19 Sep 2024

By: Aishath Mihna Nasih

ބަރުދަން ލުއިކޮށް ނިކަން ގަަދައަށް ހިކެން މަސައްކަތްކުރާ ދުވަސްވަރެއްގައި ޕިއްޒާއެއް ކާންވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ. ސެޓިފައިޑް ޕާސަނަލް ޓްރެއިނާ އުމްރާ ހުސެއިން އަލީ ބުނާގޮތުން މިއީ ހާސްވާންޖެހޭ ކަމެއް ނޫނެވެ. އޭނާގެ ޓިކްޓޮކާއި އިންސްޓަގްރާމުން މިހާރު ފެންނަން ހުރީ މީރު ތަކެތި ކުޑަ ބަދަލަކާ އެކު، ސިއްހަތަށް ފައިދާހުރި ކެއުމަކަށް ބަދަލުކުރާނެ ގޮތެވެ.

އުމްރާ ބުނާ ގޮތުން އޭނާގެ ފިޓްނަސް ޖާނީ އަކީ ޖިމަށް ގޮސް ހަށިގަނޑަށް އައި ބޮޑު ބަދަލާއި ލިބުނު ހިތްވަރާއި ހައިރާންކަމުން ފެށުނު ދަތުރެކެވެ. މި ފާއިތުވެދިޔަ ފަސްވަރަކަށް އަހަރު މެދުކެނޑުމެއް ނެތި ކަސްރަތުގައި ދެމިހުރެވުނުއިރު، އެހެން މީހުންގެ ދިރިއުޅުމަށް އޭނާގެ ފަރާތުން ހެޔޮ ބަދަލެއް އައުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ.

އުމްރާގެ ރެސިޕީތަކުގެ ތެރެއިން އަހަރެމެންގެ ލޮލުގައި އަޅައިގަތީ އާޓާފުށާއި ގްރީކް ޔޯގަޓަކުން އޭނާ ތައްޔާރުކުރި ސްމޯކްޑް ބީފް ޕިއްޒާއެވެ.

މިއީ ކިހިނެއް އައި ހިޔާލެއް؟

އަބަދުވެސް ފިރިމީހާ ފޮނުވާނެ ޓިކްޓޮކުން ސަޅި ރެސިޕީސް. ދެން ބަލަނީ ޔޫޓިއުބުންނާއި ގޫގުލް އިން އެ އެއްޗެއް ދުޅަހެޔޮކޮށް ތައްޔާރުކުރާނީ ކިހިނެއްތޯ؟ ނޫނީ ވަކި އެއްޗެއްގެ ބަދަލުގައި އެހެން ހެލްތީ އޮޕްޝަނެއް. މިސާލަކަށް ތެލުގެ ބަދަލުގައި ގްރީކް ޔޯގަޓް ބޭނުންކޮށްގެން އެއްޗެހި ފިހެވޭނެކަން.

އުމްރާ ފިޓްނަސްއަށް ލޯބިޖެހުނު ގޮތް ކިޔާދީބަލަ

އަސްލު ފެށުނީ 2017 ގައި. އޭރު އުމްރާގެ ބަރުދަން ހުރީ ގާތްގަނޑަކަށް 80 ކިލޯގައި. އޭރު ޖިމެއް ހަމަލޮލަށް ނުފެނޭ. ދެން ދާން ފެށީ ޓްރެކަށް ދުވަން. އޭގެ ފަހުން 2018 ގައި ބަރުދަން 52 އަށް ވެއްޓުނުއިރު ހުރީ "ލޫޒް ސްކިން". އެއީ ގައިގެ މަސްތަކާއި ސަރުބީ އެއްކޮށް ދިޔައިމަ ވީގޮތެއް. އެހެންވެ ދެން ދިޔައީ ޓްރެއިނާ އަޗުދާން ކައިރިއަށް ޖިމަށް. އެހިސާބުން އެކަން ވެސް ހައްލުވާން ފެށީ. މިހާރު ވަރަށް ބިރުގަނޭ އެނބުރި 80 ކިލޯއަށް އަނެއްކާ ގޮސްދާނެތީ. އެހެންވެ ހިއެއް ނުވޭ ދެން ޖިމް ހުއްޓާލެވޭނެ ހެނެއް.

އަބަދުވެސް ކެއުމަށް ވަރަށް ބަލައިގެންތަ އުޅެނީ؟

މަހަކު 30 ދުވަހުގެ ތެރެއިން 20-25 ދުވަސް ހަމަ ބަލައިގެން ކަނީ. ދެން ބާކީ ހުރި ދުވަސްތައް ހަމަ ބޭނުންއެއްޗެއް ކާލެވޭ. ރަނގަޅަށް ޕްލޭންކޮށްގެން ކައިއުޅޭ ދުވަސްތަކުގައި ބަލަން ވަރަށް ރަގަޅަށް ޕްރޮޓީންސް ލިބިދޭ ބާވަތްތަކާ، ދެން ކެލަރީސް މަދު އެއްޗެހި ކެވޭތީ.

