5 May 2025

ޒައިގެ ހުވަފެނުގައި ޖެހުނު ކުލަ "ވޭމޯ ބިއުޓިފުލް"

ޒައިގެ ހުވަފެނުގައި ޖެހުނު ކުލަ "ވޭމޯ ބިއުޓިފުލް"

By: Asima Nizar

އެއްކޮށް އުޅުނު ގިނަ ކުދިން ބޭނުންވީ ސްކޫލު ނިންމާފައި ހައި-ޕްރޮފައިލް ވަޒީފާއަކުން ކުރިއަށްދާށެވެ. އެކަމަކު، ޒައިނަބު އަހުމަދު ލަތީފު (ޒައި) ގެ ވިސްނުން އޭރު ވެސް ތަފާތެވެ.

އެންމެ ކުޑައިރުގެ ހަނދާން ވެސް ގުޅިފައި އޮތީ ދެބެންގެ ދެދަރި ކޮއްކޮމެންނާއި ދައްތަމެންގެ މޭކަޕްކޮށްދީ އަދި ކުޅޭ އެއްޗެހި ނަލަހެއްދުމުގަ އެވެ. އެހެންވެ، އޭ ލެވެލް ނިންމުމަށް ފަހު ހުރީ ކުޑައިރުގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސޭނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ.

އެޗްޑީސީން މީގެ ތިން އަހަރު ކުރިން ބޭއްވި މުބާރާތަކުން މި ހުވަފެނުގެ ބިންގާ އެޅުނެވެ. އޭގެ ތެރެއިން ހޯދި ރަނގަޅު ވަނައަކާ އެކު "ވޭމޯ ބިއުޓިފުލް" ސެލޫން އުފަންވެ، ޒައި އެންމެ ދެކެން ބޭނުންވި ދުވަސް ހަގީގަތަކަށް ވި އެވެ.

ވޭމޯ ބިއުޓިފުލް ސެލޫން.

"ސީއެޗްއެސްއީގައި އުޅުނުއިރު ހުރިހާ ރައްޓެހިން ވެސް ބުނާނެ ބޭނުންވާނީ ޑޮކްޓަރަކަށް، އިންޖީނިއަރައަކަށް އެކަހަލަ ގޮތަށް ވާށޭ. އޭރު ވެސް ޒައި ބުނަން ބޭނުންވަނީ ބޮޑުވެގެން ސެލޫނެއް ހުޅުވާށޭ. މިއީ ޑްރީމް ގޯލް ހަމަ. އެހެން ހުއްޓާ އެޗްޑީސީގެ 'އީޖާދީ މަންސަ' އަށް ހުޅުވާލީމާ ހިތަށްއެރީ މިއީ ހަމަ ވަރަށް ރަނގަޅު ފުރުސަތެކޭ. އެ މީހުން ޖާގައަކާ އެކީ މި ދެނީ، އެއީ ވަރަށް ބޮޑު މާކެޓު އޭރިއާއެއްތާ ހިޔާ ސަރަހައްދަކީ. ބިޒްނަސްއެއް ގޮތަށް ވިސްނާއިރު ވަރަށް ރަނގަޅު އޮޕޮޗިއުނިޓީއެއް ވީމަ ހިތަށް އެރީ ކުޑައިރުގެ ހުވަފެންތަކުގައި ކުލަ ޖައްސަންވީ ވަގުތު މި ޖެހުނީއޭ. އަސްލު މަޑުކޮށްގެން ހުރީ ސެލޫނެއް ހުޅުވަން،" ޒައި ބުންޏެވެ.

އޭނާ ބުނީ އެ ސެލޫންގެ ކޮންސެޕްޓަކީ ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށް، އަތްފޯރާ އަގެއްގައި ނަމަވެސް އެންމެ ކޮލިޓީ ރަނގަޅު ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. ބައެއް ބްރޭންޑުތަކަކީ އެ ސެލޫނުން ރާއްޖެއަށް އަލަށް ތައާރަފްކުރި ވައްތަރުތަކެވެ. އެކަމަކު ދޭ ހިދުމަތުގެ ކޮލިޓީއާ މެދު ސުވާލެއް ނޯންނާނެ ކަމުގެ ޔަގީންކަން، މިހާރު މާލެ ސަރަހައްދުގައި ހުރި އެންމެ ޒުވާން އެއް ސެލޫން އޯނަރު ދެ އެވެ.

View this post on Instagram

A post shared by WayMore Beautiful (@waymore_beautiful)

ޒައި ބުނި ގޮތުގައި، "ވޭމޯ ބިއުޓިފުލް" ސެލޫންގެ ހިދުމަތް ހޯދާ މީހުންގެ ޖީބަށް މާ ބޮޑަށް ދަތި ނުވެ ހިދުމަތް ހޯދޭނެ އެވެ. އަދި ކޮންމެ މަހަކު ކަހަލަ ގޮތަކަށް ޕްރޮމޯޝަން ވެސް ހިންގަ ގެންދެ އެވެ.

