން ދައްކަމުން އަންނަ ފަންނާނެކެވެ. އެކްޓިންގެ އިތުރުން, ކެމެރާގެ ފުރަގަހުގައި، މޭކަޕްކުރުމާއި ޕްރޮޑަކްޝަނުގެ އެކި މަސައްކަތްތަކުގައި އޭނާގެ ހުނަރުވެރިކަން ދައްކާ މަނިކާ ގުޅޭ ގޮތުން އަހަރުމެންނަށް މިދިޔަ އަހަރު ލިބުނު ދެރަ ހަބަރުގެ ވާހަކަ ވެސް އެ އިންޓަވިއުގައި މަނިކު ކުޑަކޮށް ތަފްސީލްކޮށްދިނެވެ.

މިދިޔަ އަހަރު ލުކީމިއާއަށް ޑައިގްނޯޒްވެ މަނިކު އަދިވެސް ދަނީ އެ ބައްޔާ ހަނގުރާމަކުރަމުންނެވެ.

އެ ޑައިގްނޯސިސްއަށް ފަހު ކުޑަދުވަސްކޮޅެއްގެ މެދުކެނޑުމަށް ފަހު އަނެއްކާވެސް ފެންނަނީ ވަރަށް ބުރަކޮށް ފިލްމީ ދާއިރާގެ އެކި މަސައްކަތްތަކުގައި އުޅޭ ތަނެވެ. މަނިކަށް އަދިވެސް އިންޑަސްޓްރީގައި އެކި މަސައްކަތްތަކުގައި ޑިމާންޑު އޮތް ނަމަވެސް މަނިކު ވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ކުރީގެ ބިޒީ ލައިފް އުޅެވެން ނެތް ވާހަކަ ބުނެފަ އެވެ.

"އެންމެ ފުރަތަމަ ވަރަށް ބޮޑަށް ވަރުބަލިވާތީ ޑޮކްޓަރަށް ދެއްކީ. ފެމިލީ ކެއާ އަށް ދެއްކީ މިދިޔަ އަހަރުގެ މެއި މަހު. ދެން ޝައްކުވެގެން އައިޖީއެމްއެޗަށް ގޮސް ޓެސްޓްހަދައިގެން ޔަގީންވެއްޖެ. އެހިސާބުން ފުރީ އިންޑިއާ އަށް،" މަނިކު ބުނީ މި ވަގުތު ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށެވެ.

"...އެކަމަކު ރެސްޓްކުރަންވާ ވަރަށް ރެސްޓްނުކުރެވިގެން މި ދޭތެރެއަކުން ގޯސްވި. އެކަމަކު މިހާރު އަނެއްކާވެސް ރަނގަޅު."

މަނިކު ބުނީ އޭނާ މިހާރު ބޭނުންވަނީ މާލޭގެ މި ހާސްކަމުގެ ތެރެއިން ނުކުންނަށް ކަމަށެވެ. ބޭނުންވަނީ އަރާމު ދިރިއުޅުމެއް ކަމަށެވެ.

އެކަމަކު މިއީ މަނިކު އޭނާގެ 35 އަހަރުވީ މި ކެރިއަރު ނިންމާލުންކަމެއް ނުވަތަ ނޫން ކަމެއް އަދި ބުނާކަށް ނޭނގެ އެވެ.

Popular