14 Sep 2024

By: Aishath Jazlee

އަވަސް އަރުވާލާފައި ކޮފީ ތައްޓެއް ހިފައިގެން ދާ އަންހެން ކުއްޖަކު ލައިނުގަނެގެން ތެޅިފޮޅެމުން ދަނިކޮށް ގޮސް ފިރިހެނެއްގެ ގައިގައި ޖެހެ އެވެ. ކޮފީ ތަށި ގަޔަށް ބަންޑުންވެ, ޓީޝާޓު ހަރާބުވެ އެވެ. އެކަމާ ޕެނިކުވެ, ހަދާނެ ނުހަދާނެ ގޮތެއް ނޭނގި އުޅެނިކޮށް، ގައިގައި ޖެހުނު މީހާ މާފަށް އެދި ޓީޝާޓުން ކޮފީ ފިލުވޭނެ ގޮތެއް ހޯދައިދޭން އުޅެ އެވެ. ދެ މީހުންގެ ހަތަރުކަޅި ހަމަވީ އެ ވަގުތު އެވެ. ހިތުގެ ތެޅުން އަވަސްވެ, ދުނިޔޭގެ ދައުރުވުމާއި ވަގުތާއި ލަސްވެ, ވަށައިގެންވި ހުރިހާ އަޑުތަކެއް މަޑުވެ އެވެ.

މިއީ ކުޑައިރު ކީ ލޯބީގެ ވާހަކަ ފޮތަކުން ފާހަގަވި މަންޒަރެކެވެ. މި މަންޒަރު އެތައް ގޮތަކަށް, މިއަށްވުރެ އަދި މާ ޑްރެމެޓިކްކޮށް ޓީވީ ސްކްރީނުން ވެސް ވަނީ ފެނިފަ އެވެ. ފިލްމުތަކުން އެކަންޏެއް ނޫނެވެ. ކާޓޫނުތަކުން ވެސް އެކި ގޮތްގޮތަށް މި މަންޒަރު ފެނެ އެވެ. މި ހުރިހާ އެއްޗެއް ބުނެދެނީ އެއް ވާހަކައެކެވެ. އެއީ ފުރަތަމަ ނަޒަރުން ލޯބިވެވޭ ވާހަކަ އެވެ.

ޓީވީ ސްކްރީނާއި ވާހަކަ ފޮތްތަކުގެ ބޭރުން، ހަމަ ހަގީގަތުގައި ވެސް ފުރަތަމަ ނަޒަރުން ލޯބިވެވޭ ހެއްޔެވެ؟ ހަމަ ފަޅި ސިކުންތެއްގެ ތެރޭގައި މީހަކު ދެކެ ލޯބިވެވި އޭނާއާ ނުލައި ދިރިނުހުރެވޭ ވަރު ވޭހެއްޔެވެ؟ އޭނާގެ ނަމެއް އުމުރެއް, އޭނާގެ ޕާސަނާލިޓީގެ އެއްވެސް ކަމެއް ނޭނގި، އެ މީހަކާ އެކު އުމުރު ދުވަހު އުޅެވޭނެ ވަރަށް ހަމަ ހަގީގީ ލޯބި ވެވި ދާނެ ހެއްޔެވެ؟

ލޯތްބަކީ އެއްވެސް ލޮޖިކެއް ނެތް އެއްޗެއްގެ ގޮތުގައި ގަބޫލުކުރާ ނަމަ, ނުވަތަ ހޯޕްލެސް ރޮމޭންޓިކެއް ނަމަ އެ ވާހަކަ ގަބޫލުކޮށްފާނެ އެވެ. އެކަމަކު ލޮޖިކް ބޭނުން ކޮށްގެން, ފެކްޓުތަކަށް ބަލާ ނަމަ, ސެން ފްރެންސިސްކޯގެ ސައިކޮލޮޖިސްޓު ޑރ. ބްރެންޑާ ވޭޑް މިކިޔާ އެއްޗެއް ވިސްނޭނެ އެވެ.

