10 Oct 2024

By: Aishath Mihna Nasih

ސްކޫލަށް ފޮނުވާ ދުވަސްވަރެއް ވެއްޖިއްޔާ ދަރިފުޅު އުޅޭނީ އަބަދުމެހެން ބަލިވެ އެވެ. އެއްފަހަރު ރޯގާއެއް ވެއްޖިއްޔާ އަނެއް ފަހަރު ހުމެކެވެ. އެއްމަހުގަ ރޯގާ ރަނގަޅުވިއްޔާ އަނެއްމަސް ނުފެށެނީސް އަނެއްކާވެސް ބަލިވެ އެވެ. ސްކޫލްތެރޭ މިހާ ބަލިތައް ގިނައީ ހެއްޔެވެ؟ ނުވަތަ އަހަރެމެންގެ ފަރުވާ ކުޑައީ ހެއްޔެވެ؟

މިއީ ޕްރީސްކޫލްތަކަށް ކުދިން ފޮނުވާ ބެލެނިވެރިންގެ އާންމު ޝަކުވާއެކެވެ. ދަރިފުޅު މާ އަވަސް އަވަހަށް ބަލިވުމެވެ. ކިތަންމެ ކުޑަޔަސް، އަދި ކިތަންމެ ރޯގާއެއް ޖެހުނަސް، ސްކޫލަށް ނުފޮނުވަން މި އުމުރުގައި ވެސް އެހާމެ އުނދަގުލީ އެވެ.

މި ހިމަނާލަނީ ބައެއް އާންމު ބަލިތަކާއި، މި ބަލިތައް ޖެހުމުން ސްކޫލަށް ފޮނުވުމުގައި ސަމާލުވާންޖެހޭ ކަންކަމެވެ.

އާންމު ރޯގާ

އާންމު ރޯގާއެއް ޖެހިގެން އުޅޭ ނަމަ ބައެއްކަހަލަ އަލާމާތްތައް ކުދިންގެ ކިބައިން ފެނެ އެވެ. މިގޮތުން، ނޭފަތުން ރޯގާ ފޭބުމާއި، ކިނިބިހި އެޅުމާއި، ކެއްސުމާއި ބައެއް ފަހަރު ހުން އައުން ހިމެނެ އެވެ. އާދައިގެ ރޯގާއަކުން ވެސް، ކައިރީގައި ތިބޭ އެހެން ކުދިންތަކަކަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ އެވެ. ދަރިފުޅު ރޯގާޖެހިގެން އުޅޭ ނަމަ މިފަދައިން ސަމާލުވާށެވެ.

މާ ބޮޑަށް ދަރިފުޅުގެ ނޭފަތުން ރޯގާ ފައިބާ ނަމަ ރަނގަޅީ ގޭގައި މަޑުކުރުމެވެ. އަދި މާ ބޮޑަށް ހަރަކާތްތެރިވެ އުޅެން ރޯގާގެ ސަބަބުން އުނދަގޫވާހެން ހީވާނަމަ ވެސް، ގޭގައި ބަހައްޓާށެވެ.

ރޯގާ އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އެންމެ ބޮޑުވާނީ، ރޯގާ ޖެހިގެން އުޅޭ ފުރަތަމަ ދެތިން ދުވަހުގަ އެވެ. ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވާ ގޮތުން އެކި ޖަރާސީމުތަކާއި ބަލިތަކުގެ އިންފެކްޝަސް ޕީރިއަޑްތައް ތަފާތުވާނެއެވެ.

"އަސްލު އިންފެކްޝަސް ޕީރިއަޑް މި ފެށެނީ އަލާމާތްތައް ވެސް ފެނުމުގެ ވެސް ކުރިން. އެއަށްފަހު އަލާމާތްތައް ފެންނަތާ ފަސް ވަރަކަށް ދުވަސްތެރޭ އިންފެކްޝަން ޕީރިއަޑް ދާނެ. މިއީ އާންމުގޮތެއްގައި. އެކަމަކު އެކި ބަލިތަކުގައި ތަފާތު،" ޑރ.ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި ރޯގާގެ ދެ ވައްތަރެއް ހުރެ އެވެ. އެއީ ކަރުން މަތީގެ ރޯގާ އާއި ފުއްޕާމޭގެ ރޯގާ އެވެ. އާންމު ރޯގާ އަކީ ކަރުން މަތީގެ ރޯގާ އެވެ. ނަމަވެސް ނޭވާކުރުވެ، ހާސްވެ، މާ ގަދައަށް ހުން ހުންނަ ނަމަ މިއީ ފުއްޕާމޭގެ ރޯގާ ނުވަތަ ނިއުމޯނިއާގެ އަލާމާތްތަކެކެވެ.

