13 Sep 2024

By: Aishath Mihna Nasih

ކޭކު އެޅުމަކީ ކޮންމެފަހަރަކު ބޮޑު ހަރަދުކޮށްފައި ވާނެ ކަމެއްނޫނެވެ. ދެތިން އިންގްރިޑިއަންޓެއް ބޭނުންކޮށްގެން އަމިއްލައަށް އެކަން ކޮށްލުމަކީ ތެރަޕީއެއް ވެސް މެ އެވެ. ކިޔަވައި ދަސްކޮށްގެން މިކަން ނުކުރިއަސް, ރެސިޕީއެއް ބަލައިގެން ގޭގައި އާދައިގެ ކޭކުއަޅާ ފަހަރަކު ކޭކު ނުފިހެވިގެން ވަރަށް ހާލުގައި އުޅެންޖެހިފައި އެބަހުއްޓެވެ. މިކަހަލަ ކާރިސާތަކުން ސަލާމަތްކޮށްދޭން އަހަރެމެން މި ކިޔައިދެނީ "އަންޑަ ބޭކްޑް" ކޭކެއް ސަލާމަތްކުރާނެ ގޮތެވެ.

މިހެން ދިމާވަނީ ކީއްވެ؟

ކޭކެއް ރަނގަޅަށް ނުފިހެވުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ އަވަނުގެ ހޫނުމިން ގޯސްވުމެވެ. އަވަން ޕްރީހީޓުކުރިކުރީނުން މާބޮޑަށް ދޮންވުމުން ކޭކުގެ ބޭރު ފިހެވިފައި އެތެރެ އޮންނާނީ ރޮލަ އެވެ. ނުވަތަ ޕްރީހީޓް ކުރަންޖެހޭ ވަރަށް ޕްރީހީޓް ނުކުރެވޭ ނަމަ ކޭކުގެ އެކި ހިސާބުތައް ފިހެވިފައި އޮންނާނީ އެކިވަރަށެވެ.

ދޮންނަންޖެހޭ އެއްޗެހި މަދުކޮށްލަންވެގެން ޓްރޭއަށް ނުކަތާވަރަށް ކޭކްމިކްސް އަޅައިގެން ފިހަން ލިޔަސް ލިބޭނީ މިކަހަލަ ކޮންމެވެސް ހިތި ނަތީޖާއެކެވެ. އެހެންވެ ރަނގަޅު ސައިޒެއްގެ ޓްރޭއެއްގައި ކޭކު ފުފިއަރަން ޖާގަލިބޭނެ މިންވަރަށް ކޭކް މިކްސް އަޅަން ހަނދާންބަހައްޓަންވާނެ އެވެ.

މި ނޫނަސް, ކޭކް މިކްސް ކުރާ ގޮތަކީ ވެސް މިކަމުގައި ވަރަށް މުހިންމު ކަމެކެވެ. ރެސިޕީއެއްގައި ބުނާ މިންވަރަށް ބާވަތްތައް އެޅުން މުހިންމެވެ. ނުވަތަ މާ ދިޔާ ނަމަ ނުވަތަ ރަނގަޅަށް މިކްސް ނުވިޔަސް ފިހެވުމުގެ އެކި މައްސަލަތައް ނުކުންނަން މަގުފަހިވެއެވެ.

ރަނގަޅަށް ނުފިހެވި އޮތް ކޭކެއް ސަލާމަތްކުރެވިދާނެތަ؟

މިއީ ވަރަށް ހިތްދަތި ކަމެކެވެ. އެހާ ބުރަ މަސައްކަތުން ގިރައިގެން އެޅި ކޭކު, އަވަނަށް ލައި މުޅި ތަނުގައި މީރުވަސް ފެތުރި, ކާހިތްކުރުވާފައި އަވަނުން ނަގާއިރު މި އޮންނަނީ ދިމަދިމާލުން ރޮލަ އެވެ. ހާސްނުވާށެވެ. ކޮންމެ ފަހަރަކު އަދި ކޭކު އެއްލައިލާކަށް ނުޖެހެ އެވެ. މިއިން އުކުޅެއްގެ އަޖުމަ ބަލާލާށެވެ.

ކޭކު ރަނގަޅަށް ނުފިހެވޭ ނަމަ ކޭކުމަތީ ފޮއިލް ގަނޑެއް ލޫސްކޮށް އަޅާފައި އަލުން ފިހަން ލާށެވެ. އަވަނުގެ ފިނިހޫނުމިން ބަހައްޓަންވާނީ އެ ރެސިޕީއެއްގައި ބުނާ މިންވަރަށެވެ. ކޮންމެ 5-7 މިނިޓަކުން ފޮއިލްގަނޑު ނަގައި އިލޮއްޓެއް ހަރައިގެން ނަމަވެސް ކޭކު ފިހެވެމުން ދޭތޯ ޔަގީންކުރާށެވެ.

ނޫން ނަމަ އަވަނުގެ ހޫނުމިން ބަލާށެވެ. ފަހަރުގައި ރެސިޕީގައި ބޭނުންކުރާ އަވަނާއި, އަމިއްލަ ގޭގައި ހުރި އަވަނު ތަފާތުވުމުން ދިމާނުވަނީ ކަންނޭނގެ އެވެ. އަދި ކޭކު ފިހެވެމުން ދާ ނަމަ, ބައެއްފަހަރު އަވަނުތެރޭގައި ކޭކު ކުޑަކޮށް އަނބުރާލައި ހުރިހާ ފަރާތެއް ވެސް ރަނގަޅަށް ފިހެވޭކަން ކަށަވަރުކޮށްލާށެވެ.

Popular