8 May 2025

އަދިވެސް އޯކިޑު މަގާއި ފަރީދީ މަގު އޮޅެނީ

އަދިވެސް އޯކިޑު މަގާއި ފަރީދީ މަގު އޮޅެނީ

By: Maaidha Mohamed Rashad

މާލެއަށް އުފަންވެ މާލޭގައި ކިތަންމެ ދުވަހަކު އުޅުނަސް އޯކިޑު މަގާއި ފަރީދީ މަގު ވަކިކުރަން ނޭނގޭ މީހުން ބައިވަރެވެ. އެ ދެ މަގުގައި އާންމުކޮށް ހިނގައި ދުއްވިޔަސް ދެ މަގު ކަށަވަރުކަމާ އެކު ބުނަން ނޭނގިގެން ކިތަންމެ ފަހަރަކު އުޅެ އެވެ.

މި ދެ މަގު މި އޮޅެނީ، މާ އެއްގޮތްކަމުން ހެއްޔެވެ؟

ޓިކްޓޮކުގައި މަޝްހޫރު ޖެން ޑާލިން ވެސް ފަރީދީ މަގާއި އޯކިޑު މަގުގައި "ގެއްލިގެން" ވީޑިއޯއެއް ޕޯސްޓުކޮށްފައިވެ އެވެ.

އެއަށް ކޮމެންޓްކުރި ގިނަ ދިވެހިންގެ ހާލަތަކީ ވެސް އެއީ ކަމަށް ބުނެ މީހުންނަށް އެކަން މަޖާވި އެވެ. ގާތްގަނޑަކަށް 33 އަހަރު ވަންދެން މާލޭގައި އުޅުނު މީހަކާއި ސްކޫލު ނިމެންދެން މާލޭގައި އުޅުނު މީހުން ވެސް އެއަށް ކޮމެންޓުކޮށްފައި ވާއިރު އެ މީހުން ބުނެފައި ވަނީ އަދިވެސް އެ ދެ މަގު ނޭނގޭ ކަމަށެވެ.

އޮޅެންޏޭ ފަސޭހަ ގޮތެއް ބުނަން ހެއްޔެވެ؟

ސީގަލް ކެފޭއިން ފެށިގެން، މާފަންނުކޮޅަށް، ނަލަހިޔާއާ ހަމަޔަށް އެ އޮންނަނީ ފަރީދީ މަގެވެ. މަޝްހޫރު ފެންޓަސީ ފިހާރަ ހުންނަ މަގެވެ.

އޯކިޑު މަގަކީ މާފަންނު ގަޑިބުރާ ހިސާބުން ފެށިގެން ގޮސް، ޗާނދަނީ މަގު ކަންމައްޗަށް ހުންނަ ރީފްސައިޑާ ހަމަޔަށެވެ. ސްޕްރީމް ކޯޓާއި އެސްޓީއޯ ސުޕަ މާޓް ވެސް ހުންނަ މަގެވެ.

ގަޑިބުރު ކައިރީ ހުރެފައި ބަލައިލީމާ ތިޔަ ފެންނަނީ މި ދެ މަގެވެ. މި ދެ މަގު އެހާ ފަސޭހައިން އޮޅެނީ ފުޅާމިނުގައި ވެސް މާބޮޑު ތަފާތެއް ނެތި އަދި އެއް ބާވަތްތަކެއްގެ ފިހާރަތަކާއި ތަންތަން ދެ މަގުގައި ވެސް ހުންނާތީ ކަމަށް ވެދާނެ އެވެ.

މާލެ

Popular