"އެންމެ ބޮޑު ޔުނީކް ސެލިން ޕޮއިންޓަކަށް ވާނީ މި ބޭނުންކުރާ ބްރޭންޑުތައް. އިޓަލީގެ ބްރޭންޑެއް، ޑާމިސްޓާ އެބަ ބޭނުންކުރަން. ޑާމިސްޓާގެ ފޭޝަލް މި ގެންގުޅެނީ މާލެ ސަރަހައްދުގައި ވޭމޯގައި. ބައެއް ރިސޯޓުތަކުގައި ހުރޭ. އެއީ ލަގްޒަރީ ބްރޭންޑެއް، ސާވިސް ވެސް އެންމެ ކޮލިޓީ ރަނގަޅު. ޔޫއެސްގެ ޒެމިޓްސް ބްރޭންޑުގެ ސިރަމްސް މި ބޭނުންކުރަނީ ހައިޑްރާ ފޭޝަލްގައި. އެހެން ސެލޫންތަކުން ނުލިބޭ ޕްރޮޑަކްޓުތައް މި ތަނުގައި އެބަ ބޭނުންކުރަން." ޒައި، 29، ބުންޏެވެ.

އޭނާ ބުނީ އެ ސެލޫންގެ އެންމެ މުހިއްމު ކަމަކީ ކަސްޓަމަރުން ހިތްހަމަޖެހޭ ގޮތަށް ހިދުމަތް ދިނުން ކަމަށެވެ. ތަނުގެ ނަމަށް "ވޭމޯ" ދިނީ ވެސް އެހެންވެ އެވެ. މާނައަކީ މިހާރު ވެސް ތި ހުރީ ރީތިކޮށެވެ. އެކަމަކު، މި ސެލޫނުން އިތުރަށް ރީތިކޮށްދޭނެ އެވެ.

"ސެލޫނަށް އަންނައިރަށް ވުރެ ނުކުމެގެންދާއިރު މީހާ ހުންނާނީ މާ ރީތި ގޮތުގައޭ." ހަތަރު ބިއުޓީޝަނުން މަސައްކަތްކުރާ ސެލޫނާ ގުޅޭގޮތުން ޒައި ބުންޏެވެ.

ސެލޫންގައި މަސައްކަތްކުރާ ބިއުޓީޝަނުންނާއެކު ޒައި.

"ތެދަށް ބުނާ ނަމަ މިކަމުގައި މި އުޅެނީ އިތުރަށް ރުފިޔާ ހޯދާކަށް ނޫން... ހިދުމަތުގައި 150 ޕަސެންޓު ޕްރޮފިޓް މާޖިންލާފައެއް ނޫން ސާވިސް ދެނީ. ހަމަ އަތްފޯރާ އަގެއްގައި. އަޅުގަނޑަށް އެބަ ލިބޭ ހިތްހަމަޖެހުން އެހެން މީހުންގެ ސެލްފް ކޮންފިޑެންސް، ސެލްފް އެސްޓީމް އިމްޕްރޫވްކޮށްދޭން އެބަ ކަމެއް ކުރެވޭ. އެއްގޮތަކުން ބުނަންޏާ އެހެން މީހުންނަށް އެހީތެރިކަމެއް މި ދެވެނީ އެ މީހެއްގެ އަމިއްލަ ސްކިންގައި ހުންނަން. އެއީ އެންމެ ބޮޑު ޕްލެޒާ. ރަނގަޅު ރިވިއު ވެސް ލިބުނީމާ ވަރަށް ހިތްހަމަޖެހޭ،" ޒައި ބުންޏެވެ.

މޭކަޕާއި ބިއުޓީގެ ފަހުގެ ޓްރެންޑުތަކަށް ހޭލުންތެރިވާން އަމިއްލައަށް ރިސާޗު ހެދުމާއި ސެލޫން އިސްތިިހާރުކުރުމާއި ތަނަށް ބޭނުންވާ އެއްޗެހި ހޯދަނީ ހަތަރު އަހަރު ވެސް ނުދާ ދެ ކުދިން ވެސް ބަލަމުންނެވެ.ސެޓިފައިޑް އެސްތެޓީޝަނަކަށް ވުމުން ސެލޫން ހުޅުވި ފުރަތަމަ ދުވަސްކޮޅު އެޕޮއިންޓްމަންޓު ވެސް ނެގި އެވެ. އެކަމަކު، އެ ހުރިހާ ކަމަކަށް ވަގުތު ދޭން އުނދަގޫވުމުން ކްލަޔަންޓުން ނެގުން މި ވަގުތަށް ވަނީ މަޑުޖައްސާލައިފަ އެވެ.