ޑރ. ވޭޑް ބުނަނީ ފުރަތަމަ ނަޒަރުން އިހުސާސްތަކެއް ކުރިވިދާނެ ކަމަށެވެ. ބައެއް މީހުންނަ އޯވާވެލްމް ވާ ވަރަށް ވެސް މި އިހުސާސްތައް ކުރެވިދާނެ އެވެ. ހަމަ ހަގީގަތުގައި ވެސް އަތްފައި ފިނިވެ, ނޭވާ ކުރުވެ, ވާހަކަ ދައްކަން ވެސް އުނދަގޫވެދާނެ ކަމަށް ވެސް ބުންޏެވެ. އެކަމަކު މި އިހުސާސްތަކަށް ޑރ. ވޭޑް ކިޔަނީ ލޯތްބެއް ނޫނެވެ. އެޓްރެކްޝަނެވެ.

ޑރ. ވޭޑް ބުނަނީ މީހަކު ފެނުމުން, އެ މީހަކާ މާ ބޮޑަށް ގަޔާވުމުން އެ ދެ މީހުންގެ ދެމެދުގައި އެ އޮންނަ ކެމިސްޓްރީ އިހުސާސްވެ, އެޓްރެކްޝަނެއް އުފެދި ދާނެ ކަމަށެވެ. އަދި މި އެޓްރެކްޝަނަކީ އިމޯޝަނަލް ކަނެކްޝަނަކަށް ވުރެ ބޮޑަށް ފިޒިކަލް އެޓްރެކްޝަނެއް ކަމަށް ބުންޏެވެ. އޭނާ ބުނީ ހަގީގީ ލޯތްބަށް، ހަތަރު ކަޅި ހަމަވާ މަދު ސިކުންތު ކޮޅަށް ވުރެ ގިނަ އިރު ބޭނުންވާނެ ކަމަށެވެ. އަދި ހަގީގީ ލޯތްބަށް އެކުގައި ވަގުތު ބޭނުންވާ ކަމަށާއި ލޯބިވެ, އެ ލޯބި އިތުރު ވާނީ އެކަކު އަނެކަކަށް ދަސްވެ, ގަޔާވާ އެތައް ސިފަތަކެއް ފެނިގެން ކަމަށް ވެސް ބުންޏެވެ.

ސައިކޯތެރަޕިސްޓު ޑރ. ލީ ފިލިޕްސް ވެސް ބުނަނީ މި ވާހަކަ އެވެ. ލޯބިވުމަށް ވަގުތު ބޭނުންވާނެ ވާހަކަ އެވެ. އެކަމަކު މީހަކު ދިމާވެ ދުވަހަކުވެސް މީގެ ކުރިން އިހުސާސްވެފައި ނެތް ފަދަ ވަރުގަދަ އިހުސާސްތަކެއް ފުރަތަމަ ނަޒަރުން ވެސް ކުރެވި ދާނެ ކަމަށް އޭނާ ވެސް ގަބޫލުކުރެ އެވެ. އެއީ ގަޔާވާ މީހަކު ފެނުމުން ސިކުނޑީގައި ކެމިކަލް ރިއެކްޝަން އުފެދޭތީ ކަމަށް އޭނާ ބުންޏެވެ. އެކަމަކު ފިލިޕްސް ވެސް މިއަށް ކިޔަނީ އެޓްރެކްޝަނެވެ. ފިޒިކަލް އެޓްރެކްޝަނެވެ.

ޑރ. ފިލިޕްސް ބުނީ ދެ މީހުންގެ ދެމެދުގައި މި ފަދަ ވަރުގަދަ ކެމިސްޓްރީއެއް އޮތް ނަމަ އެ މީހަކާ އެކު ކަނެކްޝަނެއް ބިލްޑުކޮށް ލޯބިވުމަކީ އުނދަގޫކަމަކަށް ނުވާނެ ކަމަށެވެ.

މިއީ ދެ ސައިކޯތެރަޕިސްޓުންގެ ހިޔާލެވެ. އެކި ރިސާޗުތަކަށް ބަލައި, ހިއުމަން ބިހޭވިއާ ދިރާސާކޮށް ނިންމި ނިންމުމެކެވެ. އެކަމަކު ލޯބީގައި ލޮޖިކުވާކަމަށް ގަބޫލު ނުކުރަންޏާ މި ވާހަކަ ގަބޫލެއް ނުކުރެވޭނެ އެވެ. ނުވަތަ އެ ފަދަ ތަޖުރިބާއެއް އަމިއްލައަށް ކުރެވުނުކަން ގަބޫލުކުރަންޏާ މި މީހުން ދައްކާ ވާހަކަ ގަބޫލުނުކުރެވޭނެ ދޯ އެވެ؟

Popular