9 Jul 2018

މިއީ ސިނަމާގައި ފިސާރި އަންހެނުން!

މިއީ ސިނަމާގައި ފިސާރި އަންހެނުން!

By: Ahmed Adhushan

ދިވެހި ސިނަމާގައި މާ ދިގު މާޒީއެއް ނެތަސް ރާއްޖޭގައި ވެސް ވަރަށް ފާހަކޮށްލެވޭ އަންހެން ފަންނާނުންތަކެއް ފެނިގެން ހިނގައްޖެ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ދުނިޔެއަކު ވެސް ނެތެވެ. އެކަމަކު ދިވެހި ފިލްމީ އިންޑަސްޓްރީގެ ނުފޫޒު ގަދަ އަންހެނުންގެ ހަނދާންތައް އާކޮށްލާ ނަމަ، ވަރަށް ވެސް މަޝްހޫރު އަދި އެހާމެ ފަރިތަ ނަންތަކެއް އެބަ ހުއްޓެވެ.

އަށްޑިހައިގެ އަހަރުތަކުގައި ރާއްޖޭގައި ސްކްރީން ފިލްމުތައް ހަދަން ފެށުމާ އެކު އެންމެ ވިދާލި ބަތަލާއަކީ މަރިޔަމް ރަޝީދާ އެވެ. މަޝްހޫރު ނަމުން މަރަދޫ މަރިޔަމް ރަޝީދާ އެވެ. ރަޝީދާ އާއި މުހައްމަދު ރަޝީދު (ދަރާ) ގެ ޖޯޑަކީ އެއް ދުވަސްވަރެއްގައި އެންމެ އާންމު އަދި އެންމެ ލޯބި ޖޯޑު ވެސް އެވެ. ހުސައިން ޝިހާބާއި މުހައްމަދު މުސްތޮފާ ހުސައިން ފަދަ ބޭފުޅުން ފިލްމު ހެއްދެވި މާޒީގައި މަރިޔަމް ރަޝީދާއަކީ އެންމެ ގިނަ ފިލްމްތައް ކުޅުނު ބަތަލާ އެވެ. އެއްގޮތަކުން އޭނާ ސިފަ ކުރެވޭނީ ފުރަތަމަ ސްކްރީން ބަތަލާގެ ވެސް ގޮތުގަ އެވެ.

މަރިޔަމް ރަޝީދާގެ ލަވައެއް.

މަރިޔަމް ރަޝީދާ ކެރިއަރުގައި ކުޅުނު ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ހާލި"، "ލޭކަރުނަ" އަދި "އިތުބާރު" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. ފަހުން ދިރިއުޅުން އައްޑު އަށް ބަދަލުކޮށް، ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރުވުމަށް ފަހު ވެސް ރަޝީދާ ވަނީ ބައެއް ޑްރާމާތަކާއި ފިލްމްތަކުގައި މުހިއްމު ރޯލްތަކެއް އަދާކޮށްފަ އެވެ.

އޭގެ ތެރޭގައި އަބްދުލް ފައްތާހްގެ ޑްރާމާ ސިލްސިލާ "ރޭޝަމް" އާއި އަމްޖަދު (އަމްޖޭ) އިބްރާހީމްގެ ފިލްމް "ކަށްވަޅަށް ދާންދެން" ހިމެނެ އެވެ.

މަރިޔަމް ރަޝީދާގެ ތަރި އަރައިގެން އައި ޒަމާނުގައި މުހިންމު އެހެން ނަމެއް ވެސް އެބައޮތެވެ. އެއީ ހާޖަރާ އަބްދުލްކަރީމެވެ. ހާޖަރަކީ ތަފާތު އެތައް ވައްތަރެއްގެ ރޯލްތައް ކުޅެން އެހާމަ ކުޅަދާނެ ބަތަލާއެކެވެ. ހެއްވާ މަޖާ ރޯލްތަކާއި ނުބައި ނުލަފާ ޒީލަގަދަ މީހެއްގެ ރޯލްތައް ވެސް އޭނާ ހަމަ ވަރަށް ފައްކަލެކެވެ.

ހާޖަރާގެ ލަވައެއް.

މިހާރު ދުނިޔޭގައި ނެތަސް ހާޖަރާގެ ހަނދާންތައް ދިވެހިންގެ ހިތަކުން ނޮފޮހެވޭނެ އެވެ. އޭނާ ވަނީ ވަރަށް ގިނަ ފިލްމުތަކާއި ޑްރާމާތައް ކުޅެފަ އެވެ. އަދި ފަހުން "ދޮންމަންމަ" އާއި "އަޖައިބު" ފަދަ ފިލްމްތައް ޑައިރެކްޓްކޮށް، އެ ފިލްމުތަކުގައި ވެސް މުހިއްމު ރޯލްތަކެއް ކުޅުނެވެ. ހާޖަރާގެ އެންމެ ފަހު ހަނދާނަކީ ފައްތާހް ޑްރާމާ ސިލްސިލާ "ތިއޭ މި ހިތުގެ ވިންދަކީ" އެވެ.

