ވޯނާ ބްރަދާސް ޑިސްކަވަރީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ޕްރީމިއާ ގްލޯބަލް ސްޓްރީމިން ސާވިސް "އެޗްބީއޯ މެކްސް"ގެ ހިދުމަތް އޭޝިއާ ޕެސިފިކްގެ އާ މާކެޓްތަކަށް ތައާރަފުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ، ބޫޓާން، ފިޖީ، ކިރިބަތީ، މާޝަލް އައިލެންޑްސް، މައިކްރޮނޭޝިއާ، ނައުރު، ނިއު، ސަމޯއާ، ޓޮންގާ، ޓުވާލޫ އަދި ވަނުއާޓޫ ހިމެނެ އެވެ.
"އެޗްބީއޯ މެކްސް" އަކީ އެޗްބީއޯ، ގޭމް އޮފް ތުރޯންސް، ހެރީ ޕޮޓާ، ޑީސީ ޔުނިވާސް، ކާޓޫން ނެޓްވޯކް، މެކްސް އޮރިޖިނަލްސް އަދި ހޮލީވުޑްގެ އެންމެ މަގުބޫލު ފިލްމުތަކުގެ އިތުރުން ޑިސްކަވަރީ އާއި ޓީއެލްސީގެ ޕްރޮގްރާމްތައް އެއްތަނަކުން ބަލާލެވޭނެ ވަސީލަތެކެވެ.
ސަބްސްކްރިބްޝަންގެ އަގުތަކަށް ބަލާއިރު ރާއްޖޭގައި މިވަގުތު ދެ ވައްތަރެއްގެ ޕްލޭން ހިޔާރުކުރެވެން އެބައޮތެވެ. އެއީ، އަހަރީ ދެ ޕްލޭނަކާއި މަހުންމަހަށް ފީ ދައްކާ ދެ ޕްލޭނެކެވެ.
މަހުންމަހަށް ފީ ދައްކާ ޕްލޭންތަކުގެ ތެރެއިން ސްޓޭންޑާޑް ޕްލޭންގެ އަގަކީ 9.99 ޑޮލަރު އަދި ޕްރިމިއަމް ޕްލޭންގެ އަގަކީ 12.49 ޑޮލަރެވެ.
މުޅި އަހަރަށް ފީ ދައްކާ ސްޓޭންޑާޑް ޕްލޭންގެ އަގަކީ 99.99 ޑޮލަރު އަދި ޕްރިމިއަމް ޕްލޭންގެ އަގަކީ 124.99 ޑޮލަރެވެ.
މިއީ، އެންމެ ވާދަވެރި ނެޓްފްލިކްސްގެ އަގުތަކާ އަޅާބަލާއިރު ކުޑަ އަގެކެވެ.