By: Maaidha Mohamed Rashad
ދެ އަހަރުގެ ދަރިފުޅަށް ކިޔަވައިދޭން ފެށިއިރު ފާތިމަތު ލީނާއަށް އެންމެ އުނދަގޫވީ ކުދިންނަށް ކިޔަވައިދޭން ހަދާފައި މި ހުންނަ ފްލޭޝް ކާޑުތައް އަވަސް އަވަހަށް ބަދަލުކުރަން ޖެހުމެވެ. ދަތް އަޅައި ހަލާކުކޮށްގެން ނުވަތަ ވީދާލައިގެން އެ ގަނޑުތައް ބަދަލުކުރަން ޖެހޭލެއް ގިނަވެގެން އެ ކަމަށް ހައްލެއް ހޯދަން ކުރި މަސައްކަތުން އުފަންވީ "މަގޭ ރަންކޮޅު" އެވެ.
ކުދިންނަށް ކިޔަވައިދޭން، ފަސޭހައިން ހަލާކުނުވާނެ އެއްޗެއް ހެދުމަށް ކުރި މަސައްކަތުން އޭނާއަށް ފެނުނީ އެކަމަށް އެންމެ ރަނގަޅީ ލަކުޑި ކަމެވެ. މިހާރު ދިވެއްސާއި އަރަބި އަދި އިނގިރޭސި އާއި ނަމްބަރުތައް ވެސް ހިމެނޭ ގޮތަށް އޭނާ އަންނަނީ ކުދިންނަށް ކިޔަވައިދޭނެ އެއްޗެހި ލަކުޑީގައި ހަދަމުންނެެވެ.
"އަސްލު ފްލެޝް ކާޑުތައް ހަލާކުވަނީ. ލެމިނޭޓްކުރީމާ ވެސް ތަންކޮޅު ނައްޓުވަ ނައްޓުވައިގެން ހަލާކުކުރަނީ. ދެން އެހެންވީމާ ހިތަށް އެެރީ ހަލާކު ނުވާ ކަހަލަ އެެއްޗެކޭ ހޯދަންވީ. އަޅުގަނޑު ނޫނަސް އެހެން ބެލެނިވެރިންނަށް ވެސް ހަމަ މިކަން ދިމާވާނެއޭ ހިތަށް އެރީ،" މީގެ ފަސް އަހަރުކުރިން ފެށުނު ވިޔަފާރިއާ ބެހޭ ގޮތުން ލީނާ ބުންޏެވެެ.
ބެލެނިވެރިންނަށް ލުޔެއް ހޯދައިދޭން މި މަސައްކަތް އޭނާ ފެށީ 2020 ގައި ކުންފުންޏެއް ރަޖިސްޓްރީކޮށްގެންނެވެ.
ލީނާ ސިފަކުރާ ގޮތުގައި އެ މީހުންގެ މަސައްކަތް ޕްރޮމޯޓްކުރަން ހެދި ޕޭޖަކީ ކިޔެވުން ފެށުމުގެ ފުރަތަމަ މަރުހަލާ އެވެ. އަކުރުތަކުން ފަށައިގެން ދަސްކުރަމުން ގޮސް ކުއްޖާގެ ލެވެލް މަތިވާ ވަރަކަށް އެހެން ލެވެލްތަކަށް ހާއްސަ އުފެއްދުންތައް މިތަނުން ލިބެ އެވެ. އޭގައި ހިމެނެނީ އަރަބި އަކުރު ކާޑާއި ދިވެހި އަކުރު ކާޑާއި އިނގިރޭސި އަކުރަށް ހާއްސަ ކާޑުތަކުތަކާއި ޕަޒްލްސް ފަދަ ތަކެއްޗެވެ.
މަގޭ ރަންކޮޅު ޕޭޖުން ކަސްޓަމައިޒްކޮށްފައިވާ އަކުރު ސެޓެއް.
