By: Maaidha Mohamed Rashad
މަންމައިންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ދަރިމައިވުމުގެ މައްސަލަ ދިމާވެ، ދަރިއަކު ލިބުމުގެ އުފާ ނުލިބުނު އެތައް ބަޔަކު މި ރާއްޖޭގައި ވެސް އެބަ ތިއްބެވެ. އެކަމަކު ދަރިއަކު ނެތަސް އެމީހުންގެ ހިތްވަރާއި ގުރުބާނީ، މަޔަކަށް ދުލެއް ނުކުރެ އެވެ.
އޭގެ ތެރެއިން އެކަކީ މަޝްހޫރު ނަމުން ނަމަ، ނަބީ ޝިޔާމް އެވެ. އޭނާ އާއި ފިރިމީހާގެ ކައިވެންޏަށް 16 އަހަރުވީއިރު ދަރިއަކު ލިބުމުގެ އުފަލުން މި ދެމަފިރިން ވަނީ މަހްރޫމްވެފަ އެވެ.
އެ ހިތްދަތިކަމުގެ ތެރެއިން މިދިޔަ ތިން އަހަރު ވެސް މައިންގެ ދުވަހާ ދިމާކޮށް ނަބީ ސޯޝަލް މީޑިއާއަށް ދޫކޮށްލީ ހަމަ އެއް ޕޯސްޓެކެވެ. އެއީ މަޔަކަށް ވުމަށް އޭނާ ދެކެމުން އަންނަ ހުވަފެނުގެ ތެރެއިން ކުޑަ މިންވަރެކެވެ. އަސަރުގަދަ ހިތްދަތި މެސެޖެކެވެ.
"މަންމައިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މަންމައިންނަށް އަރިސްކުރަން. ވަރުބަލިވެފައި މައިންނާއި ދުނިޔޭގައި ނެތް މަންމައިންނާއި އެމީހަކަށް ދަރިފުޅު އުރާލަން ނުލިބުނު މަންމައިނަށް... ދަރިންނަށް އަލްވަދާއު ކިޔަން ޖެހުނު މައިންނަށް. އަދި މަންމާއޭ ކިޔާފައި ގޮވާލާނެ އަޑު އަހަން ބޭނުންވާ މަންމައިންނަށް،"
ނަބީ ބުނީ މަންމައިން މާނަކުރަނީ ދުނިޔޭގައި ދަރިން ތިބި މީހުން ބަލައިގެން ނޫން ކަމަށާއި އެއީ އެ މީހުންގެ ހިތުގައި ކުދިންނަށް އޮތް ލޯބި ކަމަށެވެ.
އޭނާ ބުނީ ދަރިމައިނުވާނެ ހާލަތަކާ މެދު އެއްވެސް މީހަކު އޭނާއަށް ކުރިން މައުލޫމާތެއް ނުދޭ ކަމަށާއި މަންމައަކަށް ވުމަކީ އެހާ އުނދަގޫ ކަމަކަށް ވެދާނެ ކަމަށް އެއްވެސް މީހަކު ނުބުނާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ބޮޑުވަމުން އައިއިރު ވެސް ކިޔައިދިނީ ޖިންސީ ގުޅުމާއި ދަރިން ލިބޭނެ ގޮތުގެ ވާހަކަ އާއި ބަލިވެ އިނުމުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމުގެ ވާހަކަ ކަމަށެވެ.
"އެކަމަކު ދުވަހަކު ވެސް މީހަކު އަހަންނަށް އިންޒާރެއް ނުދޭ ދަރިމައިނުވުމާ ގުޅިގެން. އަހަންނަަށް އިހުސާސް މި ކުރެވޭ ހުސްކަމަށް އެއްވެސް މީހަކު އަހަރެން ކުރިއާލާ ތައްޔާރެއް ނުކުރޭ،" އޭނާ ބުންޏެވެ.
"އެއްވެސް މީހަކު އަހަންނަކަށް ކިޔައެއްނުދޭ ދަރިއަކު ނުލިބިގެން މި އިހުސާސް ކުރެވޭ ޖަޒުބާތުތަކާއި ހިތްދަތިކަމާ ކުރިމަތިލާނެ ގޮތެއް،"
އެ މާޔޫސްކަމާއި ހިތްދަތިކަމާ ކުރިމަތިލާނީ ކިހިނެއްތޯ އާއި އެކަމާ މެދު ރޭގަނޑު ނުރޮއެ އަދި ހިތްދަތި ނުވެ ހުންނާނީ ކިހިނެއްތޯ އާއި އެކަމުން އަރައިގަންނާނީ ކިހިނެއްތޯ ސުވާލު އުފެއްދި އެވެ. އަދި ދަރިއަކު ނުލިބުމުގެ ސަބަބުން އޭނާގެ ކައިވެންޏަށް އަސަރު ކުރާނީ ކިހިނެއްތޯ އާއި އެހާ ބޮޑަށް އޭނާ ދަރިން، ބޭނުންވަނީ ކީއްވެތޯ ސުވާލު އުފެއްދި އެވެ. އަދި އޭނާގެ ހިތުން އެއް ބައި މަދު ކަމުގެ އިހުސާސް ކުރެވޭ ކަމަށް ބުންޏެވެ.
އޭނާއަށް އޮތީ އިތުބާރާއި އުއްމީދު ކުރުންތޯ އާއި އެކަންވީ ވަރަކުން ކުރަމުންދާ ކަމަށް ނަބީ ބުންޏެވެ. އެކަމަކު ބައެއް ދުވަސްތަކަކީ ހަމަ ކިތަންމެ ހިތްވަރެއް ކުރިޔަސް އުއްމީދު ގެއްލިގެންދާ ކަހަލަ ދުވަސްތަކެކެވެ.
މިފަދަ ޕޯސްޓަކުން މީހެއް ތަހައްމަލްކުރާ ވޭނާއި ކެކުޅުމަކީ ކިޔައިދެވޭނެ ކަމެއް ނޫނެވެ. އެކަމަކު ރާއްޖޭގައި ވެސް ނަބީ ފަދަ އެތައް މައިންނެއް މަޔޫސްކަމުގައި އެބަ އުޅެ އެވެ.
ޕާޓިލިޓީ ކޮމިއުނިޓީ ސަޕޯޓުގައި 2022 ވަނަ އަހަރުގެ ނޮވެމްބަރު 10 އާ ހަމައަށް 309 މީހަކު ރަޖިސްޓްރީކޮށްފައިވެ އެވެ. އެމީހުންގެ އެވްރެޖް އުމުރަކީ 20-45 އެކެވެ.
ދަރިއަކު ހޯދަން އެތައް ފަހަރަކު މަސައްކަތްކޮށް، ނާކާމިޔާބުވެ، ރާއްޖެއިން ބޭރުން ވެސް އައިވީއެފް ހަދައިގެން ދަރިއެއްގެ އުފާ ނުލިބޭ އެތައް ސަތޭކަ ބަޔަކު ތިއްބަސް މި އެންމެންގެ ކެތްތެރިކަމާއި ހިތްވަރަށް ހަމަ ސާބަހެވެ.