By: Ahmed Jaishan
ދުނިޔޭގެ ބޮޑު ސްކްރީނާއި ކުދި ސްކްރީންތަކަށް މި ހަފުތާ ވެފައި ވަނީ ބޮޑު ހަފުތާ އަކަށެވެ. ޑީސީގެ ފިލްމު ބޮޑު ސްކްރީނުގައި ދައްކާއިރު މާވެލްގެ އާ ޝޯ ކުޑަ ސްކްރީނުން ދައްކަނީ އެވެ. އޭގެ އިތުރުން ވެސް ތަފާތު ފިލްމުތައް މި ހަފުތާގައި ރިލީޒުކޮށްފައި ވެ އެވެ. މި ހަފުތާ ބަންދުގައި ބަލާލަން ރަނގަޅު ފިލްމުތަކެއް އެބަހުއްޓެވެ. އެ ލިސްޓުގައި މި ހަފުތާ ހިމެނެނީ ތުރިލާ އާއި ޑްރާމާ އަދި ރޮމޭންސް ފިލްމެކެވެ.
ޖޯން ޑެނިއެލް ވޮޝިންޓަން ލީޑް ރޯލުން ފެންނަ މި ފިލްމަކީ ތުރިލާއެކެވެ. ބެކެޓްގައި ޖޯން ކުޅެނީ ބެކެޓް ނަމަކަށް ކިޔާ ކެރެކްޓަރެއްގެ ރޯލެވެ. އެމެރިކާގެ ރައްޔިތެއް ކަމަށްވާ ބެކެޓް ގްރީސް އަށް ގޮސް އުޅެނިކޮށް ހުރިހާ ކަމެއް ގޯސް ވަނީ، ބަޔަކު އޭނާ މަރާލުމަށް އުޅޭ ހިސާބުންނެވެ. އެ ކަންތައްގަނޑު ފެށެނީ ގްރީސްގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓަކަށް ފަހުގަ އެވެ. ބެކެޓް ދެން މަސައްކަތް ކުރަނީ ގްރީސްގައި ހުންނަ އެމެރިކާގެ އެމްބަސީއާ ހިސާބަށް ދެވޭތޯ އެވެ. ނަމަވެސް އެ ދަތުރުގެ ތެރޭގައި ބެކެޓަށް ދިމާވެގެން އުޅޭ މައްސަލައަކީ ހީކުރި ވަރަށް ވުރެ ބޮޑު މައްސަލަ އެއް ކަން އޭނާ އަށް އެނގެ އެވެ.
ނެޓްފްލިކްސް އިން މި ޝޯ ސްޓްރީމް ކުރެވޭނެ އެވެ.
ދާދި ފަހުން ނެރުނު ފިލްމު ކޯޑާ އަކީ ތަފާތު އާއިލީ ޑްރާމާ އެކެވެ. މި ފިލްމުގައި ދައްކާނީ އަޑުއިވުމުން މަހުރޫމު ވެފައިވާ އާއިލާއެއްގެ ވާހަކަ އެވެ. އެމެރިކާގެ މެސެޗިއުސެޓްސްގައި އުޅޭ މި އާއިލާއިން ހާއްސަ މަސްވެރިކަމާ ގުޅޭ ވިޔަފާރި އެއް ހިންގަ އެވެ. ހަތަރު މީހުން ހިމެނޭ އެ އާއިލާގައި ހަމައެކަނި އަޑުއިވެނީ 17 އަހަރުގެ ރޫބީ އަށެވެ. ރޫބީގެ ބޭބެ އާއި ބައްޕަ އަދި މަންމަ އަށް އަޑު ނީވޭއިރު އެމީހުން ކުރާ މަސައްކަތުގައި ރޫބީ އެހީތެރިވެ އެވެ. ނަމަވެސް ރޫބީއަށް ކަންތައްތައް ބަދަލުވާން ފަށަނީ އޭނާ ހައި ސްކޫލު މިއުޒިކް ގްރޫޕާ ގުޅޭ ހިސާބުންނެވެ. އެހާ ހިސާބުން ރޫބީ އަށް މިއުޒިކް ކެރިއަރެއްގެ ގޮތެއްގައި ވަރުގަދަ ކުރެވޭނެ ކަމުގެ އުއްމީދު ލިބި ފުރުސަތުތައް ވެސް ލިބެން ފަށަ އެވެ. އެހާ ހިސާބުން ރޫބީ ޖެހޭނީ އާއިލާ އާއި އަމިއްލަ ހުވަފެންތަކާ ދެމެދު ކޮންމެ ވެސް އެއް ކަމެއް ހިޔާރު ކުރަންށެވެ.
މި ފިލްމަކީ އެޕަލް ޓީވީގެ އޮރިޖިނަލް ފިލްމެކެވެ. އަދި މިހާރު މި ފިލްމު ސްޓްރީމް ކުރެވޭނެ އެވެ.
ނެޓްފްލިކްސްގެ ޓީން ރޮމޭންސް ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު "ކިސިން ބޫތު 3" ވަނީ ދާދިފަހުން ރިލީޒްކޮށްފަ އެވެ. މިއީ ނެޓްފްލިކްސް އިން ނެރުނު އެންމެ މަގުބޫލު ފިލްމު ސީރީޒްތަކުގެ ތެރެއިން ހިމެނޭ އެއް ސީރީޒްގެ ފަހު ފިލްމެވެ. މީހުންގެ ފާޑުކިޔުން ރައްދުވާ މި ފިލްމު ސީރީޒްގެ ފަހު ފިލްމުގައި ފެންނާނީ އެލް ކޮލެޖަށް ދިޔުމުގެ ކުރިން އެންމެ ފަހު ޗުއްޓީ އެކުވެރިންނާއި އެންމެނާ އެކު އުޅޭ މަންޒަރުތަކެވެ. އެލް އެންމެ ކުރިން ނިންމާފައި އޮތީ އޭނާ ރަށްޓެހިވެހެން އުޅޭ ނޮއާ އުޅޭ ކޮލެޖަށް ދާށެވެ. ނަމަވެސް އެއީ އޭނާ އެންމެ ބޭނުން ނުވާ ނިންމުމަށްވާއިރު އެ ނިންމުމަކީ ނޮއާ އާ ކައިރީގައި ހުރުމަށް ނިންމާ ނިންމުމެކެވެ. އެއާ އެކު މި ފިލްމުގައި ދައްކާނީ އެލްގެ އެންމެ ފަހު ނިންމުމެވެ. އަދި އެލް ބޭނުންވާ ކޮލެޖަށް ދާނީތޯ ނުވަތަ ނުދާނީތޯ އެލް ވަރަށް އަވަހަށް ނިންމަން ޖެހެ އެވެ.
މި ފިލްމު ވެސް ނެޓްފްލިކްސް އިން ސްޓްރީމް ކުރެވޭނެ އެވެ.