By: Maaidha Mohamed Rashad
ވަރަށް ގާތްކޮށް އުޅެފައި ރައްޓެހިން ދުރުވުމަކީ އެންމެނަށް ވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ދިމާވާ ކަމެކެވެ. ވަކި ހިސާބަކުން މަޑުމަޑުން ގުޅުން ކެނޑެމުން ގޮސް، އެއްގޮތަކަށް ވެސް މިހާރު ޚަބަރެއް ނުވާ ރައްޓެހިން އެންމެންގެ ވެސް ތިބޭނެ އެވެ. މިހެން މިވަނީ ކީއްވެތޯ އަމިއްލަ ނަފްސާ ދުވަހަކު ވެސް ސުވާލު ކޮށްލެވުން ހެއްޔެވެ؟
އެކުވެރިކަމުގެ ގުޅުން ކެނޑުމާ ގުޅޭ ގޮތުން ދިރާސާއަކުން ދައްކާ ގޮތުގައި ގިނަ ފަހަރަށް ގުޅުންތައް އެންމެ ގިނައިން ވެސް ދެމިގެންދަނީ ހަތް އަހަރަށެވެ. އެ މުއްދަތަށް ފަހު ގިނަ ފަހަރަށް އެކުވެރިން ބަދަލުވެ އެވެ.
ކޮންމެހެން، ބޮޑު ކޯޅުމެއްގެ ސަބަބުން އެކުވެރިކަމުގެ ގުޅުން ކެނޑުމަށް ވުރެ މިގޮތަށް މިކަން ދިމާވަނީ ދިރިއުޅުމުގެ އާދަތަކާއި ހާލަތަށް އަންނަ ބަދަލުގެ ސަބަބުންނެވެ.
ނެދަލެންޑުުގެ ޔުނިވާސިޓީއެއްގެ އެސިސްޓެންޓް ޕްރޮފެސަރަކު ވަނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ 1،000 މީހަކު ބައިވެރިކޮށްގެން މިކަމާ ގުޅޭ ދިރާސާއެއް ހަދައިފަ އެވެ. އެ ދިރާސާގައި ވަނީ އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހިއްސާކުރަނީ ކާކަށްތޯ އާއި އެ މީހުންނާ ދިމާވި ގޮތަކާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ. އަދި އޭގެ ހަތް އަހަރު ފަހުން އޭނާގެ ޓީމުން ވަނީ ކުރީގެ ދިރާސާގައި ބައިވެރި 600 އަށް ވުރެ ގިނަ މީހުންނާ އަލުން ހަމަ އެ ސުވާލުތައް ކޮށްފަ އެވެ.
އޭގައި އޭނާއަށް އެނގުނީ އެންމެ ގާތް އެކުވެރިން ދެމިތިބީ ދިރާސާގައި ބައިވެރިވި އެންމެ 30 ޕަސެންޓް މީހުންގެ ކަމެވެ. އެކަމަކު 48 ޕަސެންޓް މީހުންނަކީ ވަގުތީ ސޯޝަލް ނެޓްވޯކުގައި ހިމެނޭ މީހުން ކަމެވެ. މާނައަކީ އެ މީހުންނާ ބައްދަލުވެ ވާހަކަ ދެކެވެނީ ދިމާވުމުން އެކަނި ކަމެވެ.
އެކުވެރިކަން ކިތަންމެ ގާތްކޮށް އޮތަސް ނޭނގި ހުއްޓާ ގުޅުން ހީނަރުވާ ކަމަށް ދިރާސާއިން ދައްކާ
ދިރާސާގައި ބައިވެރިވި ބައެއް މީހުން ބުނާ ގޮތުގައި އެމީހުން، ހަތް އަހަރު ކުރިން އެކުގައި ބޭރަށް ގޮސް، އުޅުނު މީހުންނާ ދިމާވަނީ މަދު ފަހަރެއްގަ އެވެ. އަދި އޭގެ ތެރެއިން މިހާރު ގާތްކަން އޮތީ މަދު ބަޔަކާ އެކު އެވެ.
