20 Jul 2024

ކޮންމެ ފަރުވާއަކަށް ބާމު: ރަނގަޅުވާނެ؟

ކޮންމެ ފަރުވާއަކަށް ބާމު: ރަނގަޅުވާނެ؟

By: Aishath Mihna Nasih

ހެޔޮވަރުގެ ބާމު ފުޅިއަކީ ގޭގައި އަބަދުވެސް ހުންނަންޖެހޭ އެކައްޗަކަށް އޮންނަނީ ވެފަ އެވެ. ހާއްސަކޮށް، ވިކްސް ވެޕޯރަބް މިއީ އާންމު އެތައް ބައްޔަކަށް ލުޔެއް ކަމުގައިވެ އެވެ. ތަނެއްގައި ރިހުނަސް، ކެއްސިޔަސް، ހޮޑުލަވައިގަތަސް އަދި ހާއްސަކޮށް، ރޯގާއެއް ޖެހުނަސް މިއީ އެންމެ ފުރަތަމަ ފަރުވާ އެވެ.

އެކަމަކު ބާމުފުޅިން އަސްލު ހަގީގީ އަސަރު މި ކުރަނީ ކިހާވަރަކަށް ކަން އެނގޭ ހެއްޔެވެ؟

ވިކްސް ވެޕޯރަބް އަކީ އެމެރިކާގެ ގޭބިސީ އާއި ޕާސަނަލް ކެއާ އުފައްދާ ކުންފުނި ޕްރޮކްޓާ އެންޑް ގޭމްބަލް އިން އުފައްދާފައިވާ މެންތޮލޭޓެޑް އޮއިންޓްމަންޓެކެވެ. ނޯތު ކެރޮލައިނާގެ ފާމަސިސްޓް ލަންސްފޯޑް ރިޗަޑްސަން އޭނާގެ ދަރިފުޅުގެ ކްރޫޕަށް ފަރުވާ ދިނުމަށް ތައްޔާރުކުރި މި އުފެއްދުމަށް 125 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މީހުން އަދިވެސް އަންނަނީ ބާމުން ކުރެވޭނެ އެކި ބޭނުންތައް ތައާރަފްކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ސައިންސުގެ ތާއީދު އެބަ އޮތެވެ. އަދި އަނެއްބައި ކަންތައްތަކަކީ [މިހާތަނަށް] ދިރާސާކުރެވިފައި ނުވާ އަދި އޭގެ ހަގީގީ ފައިދާ ސައިންސްގެ އަލީގައި ކަށަވަރު ކުރެވިފައި ނުވާ ބޭނުންތަކެވެ.

ވިކްސް ވެޕޯރަބް ގައި ހިމެނެނީ ކޯއްޗެއް؟

ކޭމްފޯ (4.8 ޕަސެންޓް)

މެންތޮލް (2.6 ޕަސެންޓް)

ޔޫކެލިޕްޓަސް ތެޔޮ (1.2 ޕަސެންޓް)

ސީޑާ ލީފް އޮއިލް

ނަޓްމެގް އޮއިލް

ޕެޓްރޯލަޓަމް

ތައިމޯލް

ޓާޕެންޓައިން އޮއިލް

ބާމުގެ ސަބަބުން ލިބޭ ބައެއް ފައިދާތަކާ ގުޅޭގޮތުން މިހާތަނަށް ކޮންމެވެސް ވަރެއްގެ ތަހުލީލުތަކެއް ވަނީ ހެދިފަ އެވެ.

ނޭފަތް ބެދުން

ވިކްސް ވެޕޯރަބަކީ ޑިކޮންޖެސްޓެންޓެއް ނޫނެވެ. ނަމަވެސް ވަރުގަދަ މެންތޮލް އާއި ކޭމްފޯ ވެޕާސްގެ ސަބަބުން ނޭފަތުގެ ޕެސެޖުތަކުގައި ފިނިކަމެއް އުފެދި، ސިކުނޑީގައި ވާ ރިސެޕްޓަރުތައް އިތުރަށް ފާޅުކަން ބޮޑުގޮތެއްގައި ނޭވާލާކަމުގެ އިހުސާސް ކުރެވެ އެވެ.

އުމުރުން ދުވަސްވީ ބަޔަކު ބައިވެރިކޮށްގެން 2017 ވަނަ އަހަރު ކުރި ދިރާސާއެއްގައި، ރޯގާ ޖެހިފައިވާ މީހުން ބުނެފައި ވަނީ ވިކްސް ވެޕޯރަބް ބޭނުންކުރުމުން ނިދުމުގެ ފެންވަރު ރަނގަޅުވިކަމަށެވެ.

ކެއްސުމަށް ލުޔެއް

ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް) ގައި ކެމްފޯ، ޔޫކެލިޕްޓަސް އޮއިލް އަދި މެންތޮލް މި ބާވަތްތަކަކީ ކެއްސުމަށް ފަރުވާއެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.

ނަމަވެސް ދާއިމީ ގޮތެއްގައި ނުވަތަ އެއްވެސް ކްރޮނިކް ބައްޔެއްގެ ސަބަބުން ދިގު މުއްދަތަކަށް ކެއްސައި ކިނބިހި އަޅާ ނަމަ - މިސާލަކަށް އެސްމާ ނުވަތަ އެމްފިސީމާ ފަދަ ބައްޔެއް ނަމަ - ވިކްސް ވެޕޯރަބް ބޭނުންކުރުން ރަނގަޅެއް ނޫނެވެ.

ނަމަވެސް ފިނީގެ ސަބަބުން ކެއްސައި ނުވަތަ ރޯގާގެ އަސަރުކުރާ ނަމަ މި ފިޔަވަޅުތަކަށް އަމަލުކުރުމަށް ލަފާދެ އެވެ.

1. ވިކްސް ވެޕޯރަބްގެ ފަށަލައެއް ހަމައެކަނި ބުރަކައްޓާއި ކަނދުރާގައި އުނގުޅާލާށެވެ. އަނގަ ކައިރީގައި ނުވަތަ ނޭފަތުގައި ބޭނުން ނުކުރާށެވެ.

2. ސީދާކޮށް ނުވަތަ ކޮޅަށް ތިބޭއިރު ހޫނު، ހިކި ފޮތިގަނޑެއް ބޮލުގައި އަޅުވާލާށެވެ.

3. މޭމައްޗާއި ކަރުގެ ވަށައިގެން ހުރި ފޭރާން ލުއިކޮށް ނުވަތަ ގަޔަށް ދޫކޮށް ބަހައްޓާށެވެ. އޭގެ ސަބަބުން އާވީގެ އަސަރު ކުރާލެއް އަވަސްވާނެ އެވެ.

4. ބޭނުންވެއްޖެ ނަމަ 24 ގަޑިއިރުގެ ތެރޭގައި ތިން ފަހަރަށް ތަކުރާރުކުރާށެވެ.

މަސްތަކުގައި ރިހުން

އެންއައިއެޗް އިން ބުނާ ގޮތުގައި ކެމްޕޯރާއި މެންތޮލްއަކީ ގައިގެ މަސްތަކުގެ ރިހުން ކަނޑުވައިދިނުމަށް އެހީއެކެވެ. މި ދެބާވަތުގެ ސަބަބުން ވަރުގަދަ ފިނިކަމެއް އުފައްދައި ތަދު ކަނޑުވައިދެއެވެ. މިދިޔަ އަހަރު ވަަނަ ހަދާފައިވާ ދިރާސާއަކުން އެނގޭގޮތުގައި ކެމްފޯ އާއި މެންތޮލް އެކުލެވޭ އުފެއްދުންތަކުން އޮސްޓިއޯއާތުރައިޓިސް އާއި މަސްތަކުގައި ރިއްސުމާއި ނިއުރޯޕެތިކް ތަދުތަކުގެ ވޭނަށް ލުއިހޯދާދެއެވެ.

ބޮލުގައި ރިހުން

މެންތޮލް އެކުލެވޭ ޖެލްތަކާއި އޮއިންޓްމަންޓްތައް އިސްތަށިގަނޑުގެ އަޑީގައި އުނގުޅުމުން ބޮލުގައި ރިއްސުން ފިލުވައިދޭ ކަމަށް 2015 ވަނަ އަހަރުގެ ރިވިއު ޓްރަސްޓްޑް ސޯސްއިން ދައްކާފައިވެ އެވެ. ނަމަވެސް ޓެސްޓްކުރި އުފެއްދުންތަކުގައި މެންތޮލްގެ މިންވަރު ވިކްސް ވެޕޯރަބް (2.6 ޕަސެންޓް) އަށް ވުރެ މާ ގިނަ (6 - 10 ޕަސެންޓް) އެވެ. އެހެންކަމުން، ބޮލުގައި ރިއްސުމަށް ފަރުވާ ކުރުމަށް ވިކްސް ވެޕޯރަބް ބޭނުންކުރުމަށް މިހާތަނަށް އެއްވެސް ދިރާސާއަކުން ތާއީދެއް ނުކުރެ އެވެ.

ސަމާލުކަން ދޭންވީ ކަންކަން

ސިއްހީ އޮފިޝަލުންނާއި ޕްރޮޑަކްޓް އުފައްދާ ފަރާތްތަކުން ބުނާ ގޮތުން ދެ އަހަރުން ދަށުގެ ކުދިންނާއި، ފާޅުވެފައި ހުންނަ ބޮޑެތި ޒަހަމްތަކާއި އަދި ބާރު ބެންޑޭޖްތަކުގެ ދަށުގައި ބާމު ހޭކުން އެދެވިގެން ނުވެ އެވެ. ހަމައެޔާ އެކު، އެއްވެސް ވަރަކަށް ބާމު ހޫނުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަންގަނޑު އަދައިފާނެ އެވެ. އެއްވެސް ވަރަކަށް ބާމު އަނގައަށް ލުން ފަދަ ކަމެއް ވެސް ކޮށްގެންނުވާނެ އެވެ. ސަބަބަކީ ހަށިގަނޑު އެތެރެއަށް އެ ގޮސްފި ނަމަ ވިހަވުމުގެ ފުރުސަތު އޮންނާތީ އެވެ. ހަމައެޔާ އެކު، ކެއްސުން ނުވަތަ މަސްތަކުގައި ރިއްސުން ހަފުތާއަކަށް ވުރެ ދިގު ދެމިގެންދާ ނަމަ ޑޮކްޓަރަކާ ވާހަކަ ދައްކާށެވެ.

ސިއްހަތު

Popular