ގެއިން ބޭރުގައި، ތަފާތު މާހައުލެއްގައި އާއިލާ އާއި ރަށްޓެހިންނާ އެކު ރޯދަ ވީއްލުމެއް ބާއްވަން ރާވާ ނަމަ ދާނެ ތަނަކާ މެދު ވިސްނައިފިން ހެއްޔެވެ؟
ގެއިން ބޭރުގައި، ތަފާތު މާހައުލެއްގައި އާއިލާ އާއި ރަށްޓެހިންނާ އެކު ރޯދަ ވީއްލުމެއް ބާއްވަން ރާވާ ނަމަ ދާނެ ތަނަކާ މެދު ވިސްނައިފިން ހެއްޔެވެ؟
ހުޅުމާލޭގެ ހިތްގައިމު މާހައުލުން ރޯދަ ވީއްލަން ދާނެ އެންމެ ހިތްގައިމު ލޮކޭޝަން ހޯދައިގެން "ދޯ" އިން އެކަން މި ލުއިކޮށްލަދިނީ އެވެ.
ހުޅުމާލެ ޗެނަލް ބީޗު
ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 ގުޅޭ ބީޗުގެ މި ސަރަހައްދަކީ ރޯދަ ވީއްލަން ތަފާތު މާހައުލެއް ބޭނުންވާ ނަމަ އެންމެ ކަމުދާނެ އެއް ތަނެވެ. މިތަނުގެ މޫދާއި ދޮންވެލިގަނޑުގެ ރީތިކަމުން މިއީ އާންމުކޮށް ވެސް މީހުން މޫދަށް އެރި އުޅެން ބޭނުންކުރާ އެއް ތަނެވެ. ދިރާގު ބިލްޑިން ކުރިމައްޗަށް އޮންނަ މި ސަރަހައްދަކީ އެންމެ ރީތިކޮށް ހުޅުމާލޭގެ މި ދެ ފޭސް ގުޅޭ ސަރަހައްދު ފެންނާނެ ވެސް އެއް ތަނެވެ. މިތަނަށް ރޯދަ ވީއްލަން ދާ ނަމަ ބޭނުންވާނީ ކާއެއްޗެހި ބަހައްޓާނެ ރީތި ކުނަލެކެވެ. އިރު އޮއްސެމުންދާ ވަރަކަށް އުޑުމަތި ހީވާނީ ކުލަފިހިތަކުކުން ކުލަ ޖައްސާ ހެނެވެ. ފޮޓޯތަކަށް ވަރަށް ނަލަވާނެ އެވެ.
ފޭސް 2 ބީޗް ހަޓްތައް
ހުޅުމާލެ 2 ގެ ބީޗުގައި ހުންނަ ހަޓްތަކަކީ ވެސް ގްރޫޕު ހަދައިގެން ރޯދަވީއްލަން ދާން ކަމުދާނެ ސަރަހައްދެކެވެ. މިތަނުގެ ތަފާތަކީ ރޯދަ ވީއްލަން ވާއިރަށް ބާބަކިއު ވެސް ތައްޔާރުކުރެވޭނެތީ އެވެ. ހާއްސަކޮށް، ބޮޑެތި ގްރޫޕުތަކަށް ކަމުދާނެހެން ބައެއް ހަޓްތަކުގެ ކައިރީގައި އިތުރު ބެންޗުތަކެއް ވެސް ހުންނާނެ އެވެ. އެހެންވެ ކުރިޔާލައި ގޮސްފިނަމަ ބޭނުންވާ ޖާގަ ހޯދަން ފަސޭހަވާނެ އެވެ.
ފެހިރެސް ޕާކު
ފޭސް 1 ގެ ރަބަރުގަސްމަގާއި ނިރޮޅުމަގުގެ ކޮޅުގައި ހުންނަ ފެހިރެސް ޕާކަކީ އެޗްޑީސީން ތަރައްގީކޮށްފައިވާ ނެއިބާހުޑް ޕާކެކެވެ. ރޯދަވީއްލަން ކުޑަކުދިންތަކެއް ވެސް ގޮވައިގެން ދާ ނަމަ މި ތަނުގައި ފޫއްސެއް ނުވާނެ އެވެ. ކުުޑަކުދިން ކުޅޭ ހާއްސަ ތަންކޮޅަކާއި ބޮޑެތި މީހުންނަށް ވެސް ކުޅެވޭނެހެން އޮށްވަޅުގޮނޑި އާއި ރާޒުވާ ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ވެސް މިތަނުގައި ހަމަޖެހިފައިހުރެ އެވެ.
