ދިވެހިންނަށް ކުއްލިއަކަށް ލިބުނު ޗައިނާގެ އޮންލައިން ވިޔަފާރީގެ ޕްލެޓްފޯމަކާ އެކު މިހާރު އެ ނޫން ވާހަކައެއް ނެތެވެ.
ދިވެހިންނަށް ކުއްލިއަކަށް ލިބުނު ޗައިނާގެ އޮންލައިން ވިޔަފާރީގެ ޕްލެޓްފޯމަކާ އެކު މިހާރު އެ ނޫން ވާހަކައެއް ނެތެވެ.
އެކަމަކު މިހާ ގަދައަށް މި "އޮންލައިން ފިހާރަ" ބޭނުންކުރަމުންދާއިރު އޭގެ ނަން އެކި މީހުން ކިޔަނީ އެކި ގޮތަށެވެ. އެއް ބަޔަކު ޓީމޫ، އަނެއް ބަޔަކު ޓެމޫ އަދި އަނެއް ބަޔަކު ތެމޫ ވެސް ކިޔަ އެވެ. މިއީ ހަމައެކަނި ދިވެހިންގެ މެދުގައި އެކަނި އުޅޭ ފުށުއެރުމެއް ނޫނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް މިކަން އެބަ އޮތެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައި އެ އެޕުގެ އޮފިޝަލް ޔޫޓިއުބް ޗެނަލަށް ލާފައިވާ އެޑްގައި ލަވަކިޔުންތެރިޔާ ކިޔަނީ "ޓެމޫ" އެވެ. މި އެޑަށް 3.5 ބިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.
އެ އެޑް އާންމުކުރުމުގެ ދެތިން މަހެއް ކުރިން ޓެމޫގެ މައި ކުންފުނި، ޕީޑީޑީން ބޭއްްވި ބައްދަލުވުމެއްގައި އެ ކުންފުނީގެ ވެރިޔާ، އެ ނަން ޕްރޮނައުންސްކުރީ "ޓީމޫ" އޭ ބުނެ އެވެ.
މިދިޔަ އަހަރުގެ އެޑްތަކުގެ ކުރިން 2023 ގައި ލާފައިވާ ބައެއް އިޝްތިހާރުތަކުގައި ވެސް "ޓީމޫ" ބޭނުންކޮށްފައިވެ އެވެ. އެކަމަކު މިފަހުން ހަދާފައިވާ ހުރިހާ އިޝްތިހާރެއްގައި ވެސް ބޭނުންކުރަނީ "ޓެމޫ" އެވެ.
އެހެންވެ، އިޝްތިހާރުގައި ނުވަތަ ވެރިޔާއަށް ނަން ނުބައިކޮށް ކިޔުނު ނަމަ، އެކަން އިސްލާހުނުކޮށްދޭންވީ ކީއްވެތޯ މީހުން ސުވާލު އުފައްދަ އެވެ. އަދި މިއީ ހަމަ އަސްލު ވެސް މީހުންގެ ސަމާލުކަން ދަމައިގަންނަން، ނުވަތަ އެ ބްރޭންޑުގެ ނަމާ ގުޅޭ ވާހަކަތައް މީހުންލައްވާ ދައްކުވަން ޖައްސާ ސްޓަންޓެއް ކަމަށް ވެސް އަނެއް ބަޔަކު ދެކެ އެވެ.
އެހެންވީމަ، އެޕްގެ ނަން ކޮންމެ ގޮތަކަށް ޕްރޮނައުންސް ކުރިޔަސް އޯކޭ ނޫން ހެއްޔެވެ؟
ޓެމޫއަކީ ގިނަ އަދަދެއްގެ ޕްރޮޑަކްޓުތައް ހެޔޮ އަގުގައި ލިބޭ އެޕެކެވެ. އިލެކްޓްރޯނިކްސް އާއި ގޭގައި ބޭނުންކުރާނެ އެކި ކަހަލަ ސާމާނާއި ހެދުމާއި އެކި އެސަސަރީޒް ހުރެ އެވެ.
މި އެޕުން ސާމާނު ގެންނަން ނަގަނީ އެންމެ ހައެއްކަ ދުވަހެވެ. އޯޑަރުކުރާ ސާމާނު އެހާ އަވަހަށް ލިބޭތީ އާއި އޯޑަރުކުރާ ހުރިހާ ސާމާނެއް އެއް ފަހަރާ، އެއް ޕެކިންއެއްގައި ލިބޭތީ ގިނަ ބަޔަކު މި ބޭނުންކުރަމުން އެބަދެ އެވެ.