5 Feb 2023

ކޮންމެ ދުވަހަކު މެސެޖުކޮށް ގުޅައި, ކޮފީ ބޮއެ ނުވިތާކަށް އެކުގައި ދަތުރުގޮސް މަޖާ ނަގައި އުޅޭ ރައްޓެހިން ނުވަތަ ލޯބިވެރިން ވީނުވީއެއް ނޭގި ހަބަރެއް ނުވެ ކުއްލިއަކަށް ތިޔަ ފިލަނީ ކޮންތާކަށްވަދެ ހެއްޔެވެ؟ މިވެރިންނަށް މިވަނީ އަސްލު ކީއްހެއްޔެވެ؟ މައްސަލައަކީ ކޮބައިހެއްޔެވެ؟ ވެގެން އުޅޭ ގޮތް މިއޮތީ އެވެ.

އާންމު ބަހުރުވައިން ބުނާ ނަމަ, މިފަދައިން އެއްވެސް ވަރަކަށް އަންގާވެސް ނުލައި, އެއްވެސް އިޝާރާތެއް ނެތި ކުއްލިއަކަށް, ގާތް މީހެއްގެ ހަބަރެއް ދަބަރެއް ނުވާ ނަމަ އެއީ "ގޯސްޓިން" އެވެ. މިއީ މިފަހަކަށް އައިސް, ލޯބިވެރިންނާއި, ރައްޓެހިންގެ މެދުގައި ވެސް ނިކަން ހިނގާ ކަމެކެވެ. ފޯނު ނުނަގައި, މެސެޖަކަށް ރިޕްލައިއެއް ނުކޮށް, މިހެން ފިލައިގެން އުޅޭ މީހަކު އަތުޖެއްސުމަކީ ފަސޭހަކަމަކަށް ނުވާއިރު ހިތާމައަކީ ގިނަފަހަރަށް ވަކި މާ ބޮޑު ސަބަބެއްވެސް ނެތި މިފަދައިން ދުރުވުމުން, އެމީހެއްގެ ގާތް މީހުންނަށް ހީވެސް ނުކުރާ ވަރުގެ ހިތާމައާއި ނުތަނަވަސްކަން އަދި ބައެއްފަހަރު ބޭވަފާތެރިކަންވެސް އިހުސާސްކުރަންޖެހޭކަމެވެ.

"ގޯސްޓް" ކުރަނީ ކީއްވެ؟

މިފަދައިން މީހަކު ތިމާ "ގޯސްޓް" ކުރަނީ ކޮންމެހެން މާބޮޑު މައްސަލައެއް އޮވެގެނެއް ނޫނެވެ. އާންމުކޮށް ކުއްލިކުއްލިއަށް އެހެންމީހުންނާ އެކަހެރިވެ އެކަނިވެލަން ބޭނުންވަނީ ކުޑައިރުއްސުރެވެސް އެމީހެއްގެ ކިބައިގައި ހުންނަ ނަފްސާނީ މައްސަލައަކުން ކަމުގައި ވެދާނެއެވެ. ހާއްސަކޮށް އެމީހަކީ އަމިއްލަ އިހުސާސްތައް ދެނެގަންނަން އުނދަގޫވާ، ނުވަތަ މާބޮޑަށް ޖަޒުބާތީ ކަންކަމުގައި އުޅެންބޭނުންނުވާ މީހެއްކަމުގައިވާނަމަ، އެފަދަ ހާލަތެއް ދިމާވުމުން ކުޑަކޮށް ދުރަށްޖެހިލަން ބޭނުންވެ އެވެ.

އަނެއްގޮތަކީ، "ކޮންފްރަންޓް" ކުރަން ބޭނުން ނުވުމެވެ. ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން، ނޫނީ އަނެކާ އެހާ ގަޔާނުވާނެފަދަ ވާހަކައެއް ދައްކަންޖެހުމުން އެ ވާހަކައިން ރެކުމަށްޓަކައި ނުވަތަ އެދެމީހުންގެ ދެމެދުގައި މައްސަލައެއްޖެހި ހަމަނުޖެހުމެއް ހިނގައިފާނެތީ އެކަމަކުން ދުރުހެލިވުމަށްވެސް މީހަކު މިހެން ދުރުވެދާނެއެވެ.

