By: Maaidha Mohamed Rashad
ވ. އަތޮޅުގެ ލޯކަލް ޓޫރިޒަމުގެ "ރަންގަނޑު" ގެ ގޮތުގައި މަޝްހޫރުވި ޝިޕްރެކް ހަލާކުވެ އޮޔާ ދިޔައީ އެވެ. އެކަމަކު އެ އަތޮޅުން މި މަޝްހޫރުކަން ހޯދަނީ ވަކިން ކުޑަ "ރަންގަނޑެއް" ނޫނެވެ. ތިނަދޫގެ ހުދު ދޮންވެލި ގޮނޑުދޮށަށް ރާޅު ޖަހާ ހިސާބަށް މިޔަރާއި މަޑި ޖަމާވެ، ދުނިޔޭގެ ސަމާލުކަން ލިބިއްޖެ އެވެ.
ބޮޑެތި މިޔަރުތަކާއި މަޑިތައް ގޮނޑުދޮށަަށް ޖަމާވެފައިވާ މި މަންޒަރު ދެކެލަން ތިނަދޫއަށް ދާ މީހުން މި ފަހުން އިތުރުވިޔަސް އެ ގޮނޑުދޮށަށް މިޔަރާއި މަޑި ޖަމާވާތާ ދިހަ ވަރަކަށް އަހަރުވެއްޖެ އެވެ.
"މީގެ ދިހަ ވަރަކަށް އަހަރުކުރިން މިރަށު ފަޅަށް ވަންނަނީ މިޔަރެއް. އޭތި ދެން ބަދުލުވެއްޖެ ތިން މިޔަރަށް. ދެން ދުވަސްކޮޅެއް ފަހުން ނުވަ އެއްޗަށް. އެގޮތަށް އަންނަތާ ދިހަ ވަރަކަށް އަހަރުވެދާނެ،" ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގު ހުސެއިން ވިދާޅުވި އެވެ.
އެކަމަކު ތިރީހަކަށް މިޔަރު އާންމުކޮށް ޖަމާވާ މި ތަނަށް ކުއްލިއަކަށް މިހާ ބޮޑު ސަމާލުކަމެއް މިތަނަށް ލިބުނީ ކިހިނެއް ހެއްޔެވެ؟
މީގެ އަހަރުތަކެއް ކުރިން މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބަޔަކު، ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ އެ ރަށަށް ގޮސް ރަށް ޕްރޮމޯޓްކުރާނެ ގޮތްތަކާ ގުޅޭ ތަމްރީނުތަކެއް ދިނެވެ.
އޭގެ ފަހުން ރަށް އިތުރަށް ޕްރޮމޯޓްކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ކައުންސިލުގެ ރައީސް، އޭނާގެ ކޮއްކޮ ޝިފާހު ހުސެއިންއާ މަޝްވަރާކުރަނިކޮށް އައީ މިކަން ކުރެވިދާނެ ކަމުގެ ހިޔާލެވެ.
ވ. ތިނަދޫ ގޮނޑުދޮށުގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި މީހަކު އިށީނދެލައިގެން އިނދެ މިޔަރުތަކުގެ އެއްވުން ބަލައިލަނީ.
ތިނަދޫއަކީ "ޝާކް އައިލެންޑް" ގެ ގޮތުގައި ޕްރޮމޯޓްކުރަން ޑްރޯން ފޮޓޯ ނެގުމުގައި ވެސް އުޅޭ ޝިފާހު ބޭނުންވެގެން އިސް ނެގީ އޭނާ އެވެ.
އަމިއްލަ އަތުން ހަރަދުކޮށްގެން، މަސް ދޯނި ފަހަރުން މަސް ގަނެގެން ކޮންމެ ދުވަހަކުހެން ގެނެސް އޭނާ އެ ސަރަހައްދަށް ކާން އެޅީ އެވެ. ގަވާއިދުން ވަކި ގަޑިތަކަށް މިޔަރުތައް ކާން ޖަމާވެ، ވަރަށް ބޮޑަށް އޮޅުވީ އެވެ.
ތިނަދޫއަށް ދާ ޓޫރިސްޓުންނާއި ދިވެހިންނަށް މި ޝާކް ޕޮއިންޓުގައި ޑްރޯން ވީޑިއޯތަކާއި ފޮޓޯތައް ނަގައިދިނީ ހިލެ އެވެ. އޭގެ ބަދަލުގައި ޝިފާހު، އެމީހުންގެ ގާތުގައި އެދުނީ ފޮޓޯތައް ޕޯސްޓްކުރާއިރު ވ. ތިނަދޫ ޖަހައިދޭށެެވެ.
