3 Dec 2018

By: Ifraz Ali

ޑައިރެކްޓަރު ފާތިމަތު ނަހުލާ ގެނެސްދިން "ޔޫސުފް" އަކީ އޭނާގެ އަތުގައި އޮތް އެންމެ ބޮޑު ރެކޯޑެވެ. ފޭނުން ރޮއްވަމުން، އޮލިމްޕަހުގައި އެކަނި ވެސް 50 ހައުސްފުލް ޝޯ ދައްކާލި އެވެ. ރަށްރަށުގައި ވެސް ގިނަ ޝޯތަކެއް ދެއްކި އެވެ. ބްލޮކްބާސްޓާ އެ ފިލްމަށް މިހާރު ދިހަ ވަރަކަށް އަހަރު މިވީ އެވެ.

އިމޯޝަނަލީ ފޭނުންނާ ކުޅެލަމުން އައި ނަހުލާ ދެ ވަރަކަށް އަހަރު ކުރިން ހިތްތަކާއި މާ ވަރުގަދައަށް ވެސް ކުޅެލި އެވެ. ޖަރުބާތުގައި ޖައްސައި ރޮއްވާލީކީ ވެސް ނޫނެވެ. ގަންނަވާލީ ބިރެވެ. ނަހުލާގެ ސްޓައިލާ މުޅިން ބީރައްޓެހި ބިރުވެރި ފިލްމަކުންނެވެ. މާސްޓަޕީސްއެއްގެ ދަރަޖަ ދީފައި އޮތް "4426" އިންނެވެ.

އަމިއްލަ ސްޓައިލުން ބޭރުވުމަށްފަހު އޭގެ އަހަރެއް ފަހުން އަނެއްކާ ވެސް ނަހުލާ އޭނާގެ ސްޓައިލް އަނބުރާ ސްކްރީނަށް ގެނަ އެވެ. ހިތްތަކާ އަނެއްކާ ވެސް ކުޅެލީ އޭނާ ދިން "ބޮސް" އަކުންނެވެ. އެ ފިލްމު އޮލިމްޕަހުގައި ހިނގައިގަތުމާއެކު އޭނާގެ ސްޓައިލް އަދިވެސް ބާ ނުވާކަން އިނގުނެވެ.

ފިލްމު "ޔޫސުފް" ގެ ޓްރައިލާ.

އެ ފިލްމުތަކާއެކު އަނެއްކާ ވެސް އޮލިމްޕަހުގެ ދޮރު ފޭނުންނަށް ހުޅުވާލަން ނަހުލާ ހުރީ ތައްޔާރުގަ އެވެ. މި މަހު ހަތެއް، އަށެއް އަދި ނުވަ އެއްގައި މިއިން ކޮންމެ ފިލްމެއްގެ ޝޯއެއް އޮލިމްޕަހުގައި ދައްކާނެ އެވެ. މިއަދު ޓިކެޓް ވިއްކަން ފަށާނެ އެވެ.

މީގެ ކުރިން، ތިން ފަހަރެއްގެ މަތިން "ބޮސް" އާއި "4426" ގެ ޝޯތަކެއް އޮލިމްޕަހުގައި ދެއްކި އެވެ. ނަހުލާ ބުނީ އެ ޝޯތައް ވެސް ހައުސްފުލްވި ކަމަށެވެ. މި ބުރުގައި އޭނާ "ޔޫސުފް" ވެސް އަލުން ބޮޑު އިސްކިރީނަށް ގެންނައިރު މިއީ 2007ގެ ފަހުން އެ ފިލްމު އަލުން އޮލިމްޕަހަށް ގެންނަ ފުރަތަމަ ފަހަރު ކަމަށް ވެސް ނަހުލާ ބުންޏެވެ.

ފިލްމު "4426" ގެ ޓްރެއިލާ.

ކުރެވުނު ސުވާލަކީ މިހާރު "މުސްކުޅި" ވެފައި އޮތް "ޔޫސުފް" ބަލަން ބަޔަކު އޮލިމްޕަހަށް ހިނގައިދާނެ ހެއްޔެވެ؟

"މީހުން ހާދަ ވަރަކަށް އަހައޭ. އަބަދުއަހާ ދެން ކޮން އިރަކުންތޯ މި ފިލްމުތައް އަޅުވާނީ. މިހާރު ވެސް އަނެއްކާ ފިލްމުތައް އަޅުވާ ވާހަކަ ބުނީމަ ބައިވަރު މީހުން އެބަ މެސެޖްކުރޭ ޓިކެޓް ނަގަން ކިހިނެއްތޯ ހަދަންވީ އަހަން. މިހާރު ވެސް މެސެޖުތަކަށް ރިޕްލައިކުރަން މި އިނީ،" ނަހުލާއާ އެ ސުވާލުކުރުމުން ދިން ޖަވާބަކީ މިއެވެ.

"ޔޫސުފްއަކީ އަހަރެން އަމިއްލައަށް އެކަނި ޑައިރެކްޓުކުރި ފިލްމެއް. މި ފިލްމު ވަރެއް އަދިވެސް ނުވޭ އަހަރެންގެ އިތުރު އެހެން ފިލްމަކަށް. މާލޭގައި 50 ޝޯ ދައްކާއި މުޅި ރާއްޖޭގައި ވެސް 40 ދުވަހުގެ ތެރޭގައި ޝޯތައް ދެއްކި. މި ފިލްމު ލީކުވިއިރު ވެސް ފައިދާވެއްޖެ އެހެން ފިލްމުތަކަށް ވުރެން ބޮޑަށް."

ފިލްމު "ބޮސް" ގެ ޓްރެއިލާ.

ނަހުލާ ބުނީ މިހާރު ވެސް މި ފިލްމު ބަލަން އޮލިމްޕަހަށް ދާނެ ބައިވަރު މީހުން ވާނެ ކަމަށެވެ. ފިލްމު ނާޅުވައިގެން މީހުން އަހާނީ ވެސް އެހެންވިމާ ކަމަށް އޭނާ ބުންޏެވެ.

މަންމަނު މީހަކާއި ޒުވާން އަންހެން ކުއްޖެއްގެ ދެމެދުގައި އުފެދޭ ލޯބީގެ ގުޅުމަކަށްފަހު ހިނގައިދާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގައި ލީޑުން ފެނިގެންދިޔައީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ނިއުމާ މުހައްމަދު، ޝީލާ ނަޖީބް، މުހައްމަދު މަނިކު އަދި ލައިޝް އެވެ. މި ފިލްމަކީ ނަހުލާގެ އަމިއްލަ ވާހަކައަކަށް، އޭނާ ސްކްރީންޕްލޭ ތައްޔާރުކޮށް އަދި ޑައިރެކްޓުކޮށް ގެނެސްދިން ފިލްމެކެވެ.

Popular