30 Jul 2017

ގަރުދިޔަ ކެއްކުމަކީ އާދައިގެ ކަމެއް ނޫން

ގަރުދިޔަ ކެއްކުމަކީ އާދައިގެ ކަމެއް ނޫން

By: Aishath Mihna Nasih

ދިވެހިންގެ މަގުބޫލު ދިވެހި ކާނާއާ ބެހޭ ގޮތުން ލިޔަން ޖެހުމުން ސިކުނޑި ސުމަކަށް ދިޔަ އެވެ. ދިވެހީންގެ ކެއުމުގެ ވައްޓަފާޅި ބަދަލުވެ ދިވެހި ރަހަތަކަށް ނޫނެކޭ ބުނެ ބާގާ އާއި ޕިއްޒާތަކުގެ ވާހަކަ މާ މޮޅު ކަމަށް ހަދައިގެން އުޅެން ފަށާފައި ވާތީ އެވެ. އެކަމަކު ގަރުދިޔަ އަކީ މަގުބޫލު ލިސްޓުގައި އަދިވެސް އޮންނަ ނަމެކެވެ.

ގަރުދިޔައިގެ ވާހަކަ މިހާ ޝައުގުވެރީ ކީއްވެހެއްޔެވެ؟ ފެން އެއްޗަކަށް މަސް އަޅައިގެން ކެއްކީމާ ގަރުދިޔަ ކެއްކުނީއޭ ބުނާނެ މީހުން މަދެއް ނުވާނެ އެވެ. އެކަމަކު އަނެއް ބަޔަކަށް މިއީ ފަސް ފޫޓުގެ ވެޑިން ކޭކެއް އެޅުން ފަދަ ކަމެކެވެ.

އެންމެ އާދައިގެ ނުވަތަ " ބޭސިކް" ލެވަލް އިން ފަށަން ހިނގާށެވެ. ފެން ތެއްޔެއް އުދާފައި، ރަހަލާ ވަރަށް ލޮނުކޮޅެއް އެޅުމަށްފަހު، ބޮކި އަރާވަރަށް ކެކިގަތުމުން މަސްކޮޅުތައް އަޅަނީ އެވެ. ދެން ގިނި މަޑުކޮށްލައި، ގަރަކޮޅު ނަގަނީ އެވެ. މަސްކޮޅު ރޯފިލުމުން ގަރުދިޔަ ކެކުނީ އެވެ. ފަސޭހަ ދޯ އެވެ؟

ދެން ޕްރައިމަރީ ލެވެލް އެވެ. މިފަހަރު މަސް ކޮޅާ އެކީގައި ކުޑަ ހިކަނދިފަތް ކޮޅަކާއި ރާނބާފަތް އަދި ހިކި މިރުސްކޮޅެއް އަޅާލަ އެވެ. އަދި އަސޭމިރުސް ކޮޅަކާއި ދިރި ވެސް އެއްބަޔަކު އަޅަ އެވެ. މިގޮތަށް ކައްކާ ގިނަ ބަޔަކު ބުނާގޮތުގައި މިއީ ހަމަ ރަހަމީރުކޮށްލުމުގެ ގޮތުން އަޅާ އެއްޗިއްސެވެ.

މިއީ އިންޓަ މީޑިއޭޓް ލެވެލް އޭ ކިޔަމާ ހިނގާށެވެ. އިތުރުކޮށްލަނީ ފިޔާކޮޅަކާއި ލޮނުމެދު ކޮޅެކެވެ. އަދި ބިލަމަގު ކޮޅެއް ހުރިއްޔާ އެވެސް އަޅާށެވެ. މަސް ރަހަ ގަދަކޮށްލަން އަޖިނަމޮޓޯގެ ކުޑަ އެތިކޮޅެއް ވެސް އަޅާށެވެ.

