10 Mar 2025

By: Aishath Mihna Nasih

ރޯދަ މަހާއި ސްކޫލު ބަންދާ ދިމާވުމުން މިއޮތީ މަސައްކަތް ވެސް ދެގުނަ ވެފަ އެވެ. ރޯދަ ވީއްލަން ކާއެއްޗެހި ތައްޔާރުކުރަން އުޅޭއިރު އުޅެންޖެހެނީ ގޭގައި ކުރާނެ ކަމެއް ނެތިފައި ތިބި ދަރިންކޮޅު ފޫހިފިލުވުމަށެވެ.

މިފަހަރު މިއޮތީ މި ދެކަމަށް ވެސް ހައްލެކެވެ. ކުދިންކޮޅާ އެކު ތައްޔާރުކުރެވޭނެ ފަސޭހަ އަދި މީރު މިނީ ޕިއްޒާ ރެސިޕީއެކެވެ.

ފުށްގަނޑު މޮޑެން ހުރިހާ ބާވަތްތައް އެއްކޮށްފައި.

ބޭނުންވާނެ ތަކެތި

2 ޖޯޑު ފުށް

2 1/4 ސައި ސަމުސާ އިންސްޓަންޓް ޔީސްޓް

1 1/2 ސައި ސަމުސާ ހަކުރު

3/4 ސައިސަމުސާ ލޮނު

1/2 ސަމުސާ ގާލިކް ޕައުޑަރު

1/4 ސައިސަމުސާ ބޭސިލް (ޑްރައިޑް)

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

3/4 ޖޯޑު ފެން ( ވޯރމް ވޯޓަރ)

1/2 ޖޯޑު ޕިއްޒާ ސޯސް

150 ގްރާމް މޮޒެރެއްލާ ޗީޒް

1/4 ބްލެކް އޮލިވްސް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ އެއް ޖޯޑު ފުޑް (125 ގްރާމް) ގެ ތެރެއަށް ޔީސްޓް، ހަކުރު، ލޮނު އަދި ގާލިކް ޕައުޑަރާއި ބޭސިލްއާ އެއްކޮށްލާށެވެ. އެއަށްފަހު އޮލިވް އޮއިލްއާ ފެންފޮދު އޭގެ ތެރެއަށް އަޅައި ލަކުޑި ސަމުސަލަކުން އެއްކޮށްލާށެވެ. ދެން އަނެއްކާވެސް ބާކީ ހުރި 1 ޖޯޑު ފުށް އެއްކޮށްލާށެވެ. އަދިވެސް ފުށްގަނޑު މާ ތަތްލަވާ އަދި މޮޑެން އުނދަގޫނަމަ 1/3 ޖޯޑަށްވުރެ އިތުރު ނުވާނެހެން މަދުމަދުން ފުށް އަޅަމުން ދާށެވެ.

ބޯތަށްޓަށް ފުށްގަނޑު ބަދަލުކޮށްފައި: އޮލިވް އޮއިލް ހޭކުމުން ތަށީގައި ފުށްގަނޑު ތަތްނުލަވާނެ

އެއަށްފަހު އެހެން ބޯތަށްޓެއްގައި ރަނގަޅަށް އޮލިވް އޮއިލް ހޭކުމަށް ފަހު ފުށްގަނޑު މި ތައްޓަށް ބަދަލުކުރާށެވެ. ޕްލާސްޓިކް ރެޕަކުން ބޯތަށި އެއްކޮށް ކަވަރު ކުރުމަށްފަހު 30 މިނިޓު ވަންދެން ބަހައްޓާށެވެ. ފުށްގަނޑު ހުންނަންޖެހޭނީ ކުރިން ހުރި ސައިޒްގެ ދެ ގުނަ ބޮޑުވެފަ އެވެ.

ދެން އަވަނު ޕްރީހީޓް ކުރާށެވެ. އަތުގައި ކުޑަ ފުށްކޮޅެއް ހޭކުމަށްފަހު ފުށްގަނޑު ނަގައި އޮމާންވަންދެން ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު، ރޮށި ދަމާ އެއްޗަކުން ފުށްގަނޑު ރަނގަޅަށް ދަމާލާށެވެ. އަދި ކުކީ ކަޓަރު ނުވަތަ ފެން ބޯ ތަށްޓަކުން ނަމަވެސް ވަށް ބޮޅުތަކެއް ކަފާލާށެވެ. ގާތްގަނޑަކަށް ވިއްސަކަށް ބޮޅު ކެފޭނެ އެވެ.

ޕިއްޒާ ގެ ބައްޓަމަށް ފުށްގަނޑު ތައްޔާރުކޮށް ސޯސް ހާކާފައި --

ދެން ބޭކިން ޓްރޭގައި އަތުރާލާށެވެ. އަދި ޕިއްޒާ ފުށްގަނޑުގައި ފުރަތަމަ ސޯސް ހާކާލުމަށްފަހު ޗީޒް ސްލައިސްތައް ބަހައްޓާށެވެ. އަދި އެއަށްފަހު އޮލިވް ކޮޅުތައް އަތުރާލާށެވެ.

މިއީ ކުދިންނާއެކު ތައްޔާރުކުރެވޭނެ ފަސޭހަ ރެސިޕީއެއް.

ބޭނުންވާ ޓޮޕިންއެއް އެޅުމަށްފަހު ދެން 10-12 މިނިޓް ވަންދެން އަވަނުގައި ފިހެލާށެވެ. ފިހެ ނިމުމުން ފުށްގަނޑުގެ އަނެއް ފުށުގައި ހުންނާނީ މަޑު މުށި ކުލަ އެކެވެ. އަދި ޗީޒް ހުންނާނީ މެލްޓް ވެފަ އެވެ.

ރެސިޕީ

Popular