By: Asima Nizar
މަސައްކަތުގައި ބުރަ ބޮޑު ދުވަސްތަކަކަށް ފަހު ހަފުތާ ބަންދު މި ފެށުނީ އެވެ. މިއީ، ބޯހަމަޖައްސާލައި ހަށިގަނޑަށް އަރާމު ހޯދާ ދުވަހަކަށް ހެދުން ވަރަށް މުހިއްމެވެ. ކުރިއަށް އޮތް ހަފުތާގައި އޮފީހަށް ނުކުތުމުގެ ކުރިން މީހާ އާ ފެށުމަކުން ފެށުމަށް މި ބަންދުގެ ފުރުސަތު ބޭނުންކޮށްލާށެވެ.
ހިތްހަމަޖައްސާލުމަށް ކޮންމެހެން އަތުން މާ ބޮޑު ހަރަދެއް ކުރާކަށް ނުޖެހޭނެ އެވެ. ވަރަށް ފަސޭހައިން ކޮށްލެވޭ ކަމަކުން ވެސް މީހާއަށް ރަނގަޅު ރެސްޓެއް ދެވިދާނެ އެވެ.
މީހަކު ޖާނަލެއް ބަލަނީ
ކޮންމެ ކޮންމެ ވާހަކައެއް ނުވަތަ ހިޔާލެއް މީހަކާ ހިއްސާކުރަން ބޭނުން ނުވެދާނެ އެވެ. އެކަމަކު، އެ ހިޔާލުތަކުން މީހާއަށް އުނދަގޫވާ ނަމަ ދުއާގެ އިތުރަށް ޖާނަލިންއަކީ އެންމެ ރަނގަޅު އެއް ފަރުވާ އެވެ. އެއީ މީހާގެ ހިޔާލުތަކާއި އިހުސާސްތައް އެއްޗެއްގައި ލިޔެ ނުވަތަ ކުރަހައިގެން ރައްކާކުރުމެވެ. ފޮތެއް ނުވަތަ ޑިޖިޓަލް ޕްލެޓްފޯމެއްގައި ވެސް ހިޔާލުތަކާއި އިހުސާސްތަކާއި ތަޖުރިބާތައް އަދި ފާއިތުވި ހަފުތާގައި ކުރެވުނު ކަންތަކާއި ދަސްވި ކަންކަން ލިޔެވިދާނެ އެވެ.
ގުދުރަތީ ރީތިކަމުގެ ތެރޭގައި ވަގުތު ހޭދަކުރުން
އާޓިފިޝަލް ބީޗް.-- ފައިލް ފޮޓޯ: މިހާރު
ތޮއްޖެހިފައިވާ މި މާލޭގައި ހިތްހަމަޖައްސާލަން މަޑުކޮށްލެވޭނެ ތަންތަން ވަރަށް މަދެވެ. އެކަމަކު، ގުދުރަތީ ކަންކަމާއި ތަންތަނުގައި ވަގުތު ހޭދަކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ފައިދާހުރި އަދި މީހާގެ ސްޓްރެސް ކުޑަކޮށް މޫޑު ރަނގަޅުކޮށްދޭނެ ކަމެއްކަން އެތައް ދިރާސާއަކުން ދައްކަ އެވެ.
މާލޭގައި ދިރިއުޅެންޏާ ގަހެއްގެ ހިޔަލުގައި މަޑުކޮށް، ރާޅުޖަހާ އަޑުއަހާލަން ބޭނުންވާ ނަމަ ވިލިމާލެއަކީ އެންމެ ރަނގަޅު އެއް ރަށެވެ. ވިލިމާލެއަށް ދާން އުނދަގޫ ނަމަ އާޓިފިޝަލް ބީޗު އަދި ހުޅުމާލޭގެ ބީޗަކީ ރަނގަޅު ތަންތަނެވެ.
މާލެ ދުވާ ޓްރެކްގައި މީހަކު ދުވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޮފީހުގެ މަސައްކަތްތަކާއި ގޭގެ ޒިންމާތަކުގެ ސަބަބުން ހަފުތާގެ ދުވަސްތަކުގައި ކަސްރަތު ކުރަން އެކަށީގެންވާ ވަގުތު ނުލިބިދާނެ އެވެ. އެ ބުރަ ދިރިއުޅުމުގައި އުޅޭ މީހުން ކަސްރަތު ކުރަން ހުކުރު ދުވަހުގެ އެންމެ އަރާމު ވަގުތަށް ވުރެ ރަނގަޅު އެހެން ވަގުތެއް ނެތެވެ.
ފަތިހު ތެދުވެ، އިރުއަރައިގެން އަންނަ ވަގުތުގައި ދުވެލައިގެން މީހާގެ އަމިއްލަ ނަފްސާއި ސިއްހަތަށް ވެސް ހީނުކުރާ ފައިދާ އެބަލިބެ އެވެ. ހަންގަނޑަށް ބޭނުންވާ ވިޓަމިން ޑީ އަދި ކަށިތައް ވަރުގަދަކުރަން ބޭނުންވާ ގުދުރަތީ މާއްދާތައް ވެސް، އަވިން ލިއްބައިދެ އެވެ. ދުވަން ބޭނުން ނުވާ މީހުންނަށް، ފެތުމަކީ ވެސް ހަފުތާ ބަންދުގައި ކުރެވިދާނެ ކަމަކެވެ.
ސޯޝަލް މީޑިއާ އިން ކުޑަ ބްރޭކެއް
ފެންނަން ބޭނުން ނުވާ އެތައް ކަމެއް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އެބަ ފެނެ އެވެ. އަޑުއަހަން އުނދަގޫ ވާހަކަތައް ވެސް ކަންފަތާ ހަމައަށް ފަސޭހައިން ފޯރަނީ އެ ޕްލެޓުފޯމުތަކުގެ ސަބަބުންނެވެ. ދުރަށް ދާން ބޭނުންވިއަސް ކުރާ މަސައްކަތުގެ ސަބަބުން އިންޓަނެޓުން ބްރޭކެއް ނެގުމަކީ ފަސޭހަކަމަކަށް ނުވެދާނެ އެވެ.
އެކަމަކު، އާއިލީ ގުޅުންތައް ވަރުގަދަކޮށް ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ ދުވަހަކަށް ހުކުރު ދުވަސް ހަދައި، ސޯޝަލް މީޑިއާ އަދި އިންޓަނެޓުން ބޭނުންކުރުމުން ބްރޭކެއް ނެގުން ވަރަށް މުހިއްމެވެ. މުޅި ދުވަހު ސޯޝަލް ހުންނަން އުނދަގޫވާނަމަ ދުވަހުގެ ވަކި ވަގުތެއް ކަނޑައަޅައި، އެ ވަގުތު ފޯނު ނުވަތަ ސޯޝަލް މީޑިއާއިން ބްރޭކެއް ނަގާލުން ވަރަށް މުހިއްމެވެ.
އޭގެ ސަބަބުން ބޭކާރު ހިޔާލުތަކުން ސިކުނޑި ދުރުކޮށްދޭނެ އެވެ. އަދި ހަމަޖެހިލައިގެން ބަންދު ދުވަސް ހޭދަކޮށްލެވޭނެ އެވެ.