ދެން އޮތީ އެޑްވާންސް ލެވެލް އެވެ. މިއީ ހަމަ ހައިރާންވާހާ ތަފާތު ގަރުދިޔައެކެވެ. ކުރީން މި ކިޔައިދިން ހުރިހާ ބާވަތްތަކާއި އޭގެ އިތުރަށް ވެސް ތަކެތި އަޅައި، މުޅީން ޒަމާނީ ސްޓައިލަކަށް ހަދާ ގަރުދިޔައެކެވެ. ލެމަންގްރާސް ނުވަތަ ކޮރިއަންޑާ ކޮޅަކާއި އިނގުރު ކޮޅެއްގެ އިތުރުން، ކުޑަ ލުނބޯ ހުތް ފޮދަކާއި ކެރެޓު ނުވަތަ އަލުވި ވެސް އެޅިދާނެ އެވެ. ތަފާތެއް ނޫން ހެއްޔެވެ؟

ކޮންމެއަކަސް، ރޯ ކަނޑުމަހުގެ އިތުރަށް، ވަޅޯ މަހުންނާއި ދަޅު މަހުންނާއި ކުކުޅުމަހުން ވެސް ގިނަ ބަޔަކު ގަރުދިޔަ ކައްކާއިރު އޭގެ ކުލަ އާއި ސާފުކަމަކީ ވެސް ގިނަބަޔެއްގެ ތެރޭގައި ތަފާތުކޮށް ބެހެއްޓޭ ކަންކަމެވެ.

ގޯޓް ފިޝް ރެސްޓޯރަންޓުގެ ޝެފެއް ބުނި ގޮތުގައި ގަރުދިޔަ އަކީ ފިޝް ސްޓޮކް އެއް ކަމަށް ބެލިދާނެ އެވެ. ނުވަތަ އެއީ ސޫޕެއްގެ ބޭސް އެވެ. މީރު ގޮތަކަށް ގަރުދިޔަ ކައްކާ ނަމަ ކުޑަ ސެލެރީ ކޮޅަކާއި ލޮނުމެދު އަދި ކޮންމެވެސް ވަރަކަށް ސްޕައިސަސް ވެސް އިތުރުކޮށްލާ ކަމަށް އޭނާ ބުންޏެވެ. މީގެ ނަތީޖާއަކަށް ވެގެންދާނީ އޭނާ ބުނާގޮތުން ނަމަ ގަރުދިޔައިގެ ރަހަ ހަމައެކަނި މަހުން އައުމުގެ ބަދަލުގައި އެ ރަހަ އިތުރަށް މުއްސަނދި ވުމެވެ.

ކެއްކުންތެރިޔާ ނާދިޔާ އޭނާގެ " ޓޭސްޓްސް އޮފް މޯލްޑިވްސް" ބްލޮގްގައި ލިޔެފައިވާ ގޮތުން ބަތާއި އަދި ރޮއްޓާ އެކީގައި ވެސް ކެއުމަށް އެހާ މީރު ގަރުދިޔަ އަށް އޭނާ އަޅާނީ ހިކަދިފަތާއި ފިޔާ އާއި ލޮނުމެދާއި އަސޭމިރުހުގެ އިތުރަށް މޭޒުމަތީ ސަމުސަލެއްގެ ރިހާކުރެވެ. އަދި އެއްކުރަން އޭނާ ބޭނުންކުރާނީ ލަކުޑި ދޭފަތެކެވެ.

ނާދިޔާގެ ބްލޮގުގައިވާ ގަރުދިޔަ ރެސިޕީގެ ފޮޓޯއެއް

ކޮންމެއަކަސް، އަހަރެމެން ދިވެހީންގެ ކެއުންތަކުގެ ތެރެއިން އެއް ނަމެއް ކިޔާ، އެއް ނަތީޖާ އެއް ލިބޭ މިހާ ގިނަ ގޮތްގޮތަށް ތައްޔާރުކުރެވޭ އެހެން ދެވަނަ ޑިޝް އެއް ވިސްނައެއް ނުލެވެ އެވެ.

މަސް ރެސިޕީ

Popular