10 Sep 2024

By: Aishath Mihna Nasih

މިކަމުގައި ވަކި އުމުރެއް ނެތެވެ. ހުރެ ހުރެފައި އަންނަނީ ބުނެދޭން ނޭނގޭހާ ގަދަ ވޭނެކެވެ. ބައެއް ފަހަރު ކޮޅަށް ވެސް ނުހުރެވެ އެވެ. ކުރިއަކަށް ވެސް ފަހަތަކަށް ފިޔަވަޅެއް ނޭޅެ އެވެ. އޮށޯތުން ވެސް ވަނީ ތަކުލީފަކަށެވެ. އިށީނުން ވަނީ ބިރަކަށެވެ. ޑޮކްޓަރީ ބޭހާއި އިންޖެކްޝަނާއި ފަތްޕިލާވެލީގެ އެކި ބުއިންތައް ބޮވިއްޖެ އެވެ. ދޭތެރެއަކުން މަޑުޖެހިލިއަސް، އުނަގަނޑަށް މި އަންނަ ރިހުމަކީ މުޅި ދިރިއުޅުން ހުއްޓުމަކަށް ގެންނަ ކަމެކެވެ.

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހުގެ ގޮތުގަ އެވެ. މި އަހަރުގެ ފިޒިއޮތެރަޕީ ދުވަހުގެ ޝިއާރުގެ ގޮތުގައި އޮތީ "އުނަގަނޑުގައި ރިހުން: އާލަމީ ވަބާއެއް" ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ މީހުން ތަހައްމަލުކުރާ ނުކުޅެދުންތެރިކަމެވެ. އަދި 2020 ވަނަ އަހަރު އެކަނިވެސް 619 މިލިއަންމީހުން މި ތަދު ތަހައްމަލުކޮށްފައި ވާއިރު މިއީ 1990 އާ އަޅާބަލާއިރު 60 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. މިއީ ކޮންމެ 13 މީހަކުން އެކަކެވެ. ލަފާކުރެވޭގޮތުގައި މި އަދަދު 2050 ވަނަ އަހަރު 843 މިލިއަނަށް އަރާނެ އެވެ. އެހެންވެ މިއީ "އެޕިޑެމިކް" ނުވަތަ އާލަމީ ވަބާއެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

އަންހެނުން އިތުރަށް ސަމާލުވާންޖެހޭ

މިހާތަނަށް އެއްކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އުނަގަނޑުގައި ރިހުމުގެ މައްސަލަ ގިނައިން ކުރިމަތިވަނީ އަންހެނުންނަށެވެ. އަދި އުމުރުން ދުވަސްވާ ވަރަކަށް މިކަން ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާއިރު، އެންމެ ގިނައިން މިކަމާ ކުރިމަތިލާންޖެހިފައިވަނީ އުމުރުން 50 - 55 އަހަރާ ދެމެދުގެ މީހުންނަށެވެ.

އުނަގަނޑުގެ ތަދު ދިމާވާ ދެގޮތެއް އޮވެ އެވެ. އެއީ ތަދު ދިމާވާ ސަބަބު ކަނޑައެޅިގެން އެނގޭ ހާލަތާއި، ސަބަބެއް ނެތި ދިމާވާ ރިހުމެވެ. ގާތްގަނޑަކަށް 90 ޕަސެންޓް ކޭސްތަކަކީ ރިހުން ދިމާވާ އަސްލު ސަބަބު ދެނެނުގަނެވޭ ނުވަތަ އެފަދަ ސަބަބެއް ނެތި އަންނަ ރިހުމެވެ. އުނގަނޑުގެ ރިހުމާއި ފިޒިއޮތެރަޕީއާ ގުޅޭ އެންމެ ބޮޑު ސަބަބަކީ މި ހުރިހާ ބާވަތެއްގެ ރިހުމެއް ވެސް ހައްލުކުރުމަށް އެންމެ ބޮޑު އެހީއެއް ލިބިދެނީ ރިހެބިލިޓޭޝަން އިން ކަމަށް ވާތީ އެވެ.