ހާޖަރާގެ ނަމާ އެކު ދެން އެން މަޝްހޫރު ނަމަކަށް ވާނީ ސިއްތިފުޅެވެ. މިއީ ދިވެހި ސިނަމާގެ އެންމެ ފައްކާ އަންހެން ކޮމިޑީއަން އެވެ. ސިއްތިފުޅަކީ އޭނާގެ ހެއްވާ މަޖާ އެތައް ރޯލްތަކަކުން ބެލުންތެރިން ހީހީ ހަލާކު ކުރުވި ބަތަލާއެކެވެ. ސިއްތިފުޅު ހޯދި ވަރުގެ މަގުބޫލު ކަމެއް ކޮމެޑީތައް ރޯލްތައް ކުޅެގެން މި ފަހުން އެއްވެސް ބަތަލާއަކަށް ހޯދިފައެއް ނެތެވެ.

ސިއްތިފުޅުގެ ވީޑިއޯއެއް.

ދިވެހި ސިނަމާގެ އަންހެން ފަންނާނުންތަކަށް ބަލާ އިރު، އާރިފާ އިބްރާހީމަކީ ދެގޮތެއް ނުވާ ބަތަލާއެކެވެ. މި ދާއިރާ އަށް ނުކުތީއްސުރެ އޭނާގެ މަސައްކަތަކަށް ހުއްޓުމެއް ނެތެވެ. އާރިފާއަކީ އެއް ދުވަސްވަރެއްގައި މުޅި ދިވެހި ސިނަމާގައި މަންމަގެ ރޯލް ވެސް ކޮންޓްރޯލް ކުރި ބަތަލާއެކެވެ. އޭނާ މިހާތަނަށް ވަރަށް ގިނަ އަދަދެއްގެ ފިލްމްތަކާއި ޑްރާމާތައް ކުޅެފި އެވެ. އެންމެ ފަހުން އޮލިމްޕަހުގައި އެޅުވި ފިލްމު "ތިޔަ ލޯތްބާ ދުރަށް" އަކީ ވެސް އާރިފާ ފެނިގެން ދިޔަ ފިލްމެކެވެ.

ހާޖަރައާ އެއްގޮތަށް އާރިފާއަކީ ވެސް ކެމެރާގެ ފުރަހުގައި ވެސް މަސައްކަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ. އޭނާ ވަނީ ވަރަށް ކާމިޔާބު ޑްރާމާ ސިލްސިލާތަކާއި "ސާހިބާ" ގެ ނަމުގައި ފީޗާ ފިލްމެއް ވެސް ޑައިރެކްޓްކޮށްފަ އެވެ. އާރިފާ ޑައިރެކްޓް ކުރި ޑްރާމާތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލުވެގެން ދިޔައީ "ވައިރޯޅި އަށް ވެސް ސިއްރުން" އެވެ.

އާރިފާ ޑައިރެކްޓް ކުރި "ސާހިބާ" ގެ ލަވައެއް.

ދެން އޮތީ ފިލްމީ ދާއިރާގެ އެންމެ ނުފޫޒު ގަދަ އެއް އަންހެނާގެ ވާހަކަ އެވެ. އެއީ ފާތުމަތު ނަހުލާ އެވެ. ފިލްމުތައް ހަދައިގެން ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި މީހަކީ ވެސް މިއީ އެވެ. ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ނަހުލާއަކީ ފިލްމީ މަސައްކަތްތައް ފެށީއްސުރެ ދެގޮތެއް ނުވެ، ހިފަހައްޓަމުން އަންނަ ހަމައެކަނި އަންހެން ޑައިރެކްޓަރު/ޕްރޮޑިއުސަރު ވެސް މެ އެވެ. "ފަހުނޭވާ" އިން ފީޗާ ފިލްމް ޑައިރެކްޝަނަށް ނުކުތުމުގެ ކުރިން ނަހުލާ ވަނީ ޑްރާމާތަކެއް ވެސް ބެލުންތެރިންނަށް ގެނެސްދީފަ އެވެ.

