By: Ifraz Ali
ޗުއްޓީ ހޭދަކުރަން ރާއްޖެ ކަހަލަ އެހެން ތަނެއް ނެތެވެ. ގޭމް އޮފް ތުރޯންސްގެ ކުއީން އޮފް ވިންޓަފެލް، ސަންސާ ސްޓާކްގެ ރޯލު ކުޅުނު ސޯފީ ޓާނާ އަނެއްކާ ވެސް ރާއްޖެ އައިސް ބުނީ މިހެންނެވެ. ސޯފީ އަދި އޭނާ ދާދިފަހުން ކައިވެނިކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯއީ ޖޯނަސް ވަނީ މި މަހު ރާއްޖޭގައި އެމީހުންގެ ހަނީމޫނު ހޭދަކޮށްފަ އެވެ. މިއީ އެ ދެމީހުން އެކުގައި ރާއްޖެ އައި ދެ ވަނަ ފަހަރެވެ.
ހަނިމޫނު ނިންމާލުމަށްފަހު މި މަހު 10 ގައި އެ މީހުން ވަނީ އެނބުރި ގޮސްފަ އެވެ. އެކަމަކު އެމީހުންގެ ހަނީމޫނުގެ ހަނދާންތައް ސޯޝަލް މީޑިއާއަށް ދޫކޮށްލީ މި ނިމުނު ހަފުތާ ތެރޭގަ އެވެ.
ސޮނެވާފުށީގެ އެކި ތަންތަނުގައި ޖޯއީ ބައިންދައިގެން ސޯފީ ނަގާފައިވާ ފޮޓޯތައް މި އިންސްޓަގުރާމް ޕޯސްޓުގައި އެބަހުއްޓެވެ --
މިދިޔަ އަހަރު ޗުއްޓީ ހޭދަކޮށްލަން އެމީހުން އައިސް ތިބީ ކޮކޯ ޕްރައިވް އައިލެންޑް ރިސޯޓުގަ އެވެ. މިފަހަރު އެމީހުން ޗުއްޓީ ހޭދަކުރީ، ބ. އަތޮޅުގެ އެންމެ ލަގްޒަރީ އެއް ރިސޯޓު ކަމުގައިވާ ސޮނެވާފުށި ރިސޯޓުގަ އެވެ.
"ދުވަސްތައް މި ހޭދަކޮށްލީ ވަރަށް ގިނައިން ވޯޓާމެލަން ޑައިކްރިސް ބޮމުން، ވާހަކަ ފޮތް ކިޔަމުން، ޓެނިސް ކުޅެމުން އަދި ބައިކް ރައިޑްތަކުގައި. މިއީ ހަމަ އެންމެ ބެސްޓް،" ސޮނެވާފުށި ކައިރީގައި އޮންނަ ދޮންވެލި ފިނޮޅު އަދި ޓެނިސް ކުޅެމުން ނަގާފައިވާ ވީޑިއޯއެއް އިންސްޓަގްރާމްކޮށް ސޯފީ ލިޔެފައި އޮތެވެ.
ޗުއްޓީ ހޭދަކޮށްލަން އެންމެ ސަޅި ތަނަކީ ރާއްޖެ ކަމަށާއި ދެން ވެސް ރާއްޖެ އަންނަ ބޭނުން ކަމަށް އެ ދެމީހުންގެ ޕޯސްޓުތަކުގައި ބުނެފައިވޭ --
"ޕެރެޑައިޒް.. ސަޗް އަ މެޖިކަލް ޕްލޭސް،" ސޮނެވާފުށީގެ އެކި ތަންތަނުގައި ނަގާފައިވާ ފޮޓޯތަކުގައި ސޯފީ ބުންޏެވެ.
"އައި ފައުންޑް ހެޕިނެސް،" ޖޯއީ ވެސް ވަނީ އޭނާގެ އިންސްޓަގްރާމްގައި އެކި ޕޯސްޓުތައް ކޮށްފަ އެވެ. އޭނާ ހުރީ އަދިވެސް ރާއްޖެއަށް އަންނަ ހިތްވެފަ އެވެ.
އެމީހުން ދުވަސްތައް ހޭދަކުރީ ވާހަކަ ފޮތް ކިޔުމާއި، ޓެނިސް ކުޅުމާއި އަދި ބައިކް ރައިޑުތަކުގައި ކަމަށް ބުނޭ. އޭގެ ވީޑިއޯތައް ވެސް ޕޯސްޓުކޮށްފައި އެބަހުއްޓެވެ --
ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، އެ ދެމީހުން ކައިވެނީ ކުރީ މިދިޔަ މެއި މަހު އެވެ. ކައިވެނީގެ ދެ ހަފްލާއެއް ވެސް އެމީހުން ބޭއްވި އެވެ. ފުރަތަމަ އެމީހުން ކައިވެނިކުރީ އެއްވެސް ބަޔަކަށް ނާނގާ ވަކިންނެވެ. ފަހުން އާއިލާ އާއި ރައްޓެހިންނާއެކު މިދިޔަ މަހު ފަހުކޮޅުގައި ވަނީ ކައިވެނި ހަފުލާއެއް ބާއްވާފަ އެވެ.
ސޯފީ ވަނީ މިއަހަރުގެ އެމީ އެވޯޑަށް ވެސް ނޮމިނޭޓުވެފަ އެވެ. އޭނާ ކުޅުނު ސަންސާގެ ރޯލުން، ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ނޮމިނޭޝަންގަ އެވެ. މިއީ އެމީ އެވޯޑަށް އޭނާ ނޮމިނޭޓުވި ފުރަތަމަ ފަހަރު ވެސް މެއެވެ.