ރޯދަ ވީއްލަން ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މީރު ފޮނި އެއްޗެއް ހުންނަން ވާނެ އެވެ. އެކަމަކު އަބަދު އެކައްޗެއް ނުހަދައި މި ކިޔައިދެނީ ވަރަށް ފަސޭހައިން އަގުހެޔޮކޮށް ތައްޔާރުކުރެވިދާނެ މީރު ޗޮކްލެޓް ޕުޑިން ރެސިޕީއެކެވެ.
ރޯދަ ވީއްލަން ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މީރު ފޮނި އެއްޗެއް ހުންނަން ވާނެ އެވެ. އެކަމަކު އަބަދު އެކައްޗެއް ނުހަދައި މި ކިޔައިދެނީ ވަރަށް ފަސޭހައިން އަގުހެޔޮކޮށް ތައްޔާރުކުރެވިދާނެ މީރު ޗޮކްލެޓް ޕުޑިން ރެސިޕީއެކެވެ.
"އެވްރީލިޓިލްކްރަމްބް.ކޮމް" ގައި ޝާއިއުކޮށްފައިވާ މި ރެސިޕީ ވެސް ފަސޭހަވާނެ ގޮތަށް ކިޔާލަދޭނަމެވެ.
މީގެ ރަހަ ބޮޑަށް ވައްތަރީ މެގްނަމް ޕުޑިންއަކާ އެވެ. އެކަމަކު ޗޮކްލެޓް ޕުޑިން ހަދާ ގޮތުން ރަހަ ތަފާތުވެ އެވެ. އަދި އާންމު މިފަދަ އެހެން ޕުޑިންތަކުގައި ބޭނުންކުރާ ބިހެއް ވެސް މި ރެސިޕީއަކަށް ބޭނުމެއް ނުވެ އެވެ. އަދި ފުށުގެ ބަދަލުގައި މޭޒުމަތީ 2 ސަމުސާ ކޯންފްލާ ވެސް ބޭނުންކުރެވިދާނެ އެވެ. އަދި މާރީ ބިސްކޯދު ކަމު ނުދާ ނަމަ އެފަދަ އެހެން ބިސްކޯދެއް ވެސް ބޭނުންކުރެވިދާނެ އެވެ.
ވަގުތު ނެތިގެން، ހަދާނެ އެއްޗެއް ނޭނގި ނުހުރެ އަވަހަށް މި ރެސިޕީ މިއަދު ހަވީރަށް ތައްޔާރުކޮށްލާށެވެ.
ބޭނުންވާނެ ތަކެތި
3 ޖޯޑު ފެން
1 ޖޯޑު ހިކި ކިރު
5 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު
4 މޭޒުމަތީ ސަމުސާ ފުށް
2/3 ޖޯޑު ހަކުރު
1/2 ޖޯޑު ބަޓަރު
250 ގްރާމް ހެވީ ކްރީމް
1/4 ޖޯޑު ގެރިކިރު
މަންޗީ މާރީ ބިސްކޯދު
ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ތައްޔާރުކުރާނީ ޗޮކްލެޓް ޕުޑިން އެވެ. ފުށާއި ހަކުރާއި ހިކި ކިރާއި ކޮކޯ ޕައުޑަރުތެރެއަށް ފެން ފޮދު އަޅައި އެއްކޮށްލުމަށް ފަހު ކައްކާލާށެވެ. ކައްކާ ނިމޭއިރު ހުންނަންވާނީ ކަސްޓަޑުހެން އޮލަކޮށެވެ. މިވަރަށް އޮލަވާން ގާތްގަނޑަކަށް 15-10 މިނިޓު ވާނެ އެވެ. ހުއްޓާނުލައި ވިސްކް ކުރަމުން ދާށެވެ. އޮލަވާން ފެށުމުން ބަޓަރު ކޮޅު އަޅާށެވެ.
ޗޮކްލެޓް ޕުޑިން ހަދައި ނިމުމުން ދެން ތައްޔާރުކުރާނީ ކްރީމްގަނޑެވެ. މި ރެސިޕީގައި ބޭނުންކުރަން ވަކި ކްރީމެއް ނެތެވެ. އެކަމަކު އޮލަވި ވަރަކަށް ތައްޔާރުކުރަން ފަސޭހަވާނެ އެވެ. ހެވީ ކްރީމް ނުވަތަ ވިޕިން ކްރީމް އާއި ގެރިކިރު އެއްކޮށްލާށެވެ.
ދެން އޮންނާނީ އެތުރުމެވެ. އެންމެ ފުރަތަމަ ޓްރޭއަށް ޗޮކްލެޓް ޕުޑިންކޮޅު އަޅާލާށެވެ. އޭގެ މަތީ ދެން އަތުރާނީ މަންޗީ މާރީ ބިސްކޯދުތަކެވެ. ދެން، ތައްޔާރުކުރި ކްރީމްގަނޑު އަޅާލާށެވެ. ބޭނުން ނަމަ މިގޮތަށް ތަކުރާރު ކުރެވިދާނެ އެވެ. އެންމެ ފަހަށް، ޗޮކްލެޓް ހިމުންކޮށްފައި ނުވަތަ ނިއުޓްރޯ ބިސްކޯދު ހިމުން ކޮށްފައި އަޅާލާށެވެ.
ގާތްގަނޑަކަށް 2 ގަޑިއެއްހާއިރު މަދުވެގެން ފްރިޖުގައި ބަހައްޓަންވާނެ އެވެ.