ބައެއް މީހުން ބުނަނީ އެމީހުންނަށް ދިރިއުޅުމުގައި ލިބުނު އެކުވެރިންގެ 50 ޕަސެންޓު އެކުވެރިން ބަދަލުވެފައިވާ ކަމަށެވެ. އެކަމަކު އެއީ ގަސްދުގައި ކުރާ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ހަމަ މެދުވެރިވަނީ ކަމަށް ބުންޏެެވެ. އަދި އެ މީހުންނަކީ ވެސް ހާއްސަ މީހުން ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ދިރިއުޅޭ ތަން ބަދަލުވުމާއި ގުޅުން ކެނޑުމާއި ދިރިއުޅުމެއް ފެށުމަށް ފަހު ދެން އެ އަންނަ ބަދަލުތަކާ އެކު ދިމާވާ ކަންކަމުން އެކުވެރިކަމުގެ ގުޅުމަށް އަސަރުކުރަނީ ކަމަށް ބުނެފައިވެ އެވެ.
އެކަމަކު މި ހުރިހާ ކަމަކާ އެކު އެކުވެރިކަމުގެ ގުޅުން ދެމެހެއްޓި މީހުން އެބަ ތިއްބެވެ. އެ ދިރާސާގައި ހިމެނޭ 30 ޕަސެންޓް މީހުންގެ ތެރޭގައި ހިމެނޭ މީހަކު ބުނީ އޭނާގެ އެކުވެރިޔާއަކީ އެންމެ ކުޑައިރުން ފެށިގެން ގުޅުން އޮންނަ މީހެއް ކަމަށާއި އެކުގައި މަސައްކަތްކުރުމާއި އެކުގައި ދަތުރުކުރުން ފަދަ ކަންކަން ކޮށްފައިވާ ކަމަށެވެ. އެކަމަކު މިހާރު އޭނާ ވަޒީފާ އަދާކުރަނީ އެހެން ތަނެއްގައި ކަމަށްވާތީ ދިމާ ނުވިޔަސް އެމީހުންގެ ގުޅުމަށް އަދިވެސް ބަދަލެއް ނާންނަ ކަމަށެވެ.
އާންމު ގޮތެއްގައި އެކުވެރިކަން ބަދަހިކޮށް އޮންނަނީ ހަތް އަހަރު ކަމަށް ބެލެވޭ.
އެހެންވެ، ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކާ ގުޅިފައި ވަނީ އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރުމާއި ވަޒީފާ އާއި ދިރިއުޅުމެއް ފެށުން ފަދަ ކަންކަމެވެ. ގުޅުންތައް އުފެދިގެން އަންނަނީ އެ މީހާ ދިމާވާ މާހައުލެއްގައި އުޅޭ ބައެއްގެ ތެރެއިންނެވެ. އަދި އެ މާހައުލު ބަދަލުވެއްޖެ ނަމަ، އެ ގުޅުންތައް ވެސް ފަނޑުވެގެން ދަނީ އެވެ. އެ ގުޅުންތައް ދަމަހައްޓަން އެނގެނީ މަދު ބަޔަކަށެވެ.
ހަތް އަހަރަށް ވުރެ ގުޅުން ދެމިގެންދާ ނަމަ، އެއީ މުޅި އުމުރަށް ދެމިގެންދާ އެކުވެރިކަމެއްގެ ގޮތުގައި ސިފަ ކުރެ އެވެ. ދުރުގައި ތިއްބަސް އެކުވެރިކަން ދެމެހެއްޓުމާއި އެކުވެރިކަމުގައި ދިމާވާ މައްސަލަތައް ދެ ފަރާތުން ވެސް ހައްލުކޮށް ކުރިއަށް ދިއުމަށް މަސައްކަތް ކުރުމަކީ އެ ގުޅުން ދެ ފަރާތުން ވެސް ދަމަހައްޓަން ބޭނުންވާ ކަމުގެ ހެއްކެވެ. އެފަދަ ގުޅުންތައް ވަރުގަދަ އެވެ.