12 Sep 2024

By: Aishath Jazlee

ދެތިން މީހަކު ގާތު މި ސުވާލު ކޮށްލީމާ ވެސް ބުނީ ތާރީހުތަކަކީ މާ މުހިންމު އެއްޗެއް ނޫން ކަމަށެވެ. އެނިވާސަރީ ޑޭޓު އެއީ ކޮންމެހެން ހަނދާނުގައި ހުންނަންޖެހޭ ތާރީހެއް ކަމަށް ވެސް ގަބޫލެއް ނުކުރެ އެވެ. ބައެއް މީހުންނަށް ކައިވެންޏަށް ނުވަތަ ލޯބީގެ ގުޅުމަށް ވީ ކިހާ ދުވަހެއް ކަމެއް ވެސް ނޭނގެ އެވެ.

ލޯބި ވަޒަންކުރާނީ ތާރީހުތަކުން ނޫން ކަމަށާއި ލޯބިވާކަން ހާމަކުރަންޖެހެނީ ވަކި ދުވަހަކު ނޫން ކަމަށް މި މީހުން ބުނެ އެވެ. އެކަމަކު ދެން އެނިވާސަރީ ޑޭޓު މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟

ދެ މީހުން އެކުގައި އެތައް އަހަރެއް ވޭތުކުރުމަކީ ގިނަ ބަދަލުތަކެއް އެ ގުޅުމަށް އަންނާނެ ކަމެކެވެ. އަމުދުން ދެ މީހުން އިނދެގެން ދިރިއުޅުމެއް ބިނާ ކުރާއިރު ދެ މީހުންގެ ގުޅުން ބަދަހިކުރުމަށް ވުރެ, ދިރިއުޅުމުގައި އިސްކަންދޭން ޖެހޭ ކަންތައްތަކާއި ޒިންމާތައް މާ ގިނަ އެވެ. ދެ މީހުންނަށް ވެސް އެކަކު އަނެކަކަށްޓަކައި ކޮންމެ ދުވަހަކު އެތައް ކަމެއް ކޮށްދޭއިރު, އެއިންކަމަކާ މެދު ވިސްނާލައި އެކަމެއް އެޕްރިޝިއޭޓުކުރަން ވެސް ވަގުތު ނުވެ އެވެ. ނުވަތަ ލޯބިވާކަން ހާމަކޮށްލަން, ރަނގަޅު ހަދިޔާއެއް, މަލެއް ގަނެލަން ވެސް ހަނދާނެއް ނުހުރެ އެވެ. އަދި އެކުގައި އެކަނި ކޮލެޓީ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދެ މީހުންގެ ޝެޑިއުލް ދިމާވާ ގޮތެއް ނުވެ އެވެ.

އެނިވާސަރީ ޑޭޓު މުހިންމު ވަނީ އެހެންވެ އެވެ. އެ ދުވަހަކީ ދެ މީހުންނަށް މިހާރު އާދެވިފައި ހުރި ހިސާބު ފާހަގަކޮށް އެ ދެމެދުގައި އޮތް ލޯބީގެ ހަނދާންތައް އާ ކޮށްލަން ރަނގަޅު ދުވަހަކަށް ވީމަ އެވެ. އަދި އެ ދުވަހުގެ ކުޑަކުޑަކަމަކުން އެކަކު އަނެކަކަށް އޮންނަ އެޕްރިޝިއޭޝަން އަންގައިދީ, އެ މީހަކީ އަދިވެސް ދިރިއުޅުމުގައި ކިހާ ހާއްސަ މީހެއްކަން ބުނެދޭން ލިބޭ ފުރުސަތަކަށް ވީމަ އެވެ. ދިރިއުޅުމުގެ ކަންކަމުން ހިޔަނި އެޅޭ ހުރިހާ ކަމެއް އެއްކައިރިކޮށް, ދެ މީހުންގެ އިހުސާސްތަކާއި ގުޅުމަށް ފޯކަސްކުރަން ލިބޭ ފުރުސަތަކަށް ވުމުންނެވެ.

މިކަންކަމަކީ އުފާވެރި ކާމިޔާބު ގުޅުމަކަށް ބޭނުންވާނެ ކަންކަމެވެ. ގިނަ ފަހަރު ދިރިއުޅުމުގެ ބިޒީކަމާއި ކޫސަނި މައްސަލަތަކުގެ ތެރެއިން ފަރުވާކުޑަކޮށްލެވޭ މި ފަދަ އެކި ކަންކަމަކީ ދެ މީހުންގެ މެދުގައި އޮންނަން ޖެހޭ ސްޕާކް ގެއްލި, އެކަކު އަނެކަކު ދެކެ ފޫހިވާން ވެސް މެދުވެރިވާ ކަމެކެވެ. އަދި އެ ގުޅުމުގައި އޮންނަ ލޯބި އިހުސާސްނުވެ, ޕާޓްނާއެއްގެ ފަރާތުން ލިބެންޖެހޭ ހިތްހަމަޖެހުން ގެއްލޭކަމެކެވެ. ގުޅުންތައް ކެނޑި ވަރިއާ ހަމައަށް ދިއުމުގައި މިފަދަ ކުދިކުދި ކަންތައްތަކުގެ ދައުރު ވެސް ވަރަށް ބޮޑެވެ. އެނާވާސަރީ ޑޭޓާއި އެ ދުވަސް ފާހަގަކުރަންޖެހޭ ބޮޑު އެއް ސަަބަބަކީ މިއީ އެވެ.

Popular