By: Ifraz Ali
ފިލްމުގެ ފުރަތަމަ ހާފު ދިޔައީ ވަރަށް ފޫހިކޮށެވެ. ބޮޑު ކާސްޓުގައި ހިމެނޭ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ކެރެކްޓާ ދައްކާލުމަށް ވަގުތު ދިނެވެ. އެ ހާފު ދިގުލައިގެން ގޮސް ކުޑަކޮށް ފޫހިވީ ވެސް އެހެންވީމަ ކަންނޭނގެ އެވެ. އެކަމަކު ގިނަ ފަހަރަށް ބޮޑު ކާސްޓެއް ހިމެނޭ ފިލްމެއް ވިއްޔާ އެއް ބަޔަކު ތިބޭނީ ބާކީވެފަ އެވެ. މި ފިލްމުގައި އެހެނެއް ނުވި އެވެ.
ދެ ވަނަ ހާފު ފެށުމާއެކު ވެފައި ހުރި ފޫހިކަމެއް ވިއްޔާ އެއްކޮށް ކަނޑުވާލި އެވެ. ޑާކްރެއިން އެންޓަޓެއިންމަންޓްގެ "މާމުއި" ގެ އަސްލު ކޮމެޑީ ފެށުނީ ދެ ވަނަ ހާފުންނެވެ. އެ ހިސާބުން ނިމެންދެން އިންނަން ޖެހުނީ ހީހީ އެވެ. ދެ ގަޑިއިރާއި 55 މިނެޓަށް ދެމިގެންދިޔަ މި ފިލްމަކީ ޑާކްރެއިން އިން މިހާތަނަށް ގެނެސްދިން އެންމެ ތަފާތު ކޮމެޑީ އެވެ.
- މުހައްމަދު ޖުމައްޔިލް (ސަލްމާން)
- މަރިޔަމް އައްޒަ (ހައިފާ)
- މަރިޔަމް މަޖުދާ (ތާނިޔާ)
- އިސްމާއިލް ޖުމައިހް (ރުޝްދީ)
- އަހްމަދު ޝާކިރް (ހުދު މުހުތާރު)
- އާދަމް ރިޒްވީ (ޕްރަދީބް)
- އަބްދުﷲ ޝާފިއު އިބްރާހިމް (ހައްޕު)
- ނުޒުހަތު ޝުއައިބު (ދިޔާނާ)
- އަހްމަދު ސުނީ (ރީތި އިއްސެ)
- ޑައިރެކްޝަން: އަލީ ޝިފާއު
- ވާހަކަ / ސްކްރީންޕްލޭ: އައިޝަތު ފުއާދު ތައުފީގު، އަހްމަދު ތޮލާލް
- ސިނަމަޓޯގްރާފީ: އަލީ ޝިފާއު، އަހްމަދު ޝިނާން
- މިއުޒިކް: މުހައްމަދު އިކްރާމް
- ޕްރޮޑިއުސަރު: މުހައްމަދު އަލީ، އައިޝަތު ފުއާދު ތައުފީގު
ވާހަކަ ބިނާވެފައި އޮތީ މާލޭގައި ދިރިއުޅެމުން އަންނަ މީހުންތަކެއްގެ މައްޗަށެވެ. މި އެންމެންނަކީ ވެސް ދިރިއުޅުމުގެ ގޮތުންނާއި މިޒާޖުގެ ގޮތުން ވެސް ވަރަށް ތަފާތު ބައެކެވެ. ފިލްމުގެ ފުރަތަމަ ހާފުގައި ބޮޑަށް އޮތީ މިއިން ކޮންމެ މީހެއްގެ ހާލަތު ބުނެދިނުމެވެ. ބޮޑު ކާސްޓުގެ ތައާރަފެކެވެ.
އަސްލު މަޖާގަނޑު ފެށެނީ ފިލްމުގެ ވިލަން، ނުރައްކާތެރި ގޭންގުސްޓާރު، ހުދު މުހުތާރު ތައާރަފުވާ ހިސާބުންނެވެ. ވަކި ހިސާބަކުން މި އެންމެންނަށް އެންމެން އެނގި، ފިލްމު ނިމެންދާއިރު ހުދު މުހުތާރު ޖަހާ ނުލަފާ ސަކަރާތްގަނޑެއްގެ ތެރޭގައި މި އެންމެން ވެސް ބެދެނީ އެވެ.
މާމުއިގެ ޕޯސްޓަރެއް --
ވަރުޖީނާގެ މެލޮޑްރާމާގައި ޖެހި ނުހީ ނީނދެވޭނެ އެވެ. ސީރިއަސް ރޯލުތަކުން އެތައް ބައެއްގެ ލޯބި ހޯދި ޝީލާއަށް، ކޮމެޑީ ރޯލުތައް ވެސް ކުޅެލުމަކީ މާ ބޮޑު ކަމެއް ނޫންކަން ފުރަތަމަ އެނގުނީ މި އަހަރު ނިކުތް ހޮރޯ ކޮމެޑީ ފިލްމު "40+" އިންނެވެ. އެ ފިލްމުގައި ޝީލާ ކުޅުނު މަޖާ ރޯލަށް ވެސް މިވަރަށް ތައުރީފު އޮއްސި އެވެ.