ޕަޒްލްސް ފަދަ އެއްޗިއްސަށް ކުދިން ވަރަށް ޝައުގުވެރިވެ އެވެ. އެހެންވެ، ދިވެހި ބަހުން ވެސް ޕަޒްލް ހަދާފައި ވަނީ އެ އަކުރަކާ ގުޅޭ އެއްޗެހި ގުޅުވަން ޖެހޭ ކަހަލަ ގޮތަކަށެވެ. އެހެން ބަސްތަކުން ވެސް ހަމަ މިފަދަ ޝައުގުވެރި ކާޑުތައް ލިބޭނެ ކަމަށް ލީނާ ބުންޏެވެ.
ކުލަކޮށް ހުންނަ ކާޑާއި ކުލައި ނުލަައި، އެ ކުއްޖަކަށް ބޭނުން ކުލައެއް ޖެއްސޭ ގޮތަށް ވެސް ކާޑު ސެޓް ހަދާފައި އެބަހުއްޓެވެ.
"އަރަބި، އިނގިރޭސި ދިވެހި، ފުރަތަމަ އަކުރު ދަސްކުރަން ކާޑު ހުންނާނެ. މިހާރު ހުންނާނެ ޕަޒްލްސް، ފިލިތަކާ އެކު ދަސްކުރާނެ އެއްޗެހި ވެސް ހުންނާނެ. އެކި ސްޓެޕްސް. އަކުރު ދަސްކޮށްފައި ދެން އިންނާނީ އެއާ ގުޅޭ އެއްޗެއް ހަދަން،" ފިރިމީހާގެ އެހީތެރިކަމާ އެކު ވިޔަފާރި ހިނގަމުންދާ ގޮތް ލީނާ ކިޔައިދިނެވެ.
ލީނާ ބުނީ އެތަކެތި ތައްޔާރުކުރުމަށް ހޭދަވާ ވަގުތަށް ބަލައިގެން އަގު ހަދާ ނަމަ އަގު ބޮޑުވާނެ ކަމަށެވެ. އެކަމަކު އޭނާ ބޭނުންވީ މިއީ އެހެން ބެލެނިވެރިންނަށް ވެސް އަތްފޯރައި އަގެއްގައި ގަނެވޭނެ އެއްޗަކަށް ވުމެވެ.
ފްލެޝް ކާޑު 200ރ. އަށް އަދި ޕަޒްލްސް ފަދަ ތަކެތި 300ރ. އިން 500ރ. އާ ދެމެދުގެ އަގުތަކެއް ވިއްކަ އެވެ.
މި އުފެއްދުންތައް ކަސްޓަމައިޒް ވެސް ކޮށްދެ އެވެ. ލީނާ ބުނީ ކުދިންނަށް ހަދިޔާކުރުމަށް އެ ކުދިންގެ ނަން ޖަހައިގެން ވެސް މި ސެޓުތައް ހަދާ ކަމަށާއި އަަނެއް ބަޔަކު އެއްވެސް ނަމެއް ނުޖަހަނީ އެމީހުންގެ ދަރިން ކިޔެވުމަށް ބޭނުންކުރުމަށް ފަހު، އެހެން ކުދިންނަށް ވެސް އެ ދޭން ބޭނުންވާތީ ކަމަށެވެ.
މަގޭ ރަންކޮޅު ޕޭޖުން އުފައްދާފައިވާ ބައެއް ތަކެތި.
ލީނާ ބުނީ ބެލެނިވެރިންގެ ފަރާތުން ވެސް އެއަށް އެހާ ބޮޑަށް ތަރުހީބު ލިބެނީ ފަސޭހައިން ހަލާކުނުވުމާއި އަބަދު އަބަދު ގަންނަން ނުޖެހޭތީ ކަމަށެވެ. އަދި މި ކާޑުތައް ހަދާފައި ހުންނަނީ އެހެން އެކްޓިވިޓީސްތަކުގައި ވެސް ބޭނުންކުރެވޭ ގޮތަށް ކަމަށްވާތީ އެކަމުގެ ފަސޭހަ ވެސް އޮންނަ ކަމަށް އޭނާ ބުންޏެެވެ.
ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލީނާގެ "މަގޭ ރަންކޮޅު" އަށް ލިބި، މިހާރު އޭނާ ތައްޔާރުވަމުން އެ އަންނަނީ މި ހުރިހާ އުފެއްދުންތަކެއް ވިއްކުމަށް މާލޭގައި ފިހާރައެއް ހުޅުވާށެވެ.