14 Apr 2024

By: Aishath Jazlee

"ސައިލަންޓް ޓްރީޓްމަންޓް" އަކީ ބައެއް މީހުންނަށް ހައްލެކެވެ. މިއީ ރިލޭޝަންޝިޕްގައި މައްސަލަޖެހުމުން, އެ މައްސަލައިގައި ރުޅި ގަދަވެ, ބައިވެރިޔާއާ ވާހަކަ ދެއްކުން ހުއްޓާލައިގެ ހުންނަ ހުރުމެވެ. ބައެއް މީހުން ސައިލެންޓް ޓްރީޓުމަންޓް ދޭން އެތައް ދުވަހެއް ވަންދެން ވާހަކަ ނުދައްކާ ހުރެ އެވެ.

އިނދެގެން އުޅޭއިރު ދެމަފިރިންގެ މެދުގައި ވެސް މިއީ ދިމާވާ ކަމެކެވެ. މައްސަލަ ޖެހުމުން ބައިވެރިޔާ އިގްނޯކޮށްލައި, ކުރިމަތީ ހުރެ ވާހަކަ ދައްކާއިރު ވެސް އަނގައިން ބަހެއް ނުބުނެ ސައިލެންޓް ޓްރީޓްމަންޓު ދޭ މީހުން އުޅެ އެވެ. ނުވިތާކަށް ނަންބަރު ބްލޮކްކޮށްލައި ބޭނުން ދުވަހެއް ވަންދެން ވާހަކަ ނުދައްކާ ހުންނަ މީހުން ވެސް އުޅެ އެވެ.

ސައިލެންޓް ޓްރީޓްމަންޓު ދިނުމަކީ ރިލޭޝަންޝިޕެއްގައި ފެންނާނެ އެންމެ ބޮޑު އެއް ރެޑް ފްލެގެވެ.

ސައިލެންޓް ޓްރީޓްމަންޓު ދިނުމުން އާއްމުކޮށް ރިލޭޝަންޝިޕުގައި އެކަނިވެރިކަން އިހުސާސްކުރެވި, ބައިވެރިޔާއާ މެދު ސުވާލު އުފެދޭ ހިސާބަށް ދެ އެވެ. އަދި ބައިވެރިޔާގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި ލޯބި ނުލިބި, ޑިޕްރައިވްވެ އެވެ.

މިއީ ރިލޭޝަންޝިޕެއްގައި ނަފްސާނީ ގޮތުން ބައިވެރިޔާއަށް ދެވޭނެ އެންމެ ބޮޑު އެއް ގެއްލުމުގެ ގޮތުގައި ސައިކޮލޮޖިސްޓުން ސިފަކުރެ އެވެ. ސައިކޮލޮޖިސްޓުން ސައިލެންޓް ޓްރީޓްމަންޓް ސިފަކުރަނީ އިމޯޝަނަލް އެބިއުޒްގެ ގޮތުގަ އެވެ. އަދި މިއީ ރިލޭޝަންޝިޕް ކޮންޓްރޯލުކުރުމަށް ގެންގުޅޭ ޓޮކްސިކް އުކުޅެއް ކަމަށް ވެސް ސައިކޮލޮޖިސްޓުން ބުނެ އެވެ.

އާއްމުކޮށް ސައިލެންޓް ޓްރީޓްމަންޓު ދޭ މީހުންނަކީ މައިންބަފައިންގެ ފަރާތުން އެކަން ތަހައްމަލު ކުރި މީހުންނެވެ. އަދި ސައިލެންޓް ޓްރީޓްމަންޓު ދޭ މީހުންނަކީ އިމޯޝަންސް ރެގިއުލޭޓުކުރަން ނޭނގޭ މީހުންނެވެ. މި ޓޮކްސިކް ސައިކަލް އަކީ ކޮންމެ މީހަކަށް ވެސް ބްރޭކް ކުރެވޭނެ ސައިކަލް އެކެވެ. ބޭނުންވަނީ އުނދަގޫ ވާހަކަތައް ދައްކަން ދަސްކުރަންށެވެ. މައްސަލައެއް ކުރިމަތިވުމުން, އެ ވަގުތަށް ބްރޭކެއް ނެގުމަށް ފަހު ހަމަޖެހިގެން އެ ވާހަކައެއް ދައްކާ އަވަހަށް ހައްލުކުރަން ދަސްކުރުމަކީ މި ޓޮކްސިކް ސައިކަލް އިތުރު ޖެނެރޭޝަނަކަށް ނުފޯރާ ނިންމާލެވެން އޮތް ހައްލެވެ.

ހެލްތީ ރިލޭޝަންޝިޕަކަށް ސައިލެންޓް ޓްރީޓްމަންޓް ކަހަލަ ޓޮކްސިކް އާދަތައް ދޫކޮށްލަން ޖެހެ އެވެ.

Popular