"ރަށަށް އަންނަ ބޭރު މީހުން ކައިރީ ވެސް އޭނަ އެދޭނީ ސޯޝަލް މީޑިއާގައި އެމީހުން އެ ވީޑިއޯތައް ޕޯސްޓްކުރާއިރު މި ރަށް ޓެގްކޮށްލައި އެއީ މި ރަށުގެ މަންޒަރެއްކަން އަންގައިދޭން. ގާތްގަނޑަކަށް ހަމަ އަހަރެއް ވަންދެން ހިލޭ އޭނާ މީހުންނަށް ވީޑިއޯ އާއި ފޮޓޯތައް އެ ނަގައިދިނީ ރަށް ޕްރޮމޯޓްކުރަން ވެގެން،" ޝިފާހުގެ އެއްބަނޑު އެއްބަފާ ބޭބެ، އަދި ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގު ހުސެއިން ވިދާޅުވި އެވެ.
ޝިފާހުގެ މި ވީޑިއޯއަށް ވަނީ ފަސް މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައި.
ގަވައިދުން ކޮންމެ ދުވަހަކު ޝިފާހު ކުރަމުންދިޔަ މަސައްކަތް ދުނިޔޭގެ ރާޑަރަށް އަރައިފި އެވެ. ޔޫކޭގެ "ޑެއިލީ މެއިލް" އަށް އޭނާގެ ވީޑިއޯއެއް އަރައި އެތައް މިލިއަން ބަޔަކު އެ މަންޒަރު ބަަލައި، ތިނަދޫގެ މި ގޮނޑުދޮށް ފެނިފައި އާޝޯހު ވެއްޖެ އެވެ. މިއީ ހަމަ ހަގީގީ މަންޒަރެއްތޯ މީހުން ސުވާލުކުރަން ފެށީ އެވެ.
އެ ވީޑިއޯއަށް ފަހު ޝިފާގު ވިދާޅުވި ގޮތުގައި ރަށަށް އަންނަ ބޭރުގެ އިންފްލުއެންސަރުންނާއި ޓޫރިސްޓުންނާއި ދިވެހިންގެ އަދަދު ވެސް ބޮޑުތަނުން އިތުރުވެއްޖެކަން އެނގެ އެވެ.
ޝިފާގު ވިދާޅުވީ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން ވެސް އެ މަންޒަރު ބަލާފައި ނޫނީ ފުރައިގެން ނުދާން އެ ރަށަށް އަންނަމުންދާ ކަމަށެެވެ. އަދި ހަމައެކަނި އެ މަންޒަރު ބަލައިލަން ދުނިޔޭގެ ބޮޑެތި އިންފްލުއެންސަރުން އަންނަ ކަމަށާއި މިޔަރުގެ ރިސާޗް ހަދައި ބޭރުގެ އެކި ގައުމުތަކުގެ މީހުން ވެސް މިތަނަށް އަންނަ ކަމަށެވެ.
އެހެންވެ، އެމީހުންނަށް ވަކި ގޮތަކަށް ޝޮޓް ނަގައިދީގެން ޝިފާހު އެދަނީ ރަށުގެ ރީތިކަން ދައްކަމުންނެވެ. މިޔަރުތައް ކައިރިން ހިނގާލަނިކޮށް ނަގާފައިވާ ފޮޓޯތަކާއި އެތަނުގައި ގޮނޑިއެއްގައި އިށީނދެލައިގެން އިންނަ ވީޑިއޯތައް އޭނާ ދަނީ ނަގައިދެމުންނެވެ.
މިއިން ކޮންމެ ފޮޓޯއެއްގެ ފަހަތުގައި ވެސް ވަނީ ބުރަ މަސައްކަތެވެ. މިޔަރު ދެކެ ބިރުގަންނާތީ ކިތަންމެ ފޮޓޯ ނަގަން ބޭނުންވިޔަސް އެބަ ފަސް ޖެހެ އެވެ. އެކަމަކު އެއީ ދަތް ނާޅާނެ މިޔަރުކަމުގެ ޔަގީންކަން މީހުންނަށް ދީ އެ އެއްޗެއްސާ އެކު އުޅެންވާ ގޮތް އޭނާ ކިޔައިދެ އެވެ.
މި މަސައްކަތް ކާމިޔާބުވެ ކުޑަކުޑަ ތިނަދޫގެ ހާއްސަކަން ދުނިޔެއަށް ފެނިއްޖެ އެވެ.