ސެންޓްރަލް ޕާކު
ރޯދަވީއްލަން ރަނގަޅު ތަނެއް ހޯދާ ނަމަ ކޮންމެހެން ވެސް އެ ލިސްޓުން ޖާގަ ހޯދާނެ އެއް ތަނަކީ ސެންޓްރަލް ޕާކެވެ. ކޮންމެ އުމުރެއްގެ ބަޔަކު ދިޔަނަމަވެސް މި ޕާކުގައި ފޫހި ނުވާނެ ކަން ޔަގީނެވެ. ރޯދަމަސް ނޫނަސް މި ތަނުގެ ފެހި ގަސްތަކާއި، ވިނަތަކުގެ ތެރޭގައި ބިންމަތީގަ އާއި ބެންޗުތަކުގައި، އުފަންދުވަހާއި، ގްރެޖުއޭޝަން ފަދަ އެތައް މުނާސަބަތެއް މީހުން ފާހަގަކުރެ އެވެ. އެހެންވެ ރޯދަވީއްލުމަށް ސެންޓްރަލް ޕާކުގެ ކޮންމެ ސަރަހައްދެއް ވެސް ހަމަ ރަނގަޅުވާނެ އެވެ.
ފޭސް 1 ގެ ބީޗު
ފޭސް 1 ގައި އުޅުނަސް ވަކި ދެރަވާނެ ކަމެއް ނެތެވެ. މިތަނުގެ ބީޗުގައި ވެސް ރޯދަވީއްލަން ތިބެވޭނެހެން ބެންޗުތައް އެބަހުއްޓެވެ. ތަށިތައްޓަށް ކާއެއްޗެހި އަޅައިގެން ފަތްޖަހާލެވޭ ގޮނޑިތަކުގައި މިހާރު ވެސް މިތަނަށް ރޯދަވީއްލަން ދާ މީހުން މަދެއް ނޫނެވެ.
ފޭސް 2ގެ ކިއޮސްކް
ފޭސް 2 ގެ ބީޗާ ވީ ދިމާލަށް ހުންނަ ކިއޮސްކް ތަކަކީ ވެސް ރޯދަ ވީއްލަން ހިތްގައިމު ވާނެ މާހައުލެކެވެ. މިގަޑީގައި ކިއޮސްކް ގާޑިޔާތައް ބަންދެއް ކަމަކު މިތަން މިއޮންނަނީ ރޯދަ ވީއްލަން އަންނަ މީހުންނަށް ހިތަކަށް ލިބިފަ އެވެ. ކިއޮސްކުތަކުގެ ބެންޗުތަކާއި ހިސާބުން ގޮސް މޫދާ ހަމައަށް ވެސް ހަމަ ކޮންމެ ސްޕޮޓެއް ވެސް ރަނގަޅުވާނެ އެވެ. ކިއޮސްކްތައް ކައިރީގައި ހުންނަ މޭޒުތަކާއި އަދި ބީޗުގައި ހުންނަ ބެންޗުތައް ވެސް ހަމަ ބޭނުންކުރަންވީ އެވެ.
ޗެނަލް ޕާކު
ހުޅުމާލޭގެ ދެ ފޭސް ގުޅޭ ޗެނަލްގެ ބްރިޖުތައް ކައިރި މި ހުންނަ ޗެނަލް ޕާކު ސަރަހައްދަކީ ވެސް ރޯދަ ވީއްލުމަށް އެންމެ ކަމުދާނެ ހިތްގައިމު އެއް ތަނެވެ. މިދިޔަ އަހަރު ވެސް މިތަނުގެ ފޮޓޯތައް ވަރަށް ބޮޑަށް ވައިރަލްވި އެވެ. މި ތަން ގިނަބަޔަކަށް އެންމެ ކަމުދަނީ ފޮޓޯއަށް ވެސް ހިތްގައިމުވެފައި ސާފުވައި ޖެހޭތީ އެވެ. އެމީހެއްގެ "އިފްތާރު ވައިބް" އާ ގުޅޭހެން ތައްޔާރުވެގެން އަވަހަށް މިއިން ކޮންމެވެސް އެއްތަނެއްގައި ރޯދަވީއްލަން ތައްޔާރުވެލާށެވެ.