12 Mar 2019

By: Aishath Maaha

ތަފާތު ޖޯންރާތަކުގެ ފިލްމުތަކާއި ޓީވީ ޝޯތައް ދިވެހި ސްކްރީނަށް ގެންނަމުން ގޮސް، ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ޖޯންރާ ކަމަށްވާ ސިޓްކޮމް ވެސް ސްކްރީނަށް އައީ އެވެ. މިދިޔަ މަހުން ފެށިގެން ސޯޝަލް މީޑީއާގައި އޯކޭޒުންނާއި ބައިސްކޯފުން ކަރުހަކުރޭ ކިޔައިގެން ކުރިއަށް ގެންދިޔަ ކެމްޕޭނަކީ މި ސިޓްކޮމް އެވެ.

ޕިއްޒާ ފޮއްޗެއްގައި އަތްނުލާށާއި ދޮންކޭލަށް އެލާޖިކްވާ ވާހަކަ އާއި މި ވާހަކަތައް އެނބުރިގެން މި ދިޔައީ މި ޝޯއަށެވެ. މިފަހަރު ވެސް ތަފާތެއް ނޫން ހެއްޔެވެ؟ މީގެކުރިން ވެސް އޯކޭޒުން ވަނީ މިފަދަ ތަފާތު ސަޅި ކެމްޕޭންތައް ކުރިއަށް ގެންގޮސްފަ އެވެ.

ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި، ފިލްމީ ދާއިރާގައި އެތައް ޒަމާންތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ މުސްތަފާ ހުސައިން ވަނީ "ކަރުހަކުރު" ޕްރިމިއާކޮށްދީފަ އެވެ.

އެ ހަފުލާގައި ކަރުހަކުރުގެ ފުރަތަމަ އެޕިސޯޑު ވެސް ވަނީ ދައްކާލާފަ އެވެ. ބައިސްކޯފުން މާދަމާ ރެއިން ފެށިގެން ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ކަރުހަކުރު ދައްކަން ވަނީ ހަމަޖެހިފަ އެވެ. އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނެޓެވެ.

ކަރުހަކުރު ޕްރިމިއާ ކުރަން ރޭ ބޭއްވި ހަފްލާގައި އޭގެ ބައެއް ތަރިން. --

ކަރުހަކުރުގެ މެއިން ކާސްޓުންގެ ތެރޭގައި ހިމެނެނީ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް، ރައުފަތު ސޯދިގު، އަލީ އާޒިމް (ދޮން އައްޔަ)، އައިޝަތު އަލީ އަދި ހުސެން ނާޒިމް އެވެ. މިއީ ބައިސްކޯފާއި އޯކޭޒުން ގުޅިގެން އުފައްދާފައިވާ ޝޯ އެކެވެ.

ސިޓްކޮމްސް ނުވަތަ ހެއްވާ މަޖާ ޓީވީ ޝޯތަކަކަކީ ދިވެހިންގެ ތެރޭގައި، ހާއްސަކޮށް ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި ގަބޫލު ޝޯތަކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ޝޯތަކުގެ ތެރޭގައި "ފްރެންޑްސް"، "ބިގްބޭންގް ތިއަރީ"، "ބްރުކްލީން ނައިންޓީ ނައިން"، "ދި އޮފީސް"، ވީޕް އަދި "މޮޑާން ފެމެލީ" ހިމެނެ އެވެ.

Popular