30 Mar 2026

ޕެޓްރޯލް މިހާ އަގު ބޮޑުއިރު މިއީ ހަރަދު ކުޑަވާނެ ގޮތްތައް

ތެލުގެ އަގު މިއިން ޒަމާނަކު ވެސް ނުވާހާ ބޮޑުވެއްޖެ އެވެ. ބެލެވެނީ އަދިވެސް ދާނީ މައްޗަށް ކަމަށެވެ. ސައިކަލް ދުއްވުން މަދުކޮށްލުމަކީ އެންމެ މޮޅު ގޮތް ނަމަވެސް ސައިކަލް ގެންގުޅޭ ގޮތާއި ދުއްވާ ގޮތް ފަދަ އެތައް ކަމަކުން ވެސް ޕެޓްރޯލްގެ ހަރަދު ކުޑަކޮށްލެވޭނެ އެވެ.

ފުރޮޅުގައި ރަނގަޅަށް ވައި ހުރުން

ސައިކަލުގެ ފުރޮޅުގައި ހުންނަންޖެހޭ ވަރަށް ވައި ހުރުމަކީ ތެޔޮ އިގްތިސާދު ކުރުމަށާއި ދުއްވާއިރު ސަލާމަތީގޮތުން ވަރަށް މުހިންމު ކަމެކެވެ. ވައި މަޑުން ހުރުމުގެ ސަބަބުން، ދުއްވާއިރު އިންޖީނަށް ބާރު ބޮޑުވެ، ތެޔޮ ހިނގާ މިންވަރު އިތުރުވެ އެވެ. އަދި ފުރޮޅު އަވަހަށް ހަލާކުވާން ވެސް މެދުވެރިވާނެ އެވެ. އަނެއްކޮޅުން، ވައި މާ ގަދަޔަށް ހުރުމަކީ ސައިކަލު ކޮންޓްރޯލް ކުރުމަށް އުނދަގޫވެ، ނުރައްކާތަކާ ކުރިމަތިވެދާނެ ކަމެކެވެ. އެހެންވެ، އެ ސައިކަލެއްގައި ފުރޮޅަށް ވައި ޖަހަން ޖެހޭ ވަރަށް ވައި ޖަހާފައި ބަހައްޓާށެވެ.

ސައިކަލު ލުއިކޮށްލާ

ސައިކަލަށް ބަރުވުމަކީ ތެޔޮ ހިނގާ މިންވަރު އިތުރުވާނެ ކަމެކެވެ. ސައިކަލް ފަހަތަށް މީހަކު އަރުވައިގެން ދުއްވުމުން، އެކަނި ދުއްވާއިރަށް ވުރެ އިތުރަށް ތެޔޮ ހަރަދުވާނެ އެވެ. މީހާގެ ބަރުދަން މާބޮޑަށް ބަރުކޮށް ހުރުމަކީ ވެސް ސައިކަލްގެ ތެޔޮ ހަރަދު ބޮޑުވާނެ ކަމެކެވެ.

ސައިކަލްގައި މުދާ އުފުލާ މީހުން ވެސް މަދެއް ނޫނެވެ. އެހެންވެ މިފަދަ ކަންކަމަށް ބަލައި، އިންޖީނަށް ބާރު ބޮޑުނުވާ ގޮތަށް ސައިކަލް ލުއިކޮށްލާށެވެ.

ކުއްލި ކުއްލިއަކަށް ބާރަށް ނުދުއްވުން

ކުއްލިކުއްލިއަށް ބާރަށް ދުއްވުމާއި، ކުއްލިކުއްލިއަށް ބުރަކި ޖެއްސުމާއި އަދި މާ ބާރަށް ދުއްވުމަކީ ތެޔޮ ގިނައިން ހިނގާ ކަންކަމެވެ. އެއްވަރެއްގައި މަޑުމަޑުން ރޭސް ދީގެން ދުއްވަން އާދަކުރާށެވެ. ކުރިއަށް އޮތް ޓްރެފިކަށް ބަލައިގެން ހަމަޖެހިގެން ދާށެވެ. ކިތަންމެ ބާރަށް ދިޔަޔަސް ކުރިއަރައިގެން ދެވެން ނެތް ނަމަ އަދި އަމުދުން ބާރަށް ދިއުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟

މިއީ ތެޔޮ އިގްތިސާދުވުމުގެ އިތުރުން އިންޖީނާއި ސައިކަލުގެ އެހެން ބައިތަކުގެ އުމުރު ވެސް ދިގުކުރަން ވިސްނަންޖެހޭ ކަމެކެވެ.

ސައިކަލް މެއިންޓަނަންސް

ސައިކަލު އަބަދުވެސް ރަނގަޅު ހާލަތުގައި ބަހައްޓާށެވެ. އިންޖީނު ތެޔޮ ބަދަލުކުރުމާއި، އެއާ ފިލްޓަރު ބަދަލުކުރުމާއި، ސްޕާކް ޕްލަގް ޗެކްކުރުން ފަދަ ކަންކަން، މެނުއަލްގައި ބުނާ ގޮތަށް ގަވައިދުން ކުރާށެވެ. ރަނގަޅަށް ބަލަހައްޓާ ސައިކަލެއްގެ އިންޖީނުގެ ހިނގުން ފުރިހަމަވާނެ އެވެ. އަދި ތެޔޮ އެންދުން މަދުވެ، މެކޭނިކަލް މައްސަލަތައް ވެސް މަދުވާނެ އެވެ.

ތެޔޮ ޕެޓްރޯލް

Popular