1 May 2025

ނިދާއިރު ފޯނު ބަލާ ނަމަ ހެނދުނު ކަންނެތްވެދާނެ

By: Aishath Jazlee

ފޯނަކީ އަހަރެމެންގެ އަތުގައި އަބަދު ތަތްލަވާފައި އޮންނަ އެއްޗެކެވެ. ލޯ ހުޅުވާލާ ވަގުތުން ފެށިގެން ނިދިގެން ވެއްޓޭ އިރު ވެސް ގިނަ މީހުންނަށް އަތުް ފޯނު ދޫކޮށެއް ނުލެވެ އެވެ. އަބަދުވެސް ބަލަން ޖެހޭ ރީލްއެއް، ޓިކްޓޮކެއް ނުވަތަ ޕޯސްޓެއް އޮންނަނީ އެވެ. ނުވަތަ އާއިލާ އާއި ރައްޓެހިންގެ ގުރޫޕުތަކުގެ ސަކަރާތަށް މަޑުޖެހުމެއް ނާންނާތީ އެވެ.

ފޯނަށް ގެއްލި ހޭދަވަނީ ކިހާ އިރެއްކަން ނޭނގި، މެންދަމުން އަލިވެދަނީ އެވެ. ހެނދުނު ކުރަން އެތައްކަމެއް ހުއްޓާ ނިންޖާ ދުރުކުރުވައި އަދި މީހާ ލޮޑުކޮށްލާ އެންމެ ބޮޑު އެއްޗަކަށް ފޯނު ވެއްޖެ އެވެ.

ސްލީޕް މެޑިސިން އެކްސްޕާޓެއް ކަމަށްވާ މިޝެލް ޑްރީރަޕް ބުނެފައިވާ ގޮތުގައި ނިދުމުގެ ކުރިން ފޯނާ ކުޅެން އޮތުމަކީ ނިދީގެ މަރުހަލާއެއް ކަމަށްވާ ރެޕިޑް އައި މޫމްމަންޓް ސްލީޕް (ރެމް ސްލީޕް) އަށް ނުގޮސް، ނިދީގައި ވެސް ސިކުނޑި އެކްޓިވްކުރުވާ ކަމެކެވެ. އެހެންވެ، ސިކުނޑިއަށް އަރާމުކަން އިހުސާސް ނުކުރެވި، ހޭލާއިރު ލޮޑުކަމާއި ކަންނެތްކަން އިހުސާސް ކުރެވެ އެވެ.

އޭގެ އިތުރުން ފޯނުގެ ބްލޫލައިޓަކީ ޑޭލައިޓް ނުވަތަ ދުވާލުގެ އަލިކަމާ އެއްގޮތް އެއްޗަކަށް ވުމުން، ރޭގަނޑު ވެސް އެއީ ދުވާލު ކަމަށް ސިކުނޑިއަށް ހީވެ އެވެ. އެހެންވެ ސިކުނޑި ހޭލައި އެލާޓުގައި އޮންނާނެ އެވެ. އެހެންވެ، ރޭގަނޑުވެއްޖެކަން ސިކުނޑިއަށް ނަގައިނުގަނެވި ނިންޖާ ދުރަށް ގެންދެ އެވެ. އަދި ފޯނު މެދުވެރިކޮށް އެތައް މައުލޫމާތުތަކެއް އަބަދު ފެންނަން ހުންނަ އިރު، ނިދާ ވަގުތާ ދިމާކޮށް ފެންނަ ޚަބަރަކުން ނުވަތަ ޕޯސްޓަކުން އޯވާވެލްމްވުމަކީ ވެސް ނިދަން އުނދަގޫ ކުރުވާނެ ކަންކަމެވެ.

މިކަންކަމާ ހުރެ، އެންމެ ރަނގަޅީ ނިދަން ވަކި ވަގުތެއް ކަނޑައަޅައި، އެ ވަގުތެއްގެ އެއް ގަޑިއިރު ކުރިން، ފޯނު ބޭނުން ކުރުން ހުއްޓާލުމެވެ. މިއީ ސިކުނޑި ތާޒާވެ، ނިދަން މެންޓަލީ ތައްޔާރުވާން ލިބޭނެ ފުރުސަތެކެވެ.

މިފަދަ ކުޑަކުޑަ ބަދަލަކާ އެކު ނިދީގެ ކޮލިޓީ ރަނގަޅުވެ މީހާގެ މޫޑަށް ވެސް ރަނގަޅު ބަދަލުތަކެއް އަންނާނެ އެވެ.

ސިއްހަތު ނިދުން ނިދި މަދުވުން

Popular