އުނަަގަނޑުގައި ރިހުމުގެ މައްސަލަ އަކީ ހުރިހާ ދުވަސްވަރެއްގައި ވެސް ވަރަށް އާންމު ކަމެއް

ފަރުވާ އަކީ ކޮބާ؟

އުނަގަނޑުގެ ރިހުމަށް ފަރުވާ ކުރުން ބިނާވެފައި އޮންނަނީ ވޭނުގެ ބާވަތަށެވެ. ތަދު މެދުވެރިވާ ސަބަބު އެނގޭނަމަ ފަރުވާ ބިނާވާނީ އެ ސަބަބު ނައްތާލުމަށެވެ. ނަމަވެސް ތަދު ދިމާވާ ސަބަބު ނޭނގޭ ނަމަ ދެވޭ ފަރުވާތަކުގެ ތެރޭގައި؛

1. މަސްތައް ވަރުގަދަކުރުމާއި، ހެލިފެލިވެ އުޅުމުގެ ގާބިލުކަން އިތުރުކޮށް، ޖިސްމާނީ ހަރަކާތްތަކާއި ކަސްރަތު އަލުން ފެށުމަށް ފިޒިކަލް ތެރަޕީތައް ދިނުން

2. ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، ތަދު މެނޭޖްކުރަން އެހީތެރިވެދީ އާންމު ދިރިއުޅުމަކަށް އެނބުރު ދިއުމަށް އެހީވުން

3. ޖިސްމާނީ ހަރަކާތްތަކުން ދިމާވާ ސްޓްރެސް ކުޑަކުރުން

4. ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުން. މީގެ ތެރޭގައި ހަރަކާތެރިވުން އިތުރުކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ އާއި ނިދުމުގެ ރަނގަޅު އާދަތައް ހިމެނުން ހިމެނޭ

އުނަަގަނޑުގެ ރިހުން ކުޑަކުރުމަށް ޑޮކްޓަރީ ބޭސް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް އެންމެ އެކަށީގެންވާ ފަރުވާއެއް ލިބޭނީ ޑޮކްޓަރީ ބޭހާއި އެހެނިހެން ބައެއް ކަންކަން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެސްގެންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން ބޭހަކީ އެންމެ ފުރަތަމަ ފަރުވާއަށް ވެގެން ނުވާނެ އެވެ. ހާއްސަކޮށް، އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ސިއްހީ ބަލިތައް ހުންނަ މީހުން ބޭސް ބޭނުން ކުރުމުގެ ކުރިން ސިއްހީ ހިދުމަތްދޭ ފަރާތަކާ ވާހަކަ ދައްކަން ޖެހެ އެވެ.

View this post on Instagram

A post shared by Faculty of Health Sciences (@fhs.mnu)

ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން އާންމުކޮށްފައިވާ ޕޯސްޓެއް--

އުނަގަނޑުގެ ރިހުން ތަހައްމަލުކުރަންޖެހޭ ވަރަކަށް އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ގިނަވުމުގެ ފުރުސަތު ބޮޑެވެ. މިގޮތުން، އެސެސްމަންޓް އެންޑް ކެއާ ޕްލޭނިންގުގައި ބަޔޯސައިކޯސޯޝަލް އެޕްރޯޗެއް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. މާނައަކީ ފަރުވާކުރުމުގައި ބަލިމީހާގެ ޖިސްމާނީ އަދި ސިއްހީ ހާލަތަށާއި ނަފްްސާނީ އަދި ސައިކޮލޮޖިކަލް ކަންކަމާއި އަދި އިޖުތިމާއީ ވެއްޓަށް ސަމާލުކަންދެވޭގެން ފަރުވާ ބައްޓަންކުރުމެވެ.

އެހެންވެ، އުނަގަނޑުގެ ރިހުން ތަހައްމަލުކުރާ ނަމަ، ހަރަކާތްތެރިވެ އުޅުމާއި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ބަރުދަން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ ސިއްހީ އާދަތަކާ ދުރުވެ، ނިދިހަމަކޮށް، ދިރިއުޅުމުގެ އެކި މަސައްކަތްތަކުގައި އުނަގަނޑުގެ ތަދު ދިމާނުވާނެހެން ކުދިކުދި ބަދަލުތައް ގެނައުން މުހިންމެވެ.

ސިއްހަތު

Popular