މި ފިލްމުގައި ޝީީލާ ކުޅުނީ ޒީލަގަދަ މައިދައިތައެއްގެ ރޯލެވެ. ހުރި ހަމައެކަނި ދަރި، ސަލްމާން މީހަކާ އިނުމުން އޭނާއާ އޮތް ގުޅުން ކުޑަވެދާނެތީ ޅީދަރިއަށް ޖެއްސުން ފަށެއް ކުރެ އެވެ. ސަލްމާންގެ އަންހެނުން ހައިފާ އާއި ވަރުޖީނާ ދެމެދުގައި އޮންނަނީ އަބަދު ހުޅު ރޯވެފަ އެވެ.
ވަރުޖީނާގެ ރޯލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ރޯޒީ އެވެ. އެއީ ވަރުޖީނާގެ ސެލޫން ހިންގުމާއި ހަވާލުވެ ހުންނަ އަދި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އެވެ. އެ ދެމީހުން ޖަހާ ސަކަރާތްގަނޑުން ވެސް ހީހީ ބަލިވެދާނެ އެވެ. ވަރުޖީނާގެ ހަޔާތަށް، ރީތި އިއްސެ އެނބުރި އަންނަ ހިސާބުން ވެސް މަޖާ ގިނަ ކަންތައްތަކެއް ހިނގަ އެވެ.
މާމުއިގެ ޕޯސްޓަރެއް --
ސަމާލުކަން ދަމައިގަންނާނީ ހުދު މުހުތާރުގެ ލަގްޒަރީ ވިލަން ސްޓައިލަށެވެ. އޭނާގެ ފުރަތަމަ ސީންގައި ޖެޓަކުން ފައިބައިގެން އަންނައިރު، ހުދު މުހުތާރަކަށް އޭނާ ވަނީ ކީއްވެކަން އެނގޭވަރު ކޮށްލަ އެވެ. އަރައިގެން ހުރި ބޫޓާއި ފަޓުލޫނާއި ލައިގެން ހުރި ގަމީހާއި އަޅައިގެން ހުރި އައިނާއި އަދި މަތިމަހާއި ތުނބުޅި ވެސް ހުރީ ހުދުކޮށެވެ.
މި ރޯލު ކުޅުނު އަހްމަދު ޝާކިރް (ޝާއްކޮ އައްމަޑޭ) މީގެ ކުރިން ވެސް ޑާކްރެއިންގެ ފިލްމުތަކުން ފެނިގެންދިޔަ އެވެ. ކުރިން ކުދި ރޯލުތަކުން ފެނުނު ނަމަވެސް މިފަހަރު މި ފިލްމުގައި އޭނާއަށް މި އޮތީ ވަރުގަދަ ރޯލެއް ލައްވާލައިފަ އެވެ.
"މާމުއި" ގެ ޓްރެއިލާ.
ދެން އެންމެ ކަމުދިޔައީ ފުބޫ، މާރިއާ ތުރެސާ އަދި ރިޒްވީ ކުޅުނު ރޯލެވެ. ޖުމައްޔިލް، އައްޒަ އަދި މަޖުދާ ވެސް ދެއްކީ ހަމަ އަބަދު ވެސް އެމީހުން ދައްކަމުން އަންނަ ނޯމަލް އެކްޓިންނެވެ. މުޅިން އަލަށް ފިލްމީ ދާއިރާއަށް ނިކުތް އަދި މި ފިލްމުގެ ޑައިރެކްޓަރު ޗިއްޕެގެ އަންހެނުން ޔާދާގެ އެކްޓިން ފިލްމު ކުރިއަށް ދިޔަ ވަރަކަށް ރީތިވަމުން ދިޔަ އެވެ.
ޑައިލޮގުތައް ކަމުނުދާތީ ބައެއް ކެރެކްޓާސްތައް މަތިން ފޫހިވި އެވެ. ޖުމައިހް އަދި ނުޒުހަތު ކުޅުނު ރޯލު ކަމުނުދިޔަ އެންމެ ބޮޑު ސަބަބަކަށްވީ އެއީ އެވެ. ޖުމައްޔިލް އަދި އައްޒަގެ ބައެއް ޑައިލޮގުތަކުން ވެސް އެކަން ފާހަގަވި އެވެ. އާންމުކޮށް ވާހަކަދައްކާ އުޅޭ ސްޓައިލަށް ޑައިލޮގުތަށް ރިލޭޓުނުވާތީ އެވެ.
މާމުއިގެ "ތިބާ" ލަވަ.
ފިލްމަށްވާ ހަރަދުކޮށްފައި އެބަހުއްޓެވެ. ހުދު މުހުތާރު އަންނަ ޖެޓާއި ހާއްސަ ފެނިލުމަކުން ފެނިގެންދާ ލެޖެންޑަރީ ދިވެހި އެކްޓަރު، އިސްމާއިލް ވަޖީހު އަންނަ ސަފާރީ އަދި ފިލްމުގެ ފައިނަލް ސީންތައް ނަގާފައިވާ އާގު ބޯޓެވެ. ހާއްސަ ފެނިލުންތަކުން އާރިފާ އަދި ސައީދު ވެސް ފެނިގެންދެ އެވެ.
ހަތަރު ލަވަ ހިމެނޭ ފިލްމުގެ މިއުޒިކުތައް ވެސް ވަރަށް ސަޅި އެވެ. އެންމެ ރީތީ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ) ގެ އަޑުން އިއްވާލި "ތިބާ" އެވެ. އަދި ކުރީގެ ހިޓް ދިވެހި ލަވަތަކުގެ ހަނދާންތައް އާކޮށްލަދިން "އަރައިގެން އައި އިރާއޭ" އެވެ.