By: Asima Nizar
ސްކޫލުގެ ބުރަބޮޑު ދުވަސްކޮޅަކަށް ފަހު އަނެއްކާ ވެސް ކުޑަ ބަންދެއް ލިބުނީ އެވެ. މިއީ، ކުދިންގެ ސިކުނޑި ތާޒާކޮށްލައި، އާ ހިތްވަރާ އެކު ކިޔެވުން އަލުން ފެށުމަށް ރަނގަޅު ދުވަސްކޮޅަކަށް ހެދުން މުހިއްމެވެ. ގޭތެރޭގައި ބަންދުވެގެން ނުތިބެ، ބޭރަށް ނުކުންނާށެވެ. އާއިލާއާ އެކު ވަގުތު ހޭދަކުރާށެވެ.
މި ލިސްޓުގައި ހިއްސާކޮށްލަނީ ސްކޫލު ޗުއްޓީގައި ކުދިންނާއެކު ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ގުދުރަތީ މާހައުލާއި ތިމާވެއްޓާ ބެހޭގޮތުން ކުދިންނަށް ކިޔައިދޭށެވެ. ގަސް ހެއްދުމުގެ ތެރެއިން އެ ވާހަކަ ކިޔައިދިނުމަކީ އެކަން އެންމެ ރަނގަޅަށް ކުރެވޭނެ އެއް ގޮތެވެ. ހާއްސަކޮށް، ތަރުކާރީ/މޭވާ އަޅާ ގަހެއް ނުވަތަ މާ އަޅާ ގަހެއް ހައްދައިގެން، އެއަށް އަޅާލަން ދަސްކޮށްދޭށެވެ.
ބޮޑު ގްރޫޕެއް އެކުވެގެން، ކުދިންނާ އެކު ކޮށްލަން ވަރަށް މަޖާ ކަމެކެވެ. ބޮޑު ކޭކެއް ނުވަތަ ކަޕް ކޭކް އެޅުމަށް ފުށްގަނޑު ތައްޔާރުކުރުމުން ފެށިގެން ފިހުމުގައި އެ ކުދިން ބައިވެރިކުރާށެވެ. އެއަށްފަހު، އެ ކުއްޖަކު ބޭނުންގޮތަކަށް އެ ކޭކެއް ޒީނަތްތެރިކުރުމަށް ފުރިހަމަ މިނިވަންކަން ދޭށެވެ. އޭރުން ހަމަ ގައިމު ވެސް އެ ކުއްޖެެއްގެ ހުރި ހުނަރު ރީތިކޮށް ފެންނާނެ އެވެ.
އަމިއްލައަށް ޓީޝާޓު ޑިޒައިންކުރުން
އެއްޗެއް ކުރަހަން ނުވަތަ ކުލަ ޖައްސަން ބޭނުންވިއަސް އެކަން ކުރަހަން ޖެހެނީ ކަރުދާހުގަ އެވެ. އެކަމަކު، ޗުއްޓީ ދުވަސްވަރަށް ވުމުން އެކަން ވެސް ތަފާތުކޮށްލަން ހިނގާށެވެ. ގަޔަށް ހެޔޮވަރު ޕްލޭން ޓީޝާޓެއްގައި، އެ ކުއްޖަކު ބޭނުން އެއްޗެއް ކުރެހުމަށް ފުރުސަތު ދޭށެވެ. އަދި ހާއްސަ ދުވަސްތަކުގައި އެ ޓީޝާޓު ލައްވާށެވެ. އޭރު ހަމަ ޔަގީނުން ވެސް އަމިއްލަ ނަފްސަށް އިތުބާރުބޮޑުވެގެންދާނެ އެވެ.
ލިސްޓެއް ހަދައި، ގޭގެ އެކި ތަންތަނުގައި އެއްޗެހި ފޮރުވާށެވެ. އަދި އެ ތަކެތި ހޯދުމަށް ގޭމެއް ކުރިއަށް ގެންދެވިދާނެ އެވެ. ކުދިން އެ ތަކެތި ހޯދާ ވަރަކުން ލިސްޓުން އެ އެއްޗެހި އުނިކުރާށެވެ.