By: Aishath Jazlee
ލޯބިން ކުރާ ކައިވެނީގެ ހަނީމޫން ވެސް ރަނގަޅަށް ނުނިމެނީ ވަރިޔާ ހިސާބަށް ދާން ޖެހުމަކީ ދެރަ ކަމެކެވެ. ވަރި ގިނަ މި ގައުމުގައި މީހުން އަދިވެސް ވަރަށް ބީރައްޓެހި އެއް ކަމަކީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް ރަނގަޅު މަސައްކަތެއް ނުކުރުމެވެ.
ބައެއް ފަހަރު އެ ހުންނަ ގޯސްތަކަކީ ހައްލު ހޯދިދާނެ މައްސަލަތަކަކަށް ވެސް ވެދާނެ އެވެ. އެކަމަކު ގިނަ ފަހަރު ހިޔާލު ހޯދަން ނުވަތަ އެ މައްސަލަތައް ހިއްސާކުރަން ދަނީ ރައްޓެހިންގެ ގާތަށެވެ. ރައްޓެހިންނަކީ ރޭޝަނަލް އަށް ވުރެ ބޮޑަށް އިމޯޝަނަލް ޕާސްޕެކްޓިވްއަކުން ހިޔާލު ދޭނެ ބަޔަކަށްވުމުން އޭގައި އެންމެ ރަނގަޅު ހައްލު ހޯދައިދޭން އުނދަގޫވެ އެވެ. އަބަދުވެސް ކޮންމެސް އެއް ފަޅިއަކަށް މާ ބުރަވާތީ އެވެ.
ތެރަޕިސްޓެއްގެ ހިޔާލު މުހިންމު ވަނީ އެހެންވެ އެވެ. ރާއްޖޭގައި ވެސް ގާތްގަނޑަކަށް ހުރިހާ ތެރަޕީ ސެންޓަރުތަކެއްގައިހެން ކަޕްލްސް ކައުންސިލިން ދިން ނަމަވެސް، މިއީ އަދިވެސް އަހަރުމެންނަށް އާ ކޮންސެޕްޓެކެވެ. ކަޕްލްސް ތެރަޕީ އަކީ ދެ މީހުންގެ ޕާސްޕެކްޓިވް ވެސް ހޯދައި ދެ މީހުންގެ މެދުގައި އޮތް މައްސަލައިގެ އަޑީގައި ހުރި ކަންތައްތައް ކޮންފްރަންޓު ކޮށްދޭނެ ކަމެކެވެ.
މިއީ ވަރިއާ ހަމައަށް ދިއުމުގެ ކުރިން ދެ މީހުންނަށް އެކަކު އަނެކަކާ އެކު އުޅެވެން ދެ ފަރާތުން ވެސް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމަށް ވަރަށް ބޮޑު އެހީއަކަށްވެ އެވެ. އަދި މިއީ އިހުސާސްތައް ރަނގަޅަށް ކޮމިއުނިކޭޓުކޮށް، ދެ މީހުންގެ ދެމެދުގައި އުފެދިފައި އޮންނަ ދުރުމިން ގާތް ކޮށްދިނުމުގައި އެހީވެދޭނެ ކަމެކެވެ. އަދި ދެ މީހުންގެ މެދުގައި ނުހުއްޓޭ ޒުވާބުތަކުގެ ސަބަބު ދެނެގަތުމާއި ދެ މީހުންގެ ހުރި ތަފާތުތަކާއި އެކަކު އަނެކަކުގެ ދިރިއުޅުމަށް އެންމެ ރަނގަޅަށް ފިޓު ވެވޭނެ ގޮތް އަންގައިދޭ ކަމެކެވެ.
މިއީ ދިރިއުޅުމުގައި ކުރިމަތިވާ އެކި ކަންކަމުން ކައިވެންޏަށް ކުރާ އަސަރާއި އިތުބާރު ގެއްލިގެން ޖެހޭ މައްސަލަތަކުގައި ވެސް އެހީ ވެދޭނެ ކަމެކެވެ.
ތެރަޕީއަށް ގޮސް، އޭގެ ފައިދާ ކުރާނީ ތެރަޕިސްޓުގެ އިރުޝާދާ އެކު ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެންނެވެ. އަދި ތެރަޕީއާ އެކު ދެ މީހުންގެ މައްސަލަތައް ހައްލުކުރެވޭނީ އެ ކައިވެންޏަކީ ދެ މީހުން ވެސް ބޭނުންވާ ކައިވެންޏަކަށް ވެގެންނެވެ.
އެކުގައި އުޅެން ބޭނުންވެ، އެކަމަކު އެކި މައްސަލަތަކާ ހެދި ވަރި ނޫން ހައްލެއް ނުފެންނަންޏާ ތެރަޕީއިން ފައިދާ ކޮށްފާނެ އެވެ.