28 Apr 2025

ޖީ6ޕީޑީ: ކުޑަކުޑަ ކަމަކުން ބޮޑުވަރުވެދާނެ ހާލަތެއް

By: Asima Nizar

މިއީ އާދައިގެ ބައްޔަކާ ގުޅިގެން ދޭ އާންމު ބޭހަކުން ނުވަތަ ކެވޭ އެއްޗަކުން ކުއްލިއަކަށް ހާލަތު ގޯސްވެ ފުރާނައަށް ނުރައްކާވާ ހިސާބަށްދާ ވެސް ހިނގައިދާނެ ހާލަތެކެވެ. މި މައްސަލަ ހަށިގަނޑުގައި ހުރިކަން ނޭނގި ނުވަަތަ މިއީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގި ހުރެ ކުރެވޭ ކަންކަމުން ހިތާމަވެރި ހާދިސާތައް ހިނގަ އެވެ.

މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތާ ހާލަތަކަށް ވިއަސް ގްލޫކޯޒް-6 ފޮސްފޭޓު ޑީހައިޑްރޯނޭޒް (ޖީ6ޕީޑީ) ގެ މާ ގިނަ މައުލޫމާތެއް މީހުންނަކަށް ނޭނގެ އެވެ. އެހެންވެ، ގިނަ ފަހަރަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާކަށް ވެސް ނޭނގެ އެވެ.

ކިހިނެއްވާ ކަމެއް؟

ޖީ6ޕީޑީއަކީ ލޭގެ ރަތް ސެލް ގައި ހުންނަ އެންޒައިމަކަށް ކިޔާ ނަމެކެވެ. އެ އެންޒައިމް މަދުވުމުން ކިޔަނީ ޖީ6ޕީޑީ ޑެފިޝިއަންސީ އެވެ. އެ ހާލަތު މެދުވެރިވަނީ އެކްސް ކްރޮމޮޒޯމްގައި ހުންނަ ޖީންގެ ސަބަބުންނެވެ.

ފިރިހެނުންގެ ހަށިގަނޑުގައި ވެސް އެކްސް ކްރޮމޮޒޯމްއަކާއި ވައި ކްރޮމޮޒޯމެއް ހުރެ އެވެ. އަންހެނުންގެ ހުންނާނީ ދެ އެކްސް ކްރޮމޮޒޯމެވެ. ޖީ6ޕީޑީ ހުންނަނީ އެކްސް ކްރޮމޮޒޯމްގަ އެވެ. އެހެންވެ، އަންހެނެއްގެ އެއް އެކްސް ކްރޮމޮޒޯމްގައި ޖީ6ޕީޑީ ހުއްޓަސް، އަނެއް އެކްސް ކްރޮމޮޒޯމް ރަނގަޅަށް ހުންނާތީ އަންހެނުންނަށް ގިނަ ފަހަރަށް ޖީ6ޕީޑީ މަދުވުމުން ފެންނަ އަލާމާތްތައް ވަރަށް ކުޑަ ކަމަށް ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވި އެވެ. އެކަމަކު، މަދުން ނަމަވެސް އަންހެނުންނަށް މި ޑެފިޝެންސީ ދިމާވެ އެވެ.

އެކަމަކު، ފިރިހެނުންގެ ހާލަތު ތަފާތެވެ.

ފިރިހެނުންގެ އެންމެ އެކްސް ކްރޮމޮޒޯމެއް އިނދެފައި އަދި އެ ކްރޮމޮޒޯމަކީ ޖީ6ޕީޑީ މަދުވާގޮތަށް ހުރި އެއްޗެއް ނަމަ، ޖީ6ޕީޑީ މަދުވުމުން ދިމާވާ އަލާމާތްތައް ފިރިހެނުންނަށް ބޮޑެވެ.

ޖީ6ޕީޑީގެ އަލާމާތްތަކުގެ ތެރޭގައި

- ހުންއައުމާއި އާދަޔާ ހިލާފަށް ވަރުބަލިވުން

- ކުޑަކަމުދާ ތަކެތީގެ ކުލަ ރީނދޫ ނުވަތަ މުށިކުލައަށް ބަދަލުވުން

- ހުންކޮށި ދުޅަވުން

- ލޮލާއި ހަމުގެ ކުލަ ރީނދޫވުން

ކުއްޖާ އުފުންވުމުން ހަދާ ޓެސްޓުތަކުގެ ތެރޭގައި މިހާރު ޖީ6ޕީޑީ ހިމެނެ އެވެ. އެހެންވެ، ދުރާލައި އެކަން ދެނެގަނެވެ އެވެ. އެކަމަކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ވަގުތު އެ ޓެސްޓުތަކެއް އަދި ނުހެދެ އެވެ. އެ ސަބަބާ ހެދި ނޭނގި ނަމަވެސް ޖީ6ޕީޑީގެ ޑެފިޝެންސީ ކުރިން ނޭނގި ހުރެދާނެ އެވެ. އެހެންވެ، މަތީގައި ބުނެފައިވާ އަލާމާތެއް ފެންނަ ނަމަ ވީހާ ވެސް އަވަހަކަށް ދަރިފުޅު ޑޮކްޓަރަށް ދައްކައި ޓެސްޓުކުރުން އެއީ އެންމެ ރައްކާތެރި ގޮތެވެ.