View this post on Instagram

A post shared by WayMore Beautiful (@waymore_beautiful)

ހުޅުމާލެ 2 ގައި ސެލޫން ހިންގިއަސް ޒައި ބުނީ މާލެއިން ވެސް ވަރަށް ގިނަ ޒުވާނުން ހިދުމަތް ހޯދަން ދާ ކަމަށެވެ. އޭގެ ތެރޭގައި ރިޕީޓެޑް ކްލަޔަންޓުން ވެސް ބައިވަރެވެ.

"ކޮންމެ މީހަކަށް ވެސް އައިސްފައި އޭނާއަށް ކޮށްލެވޭނެ ކޮންމެ ވެސް ކަމެއް އިންނާނެއޭ ރީތިވެލުމަށް. މިސާލަކަށް ޕެޑިކިއުއާއެއް ހަދާލަން ވިއަސް، ފުޓް މަސާޖެއް ވިއަސް ރޭންޖެެއް އެބަހުރި. އެއްވެސް މީހަކު ކަމެއް ނުކޮށް ދާކަށް ނުޖެހޭނެ. އަގުބޮޑިވިއްޔާ މީހުން ފަސްޖެހިދާނެ ހިދުމަތް ހޯދަން. އެކަމަކު މި ތަނުގައި އެހެން ނުވާނެ. އެންމެންނަށް ވެސް ހިދުމަތް ހޯދޭ ގޮތަށް ޕްރައިސް ރޭންޖު ހުންނާނެ." އޭނާ ބުންޏެވެ.

ސެލޫންތަކުން ގިނައިން ހިދުމަތް ހޯދަނީ ޒުވާނުންނެވެ. އެކަމަކު، ޒައިއަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އުމުރުން ދުވަސްވީ މީހުން ވެސް ވޭމޯ ބަލައިގަތުމެވެ.

ޒައި، ޓްރެއިނިން ނިންމުމަށްފަހު ސެޓްފިކެޓް ހާސިލްކުރަނީ.

"އެއްފަހަރު އައި ދައްތައެއްގެ ފައި މޮޑެދިނީމަ ވަރަށް ހިތްހަމަޖެހިފައި އަދި ހިދުމަތް ދިން ގޮތުން ވަރަށް ގަޔާވެފައި ހުރީ. އޭގެ ފަހުން ގޭގައި މީރު ކާ އެއްޗެއް ހެދިއަސް އަންނާނެ ސެލޫނަށް، ފައިތިލައިގެ މަސާޖު ކޮށްދިން ބިއުޓީޝަނަށް އެ ހިފައިގެން. އައިސްފައި، ވާހަކަދައްކައި ވަރަށް ލޯބިން އުޅޭނީ. ރުފިޔާ ހޯދަން ކުރާ ކަމަކަށް ވުރެ ބޮޑަށް ކޮމިއުނިޓީ ބޭސްޑް ސާވިސްއެކޭ މި ކޮށްދެނީ. އެއީ ގުޅުމެއް. އެ ދައްތައާ، ބިއުޓީޝަންއާ އެ އޮންނަ ގުޅުން ވަރަށް ސަޅި،" އޭނާ ކިޔައިދިނެވެ.

މިދިޔަ މަހުގެ ތެރޭގައި ދެ އަހަރު ފުރުނު ސެލޫން އިތުރަށް ފުޅާކުރުމަށް ޖާގަ ތަނަވަސް ތަނަކަށް ބަދަލުކުރެވޭތޯ ދަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު، ހުޅުމާލޭގައި އަދިވެސް ވޭމޯއިން ފޯރުކޮށްދޭ ގޮތަށް ހިދުމަތް ދޭ ތަނެއް ހުރުން މުހިއްމު ކަމަށް ގަބޫލުކުރާތީ ޒައި ބުނީ ހިޔާގައި އެ ސެލޫން ހިންގާނެ ކަމަށެވެ.

އޭގެ އިތުރުން އެހެން ފަރާތްތަކާ ގުޅިގެން ހިދުމަތް ދިނުމާއި ރިސޯޓުތަކަށް ވެސް އެ ސެލޫން ފުޅާކުރުމަކީ މިހާރު ޒައި އެންމެ ހާސިލްކުރަން ބޭނުންވާ ކަންތަކެވެ. ބޭނުމަކީ، ވީހާ ވެސް ގިނަ ބައެއްގެ އެންމެ ރީތި ސިފަ ގެނެސްދިނުމެވެ.

އަންހެނުން ބިއުޓީ ޒުވާނުން

Popular