By: Aishath Jazlee
މި ހުރީ ޑައެޓްގައޭ މި ގަޑިއަކު ނުކެވޭނެއޭ މިއީ ވަރަށް ގިނައިން މީހުން ބުނާ ވާހަކައެކެވެ. މާ ބޮޑަށް މީހާ ފަލަވާން ފެށުމުން ނުވަތަ އެ ވާހަކަ މީހުން ދައްކަން ފެށުމުން ހައްލަކަށް ފެންނަނީ ޑައެޓްކުރުމެވެ. ކެއުން ހުއްޓާލުމުން ބަރުދަނުން އެކަން ދައްކާތީ އެވެ. ފަސޭހަ ހައްލެއް ކަމަށް ގަބޫލުކުރެވޭތީ އެވެ.
ޑައެޓްކުރުމަކީ ނިއުޓްރިޝަނިސްޓުންނާއި ޑޮކްޓަރުން ވެސް ބުނާ ގޮތުގައި ހިކުމަށް ހެދޭ އެންމެ ބޮޑު ގޯހެވެ. އާއްމުކޮށް، ޑައެޓް ކޮށްގެން ހިކޭ މީހުންގެ ޕްރޮގްރެސް ކުޑަދުވަސްކޮޅަކަށް ފަހު އަނބުރާ އަންނަނީ ވެސް މި ކަމަކީ ހިކުމަށް އޮތް ހައްލަކަށް ނުވާތީ އެވެ.
ކާންޖެހޭ ވަގުތުތަކުގައި ނުކައި ދޫކޮށްލުމަކީ ބަނޑުގައި ވައި ހެދުމަށް މަގުފަހިވާ ކަމެކެވެ. އަދި މިއީ މެޓަބޮލިޒަމް ދަށްވެ، މީހާގެ އެނާޖީ ދަށްވެ ލޮޑުވުމާއި މޫޑީވުމަށް ވެސް މަގުފަހިވާ ކަމެކެވެ. ހަށިގަނޑުގެ ނިޒާމުތައް ރަނގަޅަށް ދައުރުކުރަން ބޭނުންވާ ނިއުޓްރިޝަން ވެސް ލިބޭނީ ކައިގެންނެވެ. މީލްތައް ސްކިޕް ކުރުމަކީ ނިއުޓްރިޝަންސް ޑެފިޝަންޓުވުމާއި ލޭގެ ޕްރެޝަރު ދަށްވުމާއި ހަކުރު ބަލި ފަދަ ސިއްހީ މައްސަލަތަކަށް ވެސް ހުށަހެޅޭ ކަމެކެވެ.
ބަރުދަން ލުއިކޮށް، ވަކި މިނެއްގައި ބަރުދަން ބަހައްޓަން ބޭނުން ވަނީ ލައިފްސްޓައިލަށް ބަދަލުތަކެއް ގެންނާށެވެ. ކެއުމުގެ ވަގުތުތަކުގައި ކާ މިންވަރު މަދުކުރުމާއި ޕްރޮޓީން އާއި ފައިބަ އަދި ވިޓަމިންގެ ބައިތައް ހިމެނޭ ތަކެތި އިތުރު ކުރުމަކީ ހަށިގަނޑުން އެ ބަދަލު ފެންނާނެ ކަމެކެވެ. މީލްތައް އެއްކޮށް ދޫކޮށްލުމުގެ ބަދަލުގައި، ކާ ވަގުތުތަކުގައި ޖަންކް ފުޑާއި، ފެޓީ ފުޑްތައް ދޫކޮށްލައި ހަށިގަނޑަށް ބޭނުންވާ ރަނގަޅު ތަކެތި ކާށެވެ. އަދި ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރާށެވެ. ހަށިގަނޑަށް ބޭނުންވާ ބަދަލު އައިސް އެ ބަދަލު ހިފެހެއްޓޭނީ އޭރުންނެވެ.