By: Fathimath Ajufan
ބަޖެޓަކަށް ވިސްނައިގެން މާލެއިން ބޭރަށް ދަތުރުދާ ނަމަ ކ. ގުރައިދުއަކީ މިހާރު އެންމެ ރަނގަޅު އެއް ތަނެވެ. ގެސްޓް ހައުސް ވިޔަފާރި ހިންގާ އެ ރަށަށް މިހާރުވެސް ގިނަ ބަޔަކު ގޮސް އުޅޭއިރު ރަށު ކައުންސިލުން ވަނީ އެ ރަށަށް ދާންޖެހޭ އިތުރު ސަބަބެއް މިހާރު ދައްކައިފަ އެވެ.
ރީތި މޫދަކައި ގޮނޑުދޮށެއް އޮތް ގުރައިދޫގައި އެ ރަށު ކައުންސިލުން ވަނީ ވޯޓާ ޕާކެއް ހަދައިފަ އެވެ. މިދިޔަ މަހުގެ 26 ގައި އެ ރަށުގައި ހުޅުވި އިންފެލޭޓެބްލް ވޯޓާ ޕާކަކީ ކައުންސިލުން ބުނާ ގޮތުން ނަމަ ރަށެއްގައި ހުޅުވި މިކަހަލަ އެންމެ ބޮޑު ޕާކެވެ.
ކ. ގުރައިދޫ ވޯޓާ ޕާކް.-- ފޮޓޯ: ގުރައިދޫ ކައުންސިލް
ގުރައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަވާޒް ވިދާޅުވީ އެއީ ކުރީގެ ކައުންސިލް ރައީސް އަލީ ޔާމީން ރަށުގައި ޓޫރިޒަމް ކުރިއެރުވުމަށް ނިންމަވައި ފެއްޓެވި މަސައްކަތެއް ކަމަށެވެ. އޭގެ ނަތީޖާއަކީ ޓޫރިސްޓުންނާއި ރަށުގައި ދިރިއުޅޭ މީހުންނަށް ވެސް ހިތް އުފާކޮށް މަޖާކޮށްލަން ތަފާތު ތަނެއް ލިބުމެވެ.
"މިއީ ރާއްޖޭގެ ރަށެއްގައި، މީހުން ދިރިއުޅޭ ރަށެއްގައި ހުޅުވި އެންމެ ބޮޑު ވޯޓާ ޕާކު،" ފަވާޒް ވިދާޅުވި އެވެ.
ކ. ގުރައިދޫ ވޯޓާ ޕާކު.-- ފޮޓޯ: ގުރައިދޫ ކައުންސިލް
ގުރައިދޫ ވޯޓާ ޕާކުގެ އަގުތައް:
- އުމުރުން 4 އަހަރުން ދަށުގެ ކުދިންނަށް ހިލޭ
- އުމުރުން 4 އަހަރާއި 10 އަހަރާ ދެމެދު ރަށު ކުދިންނަށް 20ރ.
- އުމުރުން 10 އަހަރާއި 18 އަހަރާ ދެމެދު ރަށު ކުދިންނަށް 30ރ.
- އުމުރުން 18 އަހަރުން މައްޗަށް 50ރ. އަށް
- ޓޫރިސްޓުންނަށް 15 ޑޮލަރު
- އުމުރުން 4 އަހަރާއި 10 އަހަރާ ދެމެދު ރަށުން ބޭރު ކުދިންނަށް 30ރ.
- އުމުރުން 10 އަހަރާއި 18 އަހަރާ ދެމެދު ރަށުން ބޭރު ކުދިންނަށް 50ރ.
އުމުރުން 18 އަހަރުން މަތީގެ ރަށުން ބޭރު މީހުންނަށް 100ރ.
ކ. ގުރައިދޫ ވޯޓާ ޕާކު.-- ފޮޓޯ: ގުރައިދޫ ކައުންސިލް
އެ ތަނުން ލިބޭ ފައިސާއިން، ވޯޓާ ޕާކު މިހާރު އޮތް ސަރަހައްދުގައި އިތުރު ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ހަދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ރައްޔިތުން ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްގީގެ ކަންކަން ވެސް ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫދަށް އެރި މޫދު ކުޅިވަރު ކުޅެލަން އާއިލާ އެކީގައި ގުރައިދޫއަށް ދާންވީ އެވެ. ކ. އަތޮޅުގެ ހުރިހާ ރަށްތަކަށް ވެސް ލޯންޗު ފެރީތައް އޮޕަރޭޓްކުރާއިރު ކޮޅަކަށް 150ރ. އިން ފުދޭނެ އެވެ.
ކ. ގުރައިދޫ ވޯޓާ ޕާކު.-- ފޮޓޯ: ގުރައިދޫ ކައުންސިލް
އެ ރަށުގައި ގޮސް ތިބެން ބޭނުން ނަމަ ގިނަ މީހުންގެ ފުރަތަމަ ޗޮއިސް އަކީ ގެސްޓް ހައުސް އެވެ. އަގުތައް އުޅޭނީ 700ރ. އިން ފެށިގެން 1،200ރ. އާ ދެމެދުގަ އެވެ. މި އަގު ބޮޑު ނަމަ ދެން އޮތް ގޮތަކީ އާންމުންގެ ގެތަކުން ކުއްޔަށް ކޮޓަރިއެއް ހިފުމެވެ.