By: Aishath Mihna Nasih
        
      
  
        
        އާތުރައިޓިސް އަކީ ގުނަވަންތަކުގައި އިންފްލެމޭޝަން އާއި ރިހުން އުފެދޭ އެކި ހާލަތްތަކަށް ސިއްހީ ގޮތުން ދީފައިވާ ނަމެކެވެ. އެތައް ބާވަތްތަކެއްގެ އާތުރައިޓިސް ހުންނައިރު މިއީ  ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ވޭނެކެވެ، ދިރިއުޅުމުގެ ހާލަތަށް ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ. 
       
  
  
      
    
  
        
        ބޭހާއި އެކިކަހަލަ ތެރަޕީ ފަދަ ފަރުވާތަކުގެ ސަބަބުން އަލާމާތްތައް މެނޭޖްކުރުމަށް އެހީތެރިވެދޭއިރު، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އާތުރައިޓިސްގެ އަލާމާތްތައް ލުއިކޮށްދިނުމުގައި ކެއިންބުއިމުގެ ވައްޓަފާޅިއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
މެދުއިރުމަތީގެ ގައުމުތަކުގެ ކެއުމުގެ އާދަތަކުން އިންސްޕަޔާވެގެން ތައްޔާރުކޮށްފައިވާ މެޑިޓަރޭނިއަން ޑައިޓްގައި މޭވާ، ތަރުކާރީ، ހޯލް ގްރޭންސް، ފަތްޕިލާވެލީގެ ބާވަތްތަކާއި ނަޓްސް އަދި ޒައިތޫނި ތެޔޮ ފަދަ ސިއްހަތަށް ފައިދާހުރި ފެޓްތަކަށް ހާއްސަ އަހަންމިއްޔަތުކަން ދެއެވެ. މި ޑައިޓަކީ އެންޓިއޮކްސިޑެންޓް، ޕޮލިފެނޮލްސް، އޮމެގާ-3 ފެޓީ އެސިޑްސް އަދި ފައިބަރު އެކުލެވިގެންވާ ކާނާއެއް ކަމަށް ވާއިރު، މިހުރިހާ ބާވަތަކީ ވެސް އެންޓި-އިންފްލެމޭޓަރީ ކާނާއެވެ.  އޭގެ ސަބަބުން ގުނަވަންތަކުގައި ރިއްސުމާއި އާތުރައިޓިސްއާ ގުޅުން ހުރި ރިހުންތައް ކުޑަކޮށްދެ އެވެ.
       
  
  
  
        
        ދިރާސާތަކުން ދައްކާ ގޮތުގައި މެޑިޓެރޭނިއަން ޑައިޓެއް ބޭނުންކުރުމުން އާތުރައިޓިސްގެ އަލާމާތްތައް ލުއިކޮށްދެއެވެ. މި ޑައެޓުގައި ގިނައަދަދަކަށް މޭވާ އާއި ތަރުކާރީ ހިމެނޭއިރު މީގެ ސަބަބުން މުހިއްމު ވިޓަމިންތަކާއި މިނަރަލްސް ހަށިގަނޑަށް ލިބޭ މިންވަރު އިތުރުވެއެވެ. މި ކެއުމުގެ މައިގަނޑު އެއް ބާވަތް ކަމުގައިވާ އޮލިވް އޮއިލްގައި އިބުޕްރޮފެން އާ އެއްވަރުގެ އެންޓި-އިންފްލެމޭޓަރީ  ކޮމްޕައުންޑެއް ކަމަށްވާ އޮލިކަންތަލް އެކުލެވިގެންވެއެވެ. ސޭމަން އަދި ސާޑިން ފަދަ މަސްތަކުގައި ހިމެނޭ އޮމެގާ-3 ފެޓީ އެސިޑްގެ ސަބަބުން އިންފްލެމޭޝަން ކުޑަކޮށްދީ، ތަދުތަކާއި ރިހުންތައް ކުޑަކޮށްދެ އެވެ.
       
  
  
  
            
         މެޑިޓެރޭނިއަން ކެއުން
        
                  މެޑިޓެރޭނިއަން ކެއުން
              
      
  
  
        
        އެހެނިހެން ކެއުންތަކާ ޚިލާފަށް މެޑިޓެރޭނިއަން ކެއުމަކީ ތާޒާ ބާވަތްތައް ގިނައިން ބޭނުންކުރާ ކެއުމުގެ ބާވަތެކެވެ. އާންމު އެހެން ކެއުންތަކުގައި ޕްރޮސެސްކޮށްފައިވާ ކާނާ އާއި ސެޗުރޭޓެޑް ފެޓްސް އަދި ހަކުރު ގިނައިން އެކުލެވޭއިރި މިފަދަ ކެއުމަކީ އިންފްލެމޭޝަން އިތުރުވެ، އާތުރައިޓިސްގެ އަލާމާތްތައް އިތުރަށް ގޯސްވުމަށް މަގުފަހިކުރާ ކަމެކެވެ. އެހެންކަމުން މެޑިޓަރޭނިއަން ސްޓައިލްގެ ކެއުމުގެ ވައްޓަފާޅިއެއް ގެންގުޅުމަކީ މުޅި ސިއްހަތަށް ފައިދާވުމުގެ އިތުރުން އާތުރައިޓިސްގެ އަލާމާތްތައް މެނޭޖް ކުރުމަށް ގުދުރަތީ އަދި މީރު ގޮތެއް ވެސް މެއެވެ.
       
  
  
  
        
        ހަމައެކަނި ކެއުމުން އާތުރައިޓިސް އަށް ޝިފާއެއް ނުލިބުނަސް، މެޑިޓެރޭނިއަން ޑައިޓްގެ އުސޫލުތައް ކަމަށްވާ ތާޒާ، ނިއުޓްރިއަންޓްސް ހުންނަ ކާނާ އަދި ސިއްހަތަށް ފައިދާހުރި ފެޓްސް އެކުލެވިގެންވުމުން ބޭސްފަރުވާ އާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް ފުރިހަމަވެ، އާތުރައިޓިސް ހުންނަ މީހުންނަށް އެމީހުންގެ ހާލަތު ބެލެހެއްޓުމާއި ދުޅަހެޔޮކަން ރަނގަޅުކުރުމަށް ހޯލިސްޓިކް ވިސްނުމެއް ލިބިގެންދެއެވެ.