10 Sep 2024

By: Aishath Jazlee

ލޯގަން އަކީ ކާކުކަން ނޭނގުނަސް، ކިއުކަމްބާ ސެލަޑު ހަދާނެ ގޮތުގެ އެކި ރެސިޕީތައް ޓިކްޓޮކާއި އެހެން ތަންތަނުން މި ދުވަސްވަރު ވަރަށް ގިނައިން ފެންނާނެ އެވެ. ކުޅިކޮށާއި ފޮނިކޮށް ކިއުކަމްބާއެއް ކައި ހުސްކޮށްލުމަށް ބޭނުންވާނެ ރަހަމީރު އެތައް ރެސިޕީއެކެވެ.

ޓިކްޓޮކްގައި ވައިރަލްވެގެން އުޅޭ ކިއުކަމްބާ ސެލެޑަށް ކުއްލި މަޝްހޫރުކަމެއް ލިބި, މީގެ ރެސިޕީތައް ވައިރަލްވީ ޓިކްޓޮކް ކްރިއޭޓަރު ލޯގަންއާ ހެދި އެވެ. މިހާރު އޭނާގެ ނަމަކަށް ކިޔައި އުޅެނީ ވެސް "ދަ ކިއުކަމްބާ ގައި" އެވެ.

މިލިއަނުން އެތައް ބަޔަކު އެ ރެސިޕީ ބެލުމުން ލޯގަން ކިއުކަމްބާ ސެލެޑްގެ ތަފާތު އެތައް ރެސިޕީއެއް ކިޔައިދީފި އެވެ. މި ސެލަޑަށް ލިބުނު މަގުބޫލުކަމުގެ ސަބަބުން، އެމެރިކާގެ ބައެއް ގްރޯސަރީ ފިހާރަތަކުގައި ލޯގަން ސެލެޑް ހަދަން ގެންގުޅޭ ކަހަލަ ތަށީގައި ސެލެޑް ހަދަން ބުނެ، ކިއުކަމްބާ ވިއްކަން ވެސް ފެށި އެވެ.

މި ލިޔެލަނީ ލޯގަންގެ ވައިރަލްވި ފުރަތަމަ ކިއުކަމްބާ ސެލެޑްގެ ރެސިޕީ އެވެ.

@logagm

Best way to eat an entire cucumber

♬ original sound - Logan

މި ރެސިޕީގައި ބޭނުން ކުރާ އެއްޗިހި އަޅަންވީ މިންވަރެއް ލޯގަންއެއް ނުބުނެ އެވެ. މި ސެލަޑަށް ލޯގަން ބޭނުން ކުރީ ބޮޑު ކިއުކަމްބާއެކެވެ. އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކިއުކަމްބާގެ ފޮތިތައް ތުނިކޮށް ކޮށާލާލުމެވެ. ކިއުކަމްބާ ކޮށާލުމަށް ފަހު، މަތިޖެހޭނެ ތައްޓަކަށް އަޅާލާށެވެ. ދެން މޭޒުމަތީ ދޮޅު ސަމުސަލުގެ ސޯއި ސޯސް އާއި ކުޑަ ފިޝް ސޯސްކޮޅެއް އަޅާށެވެ. ދެން ބޭނުން ވާނީ ހަކުރު ކޮޅަކާއި އެމްއެސްޖީ އަދި ސެސިމީ އޮއިލް އެވެ.

ލޯގަން ބުނަނީ ގިނައިން ސެސިމީ އޮއިލް އެޅުމަށެވެ. ދެން މިއަށް ލޮނުމެދެއް ގާނާފައި އަޅާށެވެ. ލޮނުމެދު ކޮށާފައި އެޅުމުން އޭގެ ރަހަ މާ ގަދަވާ ކަމަށް ލޯގަން ބުނެ އެވެ. މި ސެލެޑުގައި ދެން ބޭނުން ކުރަނީ ކުދިކޮށް ކޮށާފައި ދެ ގްރީން އަނިއަން އެވެ. އެންމެ ފަހު އެއްޗެއްގެ ގޮތުގައި ބޭނުން ކުރަނީ ސެސިމީ ސީޑެވެ. އަދި ބޭނުން ނަމަ ޗިލީ ފްލޭކްސް ކޮޅެއް އަޅަން ވެސް ލޯގަން ބުނެ އެވެ.

ހުރިހާ އެއްޗެއް އަޅައި ނިމުމުން މަތި ޖަހާފައި ރަނގަޅަށް ހަލުވާލައި އެއްކޮށްލާށެވެ. ތި އޮތީ ލޯގަންގެ ވައިރަލް ކިއުކަމްބާ ސެލެޑް ހެދިފަ އެވެ.

Popular