ލޯބިވެރިއެއްނަމަ، އެއްގޮތަކީ އެމީހަކަށް ކަމުނުދާ ސިފައެއް ނުވަތަ ކަމެއް އަނެކާ ކުރުމެވެ. ނޫނީ އަނެކާ ދެރަވާފަދަ ނުވަތަ އެގުޅުމަކަށް ބުރޫއަރާފަދަ ކަމެއް އަމިއްލައަށް ކުރެވުމުން މާ ބޮޑު ކަމަކަށް ނުހަދައި އެ ގުޅުން ކުރިއަށްގެންދަން ބޭނުންނުވާތީ އަމިއްލައަށް ދުރުވަނީއެވެ. ބަޒްފީޑުން 2019 ވަނަ އަހަރު ހެދި ސާރވޭއަކުން ދައްކާގޮތުން 81 އިންސައްތަ މީހުން މިފަދައިން އެމީހުންގެ ލޯބިވެރިންނާއި ދުރުވީ ގަޔާނުވާތީއެވެ. އަދި 64 އިންސައްތަ މީހުން ކުއްލިއަކަށް ދުރުވެފައި ހުރީ އެމީހުންނަށް ކަމުނުދާ ކަމެއް ބައިވެރިޔާ ކުރުމުންނެވެ. ހަމައެޔާއެކު 26 އިންސައްތަ މީހުން ބުނެފައިވަނީ ކަމަކާ ރުޅިއައުމުންވެސް މިފަދައިން ބައިވެރިޔާ "ގޯސްޓް" ކުރި ކަމަށެވެ.

ތިހެން ގެއްލުނީމާ އެހެން މީހުންނަށް ވާގޮތް އެނގޭތަ؟

ކޮންމެއަކަސް، ޚަބަރެއް ދަބަރެއް ނުވެ ކުއްލިއަކަށް މީހެއްގެ ދިރިއުޅުމުން ފިލައިގެން ލައްކަ ދުވަހަކު އުޅެވިދާނެ އެވެ. އެއީ ފަސޭހަގޮތްވެސް މެ އެވެ. އެކަމަކު ވީގޮތެއް ނޭނގި ސުވާލު މާކެއްގެ ތެރޭގައި ހުންނަ ތިމާގެ ބައިވެރިޔާއަށް ނުވަތަ ރަށްޓެހިންނަށް ކުރާނެ އަސަރެއް ހަމަ ރޭކާވެސް ނުލާ ދޯ އެވެ.

މިފަދަ ތަޖުރިބާއެއް ކުރަންޖެހުމަކީ ފަރުވާއެއް ނުލިބި ފޮރުވިފައިވާ އެތަށް ނަފްސާނީ މައްސަލަތަކަކަށް އެމީހަކު ހުށަހެޅިދާނެ ކަމެކެވެ. ހާޢްސަކޮށް ޅައުމުރުގައި އެޓޭޗްމަންޓް މައްސަލަތަކެއް ތަޖުރިބާކޮށްފައި ހުރިނަމަ އެކަމުގެ އުނދަގޫތަކާއި ފަހަރެއްގައި ކުރިމަތިލާންޖެހިދާނެއެވެ. ހަމަ އެޔާ އެކު، އަމިއްލަ ނަފްސު ކުށްވެރިކޮށް، ނިދުމާއި ކެއުމަށް ވެސް އުނދަގޫތަކެއް ދިމާވެ، ޑިޕްރެޝަންގެ އަލާމާތްތަކެއް ވެސް އެމީހެއްގެ ކިބައިން ފެނިގެންދާނެ އެވެ.

ދެން ހަދާނީ ކިހިނެއް؟

ވީގޮތެއް ނުބުނެ މީހަކު ތިމާއާއި ކުއްލިއަކަށް ދުރަށް ދިއުމަކީ އެއީ ތިމާގެ މައްސަލައަކަށްވުރެ ބޮޑަށް އެމީހެއްގެ މިޒާޖާއި އަސްލު ސިފަ ބުނެދޭ ކަމެކެވެ. އެމީހެއްގެ އިހުސާސްތަކާއި ކަންކަން ބޭނުންވާގޮތް، އަނެކުންނަށް ބުނެދޭން ނޭގުމަކީ ނުވަތަ ބުނަން ބޭނުންނުވުމަކީ ތިމާގެ މައްސަލައެއް ނޫނެވެ. އެއީ އަނެކާގެ ނާގާބިލްކަމެވެ. އެހެންކަމުން އަމިއްލަ ނަފްސު ކުށްވެރިކުރުން ހުއްޓާލާށެވެ.

އާއެކެވެ. ވީގޮތް ބަލަން ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު ވާހަކަދައްކަން ބޭނުންނުވާ މީހެއްގެ ފޫބުޑަށް ވެއްޓި އާދޭސް ކުރުމުން ލިބޭނެ ވަކި ފައިދާއެއް އެބައޮތް ހެއްޔެވެ. އަވަސް އަރުވާނުލާށެވެ. ވަގުތު އައުމުން ހުރިހާކަމެއްވެސް ސާފުވާނެއެވެ.

Popular