އެކަމަކު އޭނާ ފަހުން ގެނެސްދޭން ފެށި އަސަރުގަދަ ލޯބީގެ ފިލްމުތަކުގެ ޖާދޫގައި ބެލުންތެރިން ޖައްސުވާލައި، ނަހުލާގެ ވަރުގަދަކަން އަންނަނީ ތަކުރާރު ކުރަމުންނެވެ. މިހާރު އަމިއްލަ ފިލްމު ކުންފުނި ކްރިސްޓަލް އެންޓަޓައިންމަންޓުން ފިލްމު ހަދަމުން އަންނަ އިރު، ނަހުލާއަކީ އަމާޒުވި ބޮޑެތި އަދި ގިނަ ފާޑުކިޔުންތަކާ އެކު ވެސް ކާމިޔާބީއަކީ މަސައްކަތް ކުރާ މީހަކަށް ލިބޭނެ އެއްޗެއްކަން ސާބިތުކޮށް ދީފަ އެވެ.

ނަހުލާ އެންމެ ފަހުން ޑައިރެކްޓް ކުރި "4426" ގެ މަސައްކަތުގެ ތެރެއިން.

އަމިއްލަ އަށް ލިޔެ، ޑައިރެކްޓް ކުރުމުގެ އިތުރަށް ފިލްމްތައް ޕްރޮޑިއުސްކޮށް އެހެން ޑައިރެކްޓަރުން ލައްވައި ނަހުލާ ކުރުވާ މަސައްކަތްތަކަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ޔަގީންވާ ކަމަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ޑައިރެކްޓަރެއްގެ ގޮތުގައި ނަހުލާ ހޯދި ވަރުގެ މަގުބޫލުކަމަކާއި ކާމިޔާބީއެއް ރާއްޖޭގެ އެހެން އެއްވެސް އަންހެން ޑައިރެކްޓަރަކަށް ހާސިލް ކުރެވިފައި ނެތް ކަމެވެ. ނަހުލާ މިހާރު އަންނަނީ ރާއްޖޭގައި ހަދާ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރަކީ އަނެއްކާ ވެސް އޭނާގެ ފީޗާ ފިލްމެއް ވެސް ބެލުންތެރިންނަށް ފެނިގެން ދާނެ އަހަރެކެވެ.

ފިލްމީ ދާއިރާގެ މިހާރުގެ ޒުވާން ފަންނާނުންތަކަށް ބަލާ އިރު، ފިލްމީ އާއިލާއެއްގެ ތެރެއިން ނުކުތް އައިޝަތު ރިޝްމީއަކީ ވެސް ތަފާތު ނަމެކެވެ. އެހެން ބަތަލާއިންނާ އޭނާ ތަފާތުވާ ސަބަބަކީ ކެމެރާގެ ފުރަގަހުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރާތީ އެވެ. އޭގެ އެއް ހެއްކަކަށް އާއިލީ ފިލްމް ކުންފުނި ޔާރާ ޕްރޮޑަކްޝަނުން ސިލްސިލާކޮށް ކުރިން ގެނެސްދިން ވީސީޑީތައް ނެގި ދާނެ އެވެ، އެ މަސައްކަތުގެ އެންމެ ބޮޑު މޭސްތިރިއަކީ ރިޝްމީ އެވެ.

އަނެއްކޮޅުން ރިޝްމީ ބޮޑު ސްކްރީނަށް ނުކުތީ ވެސް އަމިއްލަ އަށް ޑައިރެކްޓް ކުރި ފިލްމު "ހުކުރުވިލޭރެ" އާ އެކުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ "ފަނާ" ވެސް ޑައިރެކްޓްކޮށް، އޭގެ ބަތަލާގެ ރޯލް ކުޅެފަ އެވެ. މިހާރު ރާއްޖޭގައި ތިބި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެކަކީ ރިޝްމީ އެވެ.

ރިޝްމީގެ އެންމެ ފަހުގެ ފިލްމް "ވިޝްކާ" ގެ ލަވައެއް.

އޭނާއަކީ އެންމެ ފަހުން ބޭއްވި ސާކް ފިލްމު ފެސްޓިވަލުން މި ސަރަހައްދުގެ އެންމެ މޮޅު ބަތަލާގެ މަގާމު ވެސް ހޯދި ބަތަލާ އެވެ. މިއީ ދިވެހި ބަތަލާއަކު އެ މަގާމު ހާސިލު ކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ. މިދިޔަ އަހަރު އެންމެ ހިނގި އެއް ފިލްމު ކަމަށްވާ "ބޮސް" ޑައިރެކްޓްކޮށްގެން، އޭނާގެ ތަފާތުކަން ރިޝްމީ ދައްކަމުން އަންނަ އިރު، އަންނަ އަހަރަކީ ވެސް ރިޝްމީ ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ކުޅޭ ފިލްމެއް ސިނަމާ އަށް އަންނާނެ އަހަރެކެވެ.

ފާތިމަތު ނަހުލާ ދިވެހި ފިލްމް އިންޑަސްޓްރީ އައިޝަތު ރިޝްމީ

Popular