ބަލިވެއިނުމަކީ އަންހެނެއްގެ ހަޔާތުގައި ކުރާ އެންމެ ތަފާތު ތަޖުރިބާ އެވެ. މިއީ މައިމީހާ އާއި ދަރިފުޅުގެ ސިއްހަތަށް ވަރަށް ފަރުވާތެރިވާން ޖެހޭ ހާއްސަ ދުވަސްވަރެކެވެ.
ބަލިވެއިނުމަކީ އަންހެނެއްގެ ހަޔާތުގައި ކުރާ އެންމެ ތަފާތު ތަޖުރިބާ އެވެ. މިއީ މައިމީހާ އާއި ދަރިފުޅުގެ ސިއްހަތަށް ވަރަށް ފަރުވާތެރިވާން ޖެހޭ ހާއްސަ ދުވަސްވަރެކެވެ.
މި ކަންކަމުގެ ތެރެއިން ވެސް، މާބަނޑުއިރު ޖެހޭ ހަކުރު ބަލި ނުވަތަ ޖެސްޓޭޝަނަލް ޑައެބިޓީސް އަށް ސަމާލުވުން މުހިންމެވެ. ޖެސްޓޭޝަނަލް ޑައެބިޓީސް ކަމަށް ބަލަނީ ބަލިވެއިނުމުގެ ކުރިން ހަކުރުބަލީގެ މައްސަލަ ނެތި، ބަލިވެ އިނުމާ ގުޅިގެން ހަކުރުބަލީގެ އުނދަގުލާ ކުރިމަތިވުމުންނެވެ. މިއީ އުމުރު ދުވަހުގެ ބައްޔެއް ނޫނެވެ. ވިހެއުމަށް ފަހު ދުވަސްކޮޅެއްގެ ތެރޭގައި ހަކުރު ލެވަލް އާންމު ހާލަތަށް ބަދަލުވެ އެވެ.
އެކަމަކު މިއީ ޓައިޕް 2 ޑައެބިޓީސް އަށް މީހާ ހުށަހެޅުމުގެ ނުރައްކާ ވަރަށް ބޮޑުވާ ކަމެކެވެ.
މާބަނޑުއިރު ޖެހޭ ހަކުރުބަލީގެ ސަބަބުން މައިމީހާގެ ސިއްހަތުގެ އިތުރުން ބަނޑުގައިވާ ދަރިފުޅަށް ވެސް ނޭދެވޭ އަސަރުކޮށް އަދި ވިހެއުމުގައި ވެސް އެކި މައްސަލަތައް ދިމާވުމުގެ ނުރައްކާ ބޮޑުވެ އެވެ.
ސިއްހީ އެކި ދިރާސާތައް ހަދާ އެމެރިކާގެ މޭޔޯ ކްލިނިކްގެ ވެބްސައިޓުގައި މިކަމާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މާބަނޑު ދުވަސްވަރު ހަކުރު ބަލި ޖެހުނަސް ބަލީގެ ވަކި ހާއްސަ އަލާމާތެއް އާންމުކޮށް ނުފެންނާނެ އެވެ. ކަރުހިއްކުން އިތުރުވުމާއި ގިނައިން ކުޑަކަމުދެވުން ފަދަ ކަންކަމަކީ ބަލީގެ އަލާމާތްތައް ކަމަށް ބަލައިގެން ސަމާލުވާށެވެ. މާބަނޑުއިރު ރަނގަޅު ކާނާ ކެއުމާއި ކަސްރަތުން ވެސް ހަކުރު ކޮންޓްރޯލްކުރުމަށް ބޮޑު އެހީއަކަށް ވާނެ އެވެ. އެހެންވެ އެ ކަންކަމަށް އިސްކަން ދޭށެވެ.
ބަލިވެއިނުމުން ހަކުރުބަލީގެ ނުރައްކާ އޮތް ވަރު ބެލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި ބަލިވެއިނުމަށް ފަހު ވެސް ހަކުރުބަލީގެ ހާލަތު ގަވައިދުން މޮނިޓަކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އަދި މާބަނޑުވުމުން ޖެހޭ ހަކުރުބައްޔަށް ޑައިގްނޯޒް ވެއްޖެ ނަމަ އެކަމަށް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ ފަހު ތިން މަހު އެވެ.
މާބަނޑުއިރު ހަކުރު ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުން
- ލޭ މައްޗަށް ދާ މީހުން
- އާއިލާގައި ހަކުރު ބަލީގެ ޓައިޕް 2 ގެ މީހެއް ހުރުން
- ތިރީސް ފަސް އަހަރު ފަހުން މާބަނޑުވުމުން
މާބަނޑު ދުވަސްވަރު މިކަން ދިމާވެއްޖެ ނަމަ މައިމީހާ އަދި ބަނޑުގައި އޮންނަ ދަރިފުޅަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑެވެ.