5 Sep 2024

By: Aishath Mihna Nasih

ގަރުދިޔަ އަކީ އަހަރެމެންގެ މަައިގަނޑު ކެއުމުގެ އެންމެ މުހިންމު އެކައްޗެވެ. އެކަމަކު ގަރުދިޔައާ ގުޅިފައި ހުރީ ގިނަފަހަރު ވަރަށް ބަހުސްކުރެވޭ ކަހަލަ މައުޟޫތަކެވެ. އެއް ދުަވަސްވަރެއްގައި އަހަރެމެން ޖެހުނީ ގަރުދިޔަ ކައްކާ އުޅޭ އެކި ގޮތްތައް ކިޔައިދޭށެވެ. އެއީ މީހުންނަށް ގަބޫލުކުރަން ފަސޭހަ ކަމަކަށް ނުވި އެވެ. ދެން އައީ ގަރުދިޔަ އާއި ރޮށީގެ ބަހުސްތަކެވެ. އެއަށްފަހު އައީ ތެޔޮ ރޮށިތޯ ނުވަތަ ހުނިރޮށިތޯ ބެލުމެވެ.

މި ވާހަކަތައް މާޒީވެ ގޮސްފި އެވެ. ޝޯޝަލް މީޑިއާގައި، ނޫސްވެރިޔާ އަދި ކުޑަކުދިންގެ ވާހަކަ ލިޔުންތެރިޔާ އަމީރާ އޮސްމަނަގިޗް ގަރުދިޔައާ އެކު މި ކަނީ އޯޓްސް އެވެ.

ހައިރާންވެއްޖެ ދޯ އެވެ. އެކަަމަކު މި ވާހަކަ އަމީރާ ދައްކާތާ ދުވަސްކޮޅެއްވެއްޖެ އެވެ. އަންގާރަ ދުވަހު އޭނާގެ އިންސްޓަގްރާމަށް އަލުން މި ރެސިޕީ ވީޑިއޯ ޕޯސްޓްކުރުމުން މިފަހަރު މިއޮތީ އަހަރެމެންގެ ރާޑަރަށް ވެސް އަރައިފަ އެވެ.

މި ކިހިނެއް އުފެދުނު ރެސިޕީއެއް؟

"މިއީ އެއްދުވަހަކު ވަރަށް ކަންނެތްވެގެން އައި ހިޔާލެއް. ހިތަށް އެރީ ބަތް ވެސް އޯޓްސް ވެސް މިއީ ކާބްސް އެއް ނޫންހޭ. އެހެންވީމާ ގަރުދިޔައާ އެކު ބަތް ކެވެންޏާ ކީއްވެހޭ އޯޓްސް ނުކެވޭންވީ،" އަމީރާ ބުންޏެވެ.

"އެކަމަކު ހިއެއް ނުވޭ އަމީރާ މިއީ ފުރަތަމަ މީހާހެން އޯޓްސްއާ ގަރުދިޔަ ކޭ. ބައެއް މީހުން ކޮމެންޓްކުރި ކުރިން މިހެން ކޭ ކަމަށް. އަނެއްބަޔަަކަށް މިއީ ހަމަ ގަބޫލުކުރަން ވެސް ދަތިވި ކަމެއް. އެކަމަކު ހީވަނީ މިއިން މި އަންގައިދެނީ ކަނޑުމަހާއި، ގަރުދިޔަ އެކި ގޮތްގޮތަށް ބޭނުންކުރެވޭނެކަން. މައިގަނޑުގޮތެއްގައި މުޅި ދިވެހި ކެއުމަކީ ކަނޑުމަސް އެކިކަހަލަ އުފެއްދުންތެރި ގޮތްގޮތުން ބޭނުންކުރުންތާ."