ވަރުބަލިކަން

ޕްރީ ސްކޫލްގައި އުޅޭ ފުރައިގެ ކުދިންގެ ކިބައިން ވަރުބަލިވުން ނުވަތަ ފެޓީގްގެ އަސަރު ފެނިދާނެ ސަބަބުތައް ގިނަ އެވެ. ރަނގަޅަށް ނުނިދުމާއި، ކޮންމެވެސް ކަހަލަ ބައްޔެއްގެ އުނދަގޫހުރުން ހިމެނެ އެވެ. ހާއްސަކޮށް، މާބޮޑަށް ވަރުބަލިވުމާއި، ނެގިމަޑުވެފައި ހުރުމާއި އާންމުކޮށް ކޮށްއުޅޭ ކަންކަން ކުރަން ބޭނުންނުވެ، އުޅުން ފަދަ ކަންކަމަކީ ފެނިދާނެ ބައެއް އަލާމާތްތަކެވެ. މިފަދަ ދުވަހެއްގައި ވަރުބަލި ފިލުވާ، ހަށިގަނޑުގައި ވަރުޖެއްސޭ ކަހަލަ ކާނާ އާއި ދިޔާތަކެތި ދިނުން އިތުރުކުރަންޖެހެއެވެ. އަދި ގިނަ ދުވަސްތަކަކަށް ލުއެއް ނުލިބި މިފަދައިން ވާކަމުގައިވާ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކާލުން އެދެވިގެން ވެ އެވެ.

ހުން އައުން

އާންމުގޮތެއްގައި ހުން އައީ ކަމަށް ބެލެވެނީ ހަށިގަނޑުގެ ފިނިހޫނުމިން 38 ޑިގްރީއަށްވުރެ މައްޗަށް ދިއުމުންނެވެ. އަދި ހުން އައިސްފި ނަމަ ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި އިންފެކްޝަނެއް ހުރިކަމުގައި ބެލެވެ އެވެ. ހުން އައިސް މާ ބޮޑަށް ރޮވި، ގައިގެ އެއްވެސް ދިމާލެއްގައި "ރޭޝް" އެއް ހުންނަނަމަ ގޭގައި މަޑުކޮށްލުން ރަނގަޅެވެ. ހާއްސަކޮށް ކުދިން ސްކޫލަށް ފޮނުވަން ވާނީ ހުން ރަނގަޅުވާތާ 24 ގަޑިއިރުކޮށްފަ އެވެ.

އާންމު ބަލިތަކުން ކުދިން ރައްކާތެރިކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

1. ދަރިފުޅު ބަލިވެއްޖެ ނަމަ ނުވަތަ އެއްވެސް ކަހަލަ އަލާމާތްތަކެއް ފެންނަނަމަ މުދައްރިސަށް އެކަން އެންގުން ވަރަށް މުހިންމެވެ. އޭގެ ސަބަބުން އެހެން ކުދިންނާއި މުދައްރިސުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އެޅިގެންދާނެ އެވެ.

2. އަތް ދޮވުން: ކޮވިޑް19 ގެ ފަހުން، އަތްދޮވުމުގެ މުހިންމުކަމާއި ދޮންނަންވީ ގޮތް އަހަރެމެންނަށް އެނގޭނެކަން ޔަގީނެވެ. ނަމަވެސް މި އުމުރުގެ ކުދިންނަކީ ގިނަވަގުތު ކުޅުމުގައި އަދި އެކިތަންތަނުގައި އަތްލައި އުޅޭ ކުދިންނަށް ވުމުން، ވީހާވެސް ގިނައިން ސައިބޯނިލައިގެން އޮތް ދޮންނަން ސަމާލުކަން ދޭންވާނެ އެވެ. ނުވަތަ ސެނިޓައިޒްކުރުމުގެ އާދަ ގެންގުޅޭށެވެ.

3. ކެއްސައި ކިނބިހި އެޅުން: ކުދިން ކެއްސައި ކިނބިހި އަޅާ ނަމަ އުމުރާ އެކަށޭނަހެން އުޅަނބޮށިން ނުވަތަ ޓިޝޫއަކުން އަނގަމަތި ނިވާކުރަން ދަސްކޮށްދޭށެވެ.

4. ޑޮކްޓަރަށް ދެއްކުން: އެކި ބަލިތަކާއި އަލާމާތްތަކާއި ދަރިފުޅުގެ ހާލަތަށް ބަލައި ޑޮކްޓަަރަށް ދެއްކުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ތަފާތުވާނެ އެވެ. ނަމަވެސް އާންމުކޮށް ހުންއައިސް، 3 ދުވަސް ވާ ނަމަ ޑޮކްޓަރަށް ދައްކަންވާނެ އެވެ. އަދި ރޯގާ ވެސް ފުއްޕާމޭގެ ރޯގާއެއްތޯ ޔަގީންކުރުން މުހިންމެވެ.

ސްކޫލް ކުޑަކުދިން ދަރިން ތަރުބިއްޔަތުކުރުން

Popular