ފައިސަލް ވިދާޅުވީ މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ޖީ6ޕީޑީ ޑެފިޝަންސީ ކުދިން ގިނަ ކަމަށެވެ. ރާއްޖޭގައި ޓެސްޓުކުރާ ކުދިންގެ 20 ޕަސެންޓުގައި ޖީ6ޕީޑީ ޑެފިޝަންސީ ހުންނައިރު އޭޝިއާގެ އެހެން ގައުމުތަކުގައި އެ ނިސްބަތް ހުރީ 16 ޕަސެންޓުގަ އެވެ.

ޖީ6ޕީޑީ ހުންނާތީ ބައެއް ބެލެނިވެރިން، ވަރަށް ގިނަ ވައްތަރުތަކުގެ ކާނާ ކުދިންނަށް ނުދީ ހުރެ އެވެ. އެކަމަކު، ފައިސަލް ވިދާޅުވީ އެ ހާލަތު ދިމާވާ ކުދިން ސަކަރާތްވަނީ ބްރޯޑް ބީންސް ނުވަތަ ފާވާ ބީންސް ކެއުމުން ކަމަށާއި އެހެން ވައްތަރެއް ކެއުމުން ގޯސް ނުވާ ކަމަށެވެ.

ރީނދޫވެފައިވާ ކުއްޖަކަށް ފަރުވާ ދެނީ.

"ބައެއް ބެލެނިވެރިން ހިތަށް އަރާ ޖީ6ޕީޑީ އަކީ އެލާޖީއެއް ކަމަށް. އެހެން ހިތާ، ހުރިހާ އެލާޖީއަކާ ޖީ6ޕީޑީ ގުޅުވާލާ. އެކަމަކު އެއީ ޓިޕިކަލް އެލާޖީއެއް ނޫން. ޖީ6ޕީޑީގެ ސަބަބުން ލޭގެ ސެލްތައް ފަޅައިގެން ދާން މަގުފަހިވަނީ. ގައިގައި ފިތްގަނޑު ނުވަތަ ތަންތަންކޮޅު ރަތްވެފައި ހުންނާނީކީ ނޫން،" ފައިސަލް ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ގޭގައި ބަހައްޓާފައި ހުންނަ އެއްޗެހީގެ ސަބަބުން ވެސް ޖީ6ޕީޑީގެ ހާލަތު ގޯސްވާ ކަމަށެވެ.

ހިނި ފަދަ ތަކެތި އެރުން ހުއްޓުވަން ބަހައްޓާފައި ހުންނަ ކަރުބުލަކުގެ ވަސް އަދި ހީނާފާތް އެޅުމަކީ، ޖީ6ޕީޑީ ޑެފިޝަންސީގެ ކުދިންގެ ލޭ ހަލާކުވާނެ ކަމެކެވެ. އަދި އެންޓިބަޔޮޓިކް ފަދަ ބައެއް ބޭސްތަކަކީ ޖީ6ޕީޑީ ޑެފިޝަންސީ މައްސަލަ ހުންނަ ކުދިންނަށް އެންމެ ރައްކާތެރި ބޭސްތަކެއް ނޫނެވެ. އެހެންވެ، ޑޮކްޓަރަށް ދައްކާއިރު އެކަން ޑޮކްޓަރުގެ ސަމާލުކަމަށް ގެންނަން ޖެހެ އެވެ. އެކަން ނޭނގި ދެވޭ ބޭހެއްގެ ސަބަބުން ހާލަތު ގޯސްވެދާނެ އެވެ.

ޑޮކްޓަރު ވިދާޅުވީ އެއްފަހަރު ވެސް ޖީ6ޕީޑީ ޑެފިޝެންސީ ދިމާވެއްޖެ ނަމަ އުމުރުން ކިތަންމެ ދޮށީ ވިއަސް އެ ހާލަތު ދިމާވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.

"އަބަދު ވެސް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް ވީމާ ވާ ގޮތަކީ އެ ދެން ދަށްވެދާނެ ކަމަށް ބަލައިގެން އުޅެންޖެހޭނީ،" ފައިސަލް ވިދާޅުވި އެވެ.

ބައެއް މައުލޫމާތު: ސިއްހަތު ބްލޮގު

Popular