ގޭގައި ގަރުދިޔަ ހުރިނަމަ މި ރެސިޕީ މިއީ ހަމަ ފަސް ވަރަކަށް މިނެޓުތެރޭ ތައްޔާރުކުރެވޭނެ ރެސިޕީއެކެވެ. ގަރުދިޔަތެލީގައި ހުރި ފިޔާ، ރާނބާފަތް ނުވަތަ ހިކަނދިފަތް ފަދަ ހުރިހާ ބާވަތެއް ނަގައި ހަމައެކަނި މަހާއި ގަރުދިޔަ ފޮދު ތެއްޔެއްގައި ހޫނުވެލުމުން އޯޓްސްކޮޅު އަޅާލާށެވެ. އެއަށްފަހު ލުނބޯހުތް ޖަހައި، ސަމްބޮލް އަޅާނީ އެވެ. އަދި ދެތިން މިނިޓް ރަނގަޅަށް ކައްކާލުުމުން މި ނިމުނީ އެވެ. އާދައިގެ ގަރުދިޔަ އާއި ބަތްތައްޓަކަށް ދެން އަޅާނެ ހުރިހާއެއްޗެއް އަޅައިގެން ހަމަ ކާންވީ އެވެ.

އަމީރާގެ އޯޓްސް ގަރުދިޔަ ރެސިޕީ ---

އޯޓްސްއާ ގަރުދިޔައިގެ ރަހަ ކިޔައިދީބަލަ؟

ރަހަ ވަރަށް މީރު! ބަތާއި ގަރުދިޔައާ އެއްގޮތެކޭ ނުބުނާނަން، ހާއްސަކޮށް "ޓެކްސްޗާ ވަރަށް ތަފާތު". އެކަމަކު ކުޅިބަތްޕެނާ ދާދި އެއްގޮތްކަމެއް ހުރޭ. ނޫނީ ބައެއް މީހުން ބުނޭ ރޮށްޓާއި ގަރުދިޔައާ އެއްކަހަލަ ރަހައެއް ހުންނަކަމަށް. އެކަމަކު އަމީރާ އަކީ އެހާ ރޮށްޓާއި ގަރުދިޔަ ކަމުދާ މީހެއް ނޫންވީމަ އެއަށް ބުނާނެ އެއްޗެއް ނޭނގެ. އެކަމަކު ހަމަ ކޮންމެ އެއްޗަކާއެކީ ކެޔަސް، އިތުރު މިކޮށްލަނީ ހަމަ އެކައްޗެއް. އެއީ މަސްމިރުހާ، ތަރުކާރީއާ، އަސާރަ ލޮނު މިރުސް، ތެލުލިފަތް ކަހަލަ އެއްޗެހި. އެންމެ މުހިންމީ ލުނބޯ!

ދެން ބައެއް ފަހަރު ރަހަ އިތުރަށް މުއްސަނދިކޮށްލަންވެގެން އޯޓްސް އެޅުމުގެ ކުރިއަށް ފިޔާކޮޅެއް އަޅާލާ ރަނގަޅަށް ރަތްކޮށްލަން.

މި ރެސިޕީއަށް ލިބުނީ ކޮންކަހަލަ ރިއެކްޝަނެއް؟

ބައެއް މީހުންނަށް މި ވަރަށް ފަކުރު. އެކަމަކު ހަމަ އެހާ މީހުންބުނޭ މި ރެސިޕީވަރަށް ކަމުދާކަމަށް. ނޫނީ އެމީހުންގެ މާމަކާފަމެނަށް މި ވަރަށް މީރުކަމަށް. އެކިކަހަލަ ރިއެކްޝަން ލިބުނީ. އަނެއްބަޔަކު.. ތަންކޮޅެއް ޒުވާން ފޮލޯވަރުން އަމީރާ ގަރުދިޔަ ފްރިޖަށްލާތީ ތިބީ މާބޮޑަށް ކަންބޮޑުވެފައި.

މިވަގުތު މެލޭޝިޔާގައި އަމީރާ ހުރިއިރު، އޭނާ ބުނާގޮތުން ކެއްކުމަކީ އަބަދުވެސް ވަރަށް ގަޔާވާކަމެކެވެ. ހާއްސަކޮށް ރަހުމަތްތެރިންނަށާއި އާއިލާއަށް އޭނާ ވަރަށް ކައްކަދޭހިތްވެ އެވެ. ނަމަވެސް އަމިއްލައަށް އެކަނި ކާންޖެހޭ ފަހަރުތަކުގައި އަބަދުވެސް ޚިޔާރުކުރެވެނީ ކަންފަސޭހަ، މަސައްކަތް ލުއި ރެސިޕީތަކެވެ.

Popular