By: Ifraz Ali
ލޯތްބާއި ޖަޒުބާތުގެ އަސަރުގަދަ ވާހަކަތަކެއް ހިމެނޭނެތީ، ފަހަރުގައި އަދިވެސް މިއީ ދިވެހި އޯޑިއެންސަށް އެންމެ ކަމުދާ ސްޓައިލުގެ ފިލްމަކަށް ވެދާނެ އެވެ. އަހްމަދު ޒަރީރްގެ ސްކްރީންޕްލޭއަކަށް ހެދި މި ފިލްމުގައި އަސަރު ހުންނާނެވަރު، މީގެ ޓްރެއިލާތަކުން ވެސް އައީ ފެންނަމުންނެވެ. ރޯން ބޭނުން މީހަކު ރޯންވީ އެވެ. މިހާރު ފިލްމު އޮތީ އަޅުވަން ތައްޔާރަށެވެ. އަންނަ ބުދަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރާނެ އެވެ. ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ. ޓިކެޓް ގަތުމުގެ ކުރިން އަދި އަހަރެމެން މި ފިލްމު ރިވިއު ކުރުމުގެ ކުރިން، އެކްޓަރު އަލީ ސީޒަން ޑައިރެކްޓުކުރާ މި ފިލްމު ބަލަންޖެހޭ ކަމަށް ފެންނަ "ރީޒަންސް" މި ހުރީ އެވެ؛
ސޯޝަލް މީޑީއަގާއި އެންމެ ނުފޫޒުގަދަ އެއް ދިވެހި އެކްޓަރަކީ ސީޒަން އެވެ. ފިލްމު ޕްރޮމޯޓްކުރަން ޖެއްސި ސްޓަންޓެކޭ މީހުން ކިޔެއް ކަމަކު، ހަގީގަތަކީ މި އެވެ. އޭނާ އަށް މަރުދޭ ކިތަންމެ ފޭނުންނެއް އަދިވެސް އެބަ ތިއްބެވެ. އެހެންވީމާ މި ފިލްމަށް އޭނާގެ ފޭނުން ކުރާ އިންތިޒާރު ވަރަށް ބޮޑުވާނެ އެވެ. މިހާރު ވެސް އެމީހުން ތިބޭނީ ޓިކެޓް ނަގައިގެން ނޫން ކަމެއް ވެސް ނޭނގެ އެވެ.
އެކްޓަރު އަލީ ސީޒަން؛ މި ފިލްމަކީ އޭނާ އަމިއްލަ އަށް ޑައިރެކްޓުކޮށް ގެނެސްދޭ ފިލްމެއް.
މުޖުތަމައުއާ ގުޅޭ ވާހަކަތަކެއް
މީގެ ވާހަކަ ލިޔެފައި ވަނީ ދިވެހި މުޖުތަމައުގައި މިހާރު ވަރަށް އާންމުކޮށް ވަމުންދާ ބައެއް ކަންކަމަށް ބަލައިގެންނެވެ. ކުދިން ވިހެއުމުގައި ދިމާވާ ބައެއް މައްސަލަތަކާއި އަދި އާއިލީ މައްސަލަތަކެއްގެ މައްޗަށެވެ. ކުރިން ވެސް ބުނިހެން ރޮވޭ ކަހަލަ އަދި ފެމެލީ މެލޮޑްރާމާ ފިލްމުތަކަށް ލޯބިކުރާ މީހުނަށް ރަނގަޅު އިހުތިޔާރަކަށް ވެދާނެ އެވެ.
ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ ކުޅަދާނަ އެކްޓްރެސް އަކީ ޝީލާ ނަޖީބޭ ބުނެވިދާނެ އެވެ. ލިބޭ ކޮންމެ ރޯލެއް ވެސް އެހާ މޮޅަށް ކުޅެ އެވެ. އެއީ ކޮންމެ ކަހަލަ ރޯލަކަށް ވިޔަސް، "ޝީ ފުލްސް އިޓް އޮފް" އެވެ. އާ އަހަރާ އެކު ޝީލާ ވަނީ މިހާރު އޭނާގެ ސްޓައިލަށް ވެސް ކުޑަ ބަދަލެއް ގެނެސްފަ އެވެ. މި ފިލްމަކީ ޝީލާ ބުރުގާ އެޅުމުގެ ކުރިން ކުޅުނު ފަހު ފިލްމެވެ.
"އަނދިރިކަން" ގެ ޕޯސްޓަރެއްގައި، އެކްޓްރެސް ޝީލާ ނަޖީބް.
ފިލްމީ ދާއިރާގެ "ކުއީން" ރިޝްފާ
މިދިޔަ އަހަރު ބޮޑު ސްކްރީނުން، އެކްޓްރެސް އައިމިނަތު ރިޝްފާގެ ފިލްމެއް ބަލައިލާކަށް ނުލިބުނެވެ. އެކަމަކު މި އަހަރު ރިޝްފާގެ ޝެޑިއުލް ވަރަށް ބިޒީ އެވެ. ފިލްމަކުން ނުފެނުނު ނަމަވެސް، އެ އަހަރު ދެއްކި ފާތިމަތު ނަހުލާގެ ޑްރާމާ "ހުވާ" ގައި، އެ ބަލާ މީހުނަށް އެންމެ ކަމުދިޔަ ތަރިއަކީ އޭނާ އެވެ. ބައެއް މީހުން އޭނާ ސިފަކުރީ ވެސް ދިވެހި ފިލްމީ "ކުއީން" ގެ ގޮތުގަ އެވެ. -- އެކްޓިންނާއި އެއްވަރަށް، ރިޝްފާގެ ރީތި ކަމަށް ކުރާ ތައުރީފެއްގެ ގޮތުގަ އެވެ.
ސީޒަން އާއި ރިޝްފާގެ އޮން-ސްކްރީން ޖޯޑު
ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ނިއުމާ މުހައްމަދު އަދި ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާގެ އޮން-ސްކްރީން ޖޯޑަށް ފަހު، ދެން އަންނާނީ ސީޒަން އާއި ރިޝްފާ އެވެ. ޖޯޑެއްގެ ގޮތުގައި އެކުގައި ބައެއް ފިލްމުތައް ކުޅުނު މި ދެ ތަރިންގެ އޮން-ސްކްރީން ކެމިސްޓްރީ ވަރަށް ބޮޑަށް ވެސް ދިމާވެ އެވެ.
"އަނދިރިކަން" ގެ ޝޫޓިންގެ ތެރެއިން، އެކްޓަރު އަލީ ސީޒަން އާއި އެކްޓްރެސް އައިޝަތު ރިޝްފާ.
ފިލްމުގެ މެއިން ކާސްޓުގައި މި ތިބި ދެ އެކްޓްރެސް އިންނަކަށް ވަކި ޒީނަތު އައްބާސް ވެސް ދޫދޭނެހެނެއް ހިއެއް ނުވެ އެވެ. ދާއިރާގައި މި ވީހާ ދުވަހު، ލިބުނު ކޮންމެ ރޯލެއްގައި ވެސް އޭނާގެ "ރިއަލް، ނެޗުރަލް ކެރެކްޓާ" ވަރަށް މޮޅަށް ދައްކައިދިނެވެ. މީގައި ޒީނަތު ކުޅެނީ ނަރުހެއްގެ ކެރެކްޓާ އެވެ.
"އަނދިރިކަން" ގެ ޕޯސްޓަރެއްގައި، އެކްޓްރެސް ޒީނަތު އައްބާސް.
ފިލްމު ޕްރިމިއާ ކުރީމަ ވާގޮތެއް ދެން ބަލަމާ ހެއްޔެވެ.