ހަކުރު މުޅިން ހުއްޓައެއް ނުލަން އޭގެ ބަދަލުގައި ވަރަށް މަދުން ބޭނުންކުރެވޭތޯ ބަލަނީ. އެއީ ރިފައިންޑް ހަކުރު ކޮންމެވެސް ވަރަކަށް ހަށިގަނޑަށް ބޭނުންވާނެ. އަދި ފެޓްސް ވެސް. އެހެންވީމަ އެ މިންވަރުތަކަށް ސަމާލުކަންދީގެން ކެވޭތޯ އަބަދުވެސް މަސައްކަތްކުރަން.

އާންމުދުވަހެއްގައި ކައިއުޅެނީ ކިހިނެއް؟

މިހާރު އުމްރާގެ ޓިކްޓޮކާއި އިންސްޓަގްރާމުން މި ފެންނަނީ ހަމަ އާންމުކޮށް ކައިއުޅޭ އެއްޗެހި. ދުވަހަކު 3 އިރު ހަމަ ކަން. ކޮންމެ ހަފްތާއަކުވެސް ކައިއުޅޭ ބާވަތްތައް ކުޑަކޮށް ތަފާތުކޮށްލަން. އޭރަށް ފޫހިނުވެ މިގޮތަށް ކެއުމަށް ޝައުގުހުރޭ. އަނެއްކާ މިކަހަލަ އެއްޗެހި ތައްޔާރުކުރަން ނުނަގާނެ 1 ގަޑިއިރުވެސް، އެހެންވީމަ ކާއެއްޗެހި ތައްޔާރުކުރުމަކީ އެހާ ބުރަ ކަމަކަށްވެސް ނުވޭ. ކޮންމެހެން ނުޖެހޭ ހަމައެކަނި ފެނުކެއްކި ތަރުކާރީ ކާކަށެއް. ހަމަ ދުޅަހެޔޮކޮށް އިންގްރިޑިއަންޓްސް ބޭނުންކޮށްގެން ޕިއްޒާ ވެސް ޗޮކްލެޓް ކޭކް ވެސް ތައްޔާރުކުރެވޭނެ.

View this post on Instagram

A post shared by Umra hussain ali (@mini_mighty_)

ޕާސަނަލް ޓްރެއިނާ އަކަށްވާން ބޭނުންވީ ކީއްވެ؟

ފުރަތަމަ ހަމަ ވަރަށް ހައިރާންވެ އެނގެން ބޭނުންވީ ހަށިގަނޑަށް މިވާ އެކި ގޮތްތައް ހޯދުމަށް. ހަށިގަނޑުގައި މަސް ޖެހުމާއި، ސަރުބީ ވިރުވުމާއި، ބަރުދަން ލުއިކުރުމާއި، މި ހުރިހާ ކަމެއްވެސް ތަފާތު. ކޯސް ހަދަން ފެށީމަ އެނގުނީ މިހުރިހާ ކަމެއްގެ ތަފާތުތަކާއި، ކިހިނެއް ކޮން ގޮތަކަށްކަން އެ ބަދަލުތައް ގެނެވޭނީ. ދެން ބޭނުންވީ އަމިއްލައަށް މި ދަސްވި ކަންކަން އެހެން މީހުންނަށް ކިޔައިދޭން. ޖިމަށް ދަނީ ހަމައެކަނި ހިކޭކަށެއް ނޫން. ހެލިފެލިވެ، މީހާގެ ހަށިގަނޑު ހަރަކާތްކުރަންޖެހޭ ގޮތަށް ހަރަކާތް ކުރުމަކީ ވެސް ޖިމަށް ދިއުމުގެ ބޭނުމެއް.

އުމްރާގެ ބައްޕަގެ ކަކޫ ހުންނަނީ ވަރަށް ބޮޑަށް މައްސަލަޖެހިފައި. ޑޮކްޓަރު ލަފާދިނީ ކުޅުން ވެސް ހުއްޓާލައި އޮޕަރޭޝަނެއް ހެދުމަށް. އޭރު ބައްޕަ ވަރަށް ދެރަވެ މާޔޫސްވި. ފައި ލަނބާ ވެސް ނުލެވޭ. އެކަމަކު ބައްޕަ ޖިމަށް އައިސް ކުރި މަސައްކަތުން މިހާރު ޖިމް ބަޑީސްއާ އެއްވަރަށް ބަރުކޮށް ސްކޮޓްކޮށް، ހަރަކާތްތެރިވެ އުޅެވޭ. އެހެންވީމާ ހެލިފެލިވެ އުޅެންފެށީމާ ހަމަ ބޮޑު ބަދަލެއް ސިއްހަތާއި ދިރިއުޅުމަށް އާދޭ.

ޒުވާނުން

Popular