By: Fathmath Aneesa
ޝިޝާ ބުއިމަކީ ވެސް މާ މޮޅު ކަމަކަށް މިހާރު މި އުޅެނީ ހަދައިގެންނެވެ. އެކި ނަންނަމުގައި ތަފާތު ރަހަތަކުގައި މި އަމާޒުކުރަނީ ޒުވާނުންނަށެވެ. މިކަން ޓްރެންޑެއްގެ ގޮތުގައި ބޮޑު ވިޔަފާރިއަކަށް ވެފައި ވާއިރު އޭގެ އޮލަ ދުންގަނޑުގެ ތެރެއަށް ގެއްލި އެތައް ޒުވާނުންނެއް ހަލާކުވަނީ އެވެ.
ދުންފަތް ބޭނުންކުރަނީ ކޮންމެ ގޮތަކަށް ނަމަވެސް، ކެންސަރު ޖައްސައި 30 ބާވަތެއްގެ މާއްދާތައް އޭގައި ހުރެ އެވެ. ނިކޮޓީން ވެސް އެހާ މައްޗަށް ހުރެ އެވެ. މީގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކަކީ ދުވަހަކުވެސް މަރާމާތު ކުރެވޭނެ ގެއްލުންތަކެއް ނޫނެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ޝިޝާ އަކީ ސިނގިރޭޓަށް ވުރެ ގެއްލުން ކުޑަ އެއްޗެކެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ސިނގިރޭޓް ބުއިމަށް ވުރެ މާ ބޮޑެތި ގެއްލުން ޝީޝާ ބުއިމުން ލިބެ އެވެ. އަދި މިއީ ހިތަށް އިންތިހާއަށް ބޮޑެތި ގެއްލުންތައް ލިބޭ އެއްޗެކެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމުގެ ސަބަބުން ކޮންމެ އަހަރަކު މަރުވާ މީހުންގެ އަދަދު ކެއްސުން ބައްޔާއި އެޗްއައިވީ/އެއިޑްސް އަދި މެލޭރިޔާ ފަދަ ބަލިތަކުގައި މަރުވާ މީހުންނަށް ވުރެ މާ ބޮޑަށް އިތުރެވެ.
ދުންފަތް ކެއުމާއި ދުންފަތް އަޅައިގެން ތައްޔާރުކޮށްފައި ހުންނަ އެކި އެއްޗެހި ބޭނުންކުރުމުގެ ސަބަބުން އެކި ވައްތަރުތަކުގެ ކެންސަރު ޖެހުން ވަނީ އާއްމު ވެފަ އެވެ.
ނިއު ދިއްލީގެ ޕަޓްޕަރްގަންޖްގެ މެކްސް ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލުގެ ކާޑިއެކް ކެތު ލެބްގެ އެސޯސިއޭޓް ޑައިރެކްޓަރު އަދި އެންމެ އިސް ވެރިޔާ ޑރ. މަނޯޖް ކުމާރު ވިދާޅުވީ ދުން ނާރާ ގޮތްގޮތަށް ބޭނުންކުރާ ދުންފަތާއި ޝީޝާ އިން ވެސް ހިތަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ. މި ތަކެތީގެ ބޭނުންކުރުމުގެ ހަށިގަނޑުގެ އެތެރެއަށް ގިނަ އަދަދެއްގެ ކާބަން މޮނޮކްސައިޑް ވަދެގެން ދެ އެވެ. ލޭގައި ހުންނަ، ހަށިގަނޑުގެ އެހެން ތަންތަނަށް އޮކްސިޖަން ގެންގޮސްދިނުމުގެ ގާބިލްކަން މިކަމުގެ ސަބަބުން ކުޑަވެ އެވެ. ނަތީޖާ އަކީ ހަށިގަނޑުގައި ދައުރުވާ އޮކްސިޖަން ލެވެލް ދަށްވުމެވެ. ހިތް ހިނގުން އަވަސްވެ ލޭގެ ޕްރެޝަރު އިންތިހާއަށް މަތިވެ ހިތާއި ސިކުނޑިއާ ގުޅިފައިވާ ލޭ ހޮޅިތަކުގެ ނިޒާމަށް މިކަމުން ބާރު ބޮޑުވެ އެވެ.
ޝިޝާއެއް ރޯކޮށްފައި
އެކި ގޮތްގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ހިތް ހުއްޓުމާއި ލޭގެ ޕްރެޝަރު މާ މަތިވުން، ސްޓްރޯކް ޖެހުން، ނާރެއް ފަޅައިގެން ގޮސް ލޭ އައުން، ލޭކޮޅެއް ގަނޑުވުން ފަދަ ހިތުގެ މައްސަލަތައް ދިމާވާލެއް މާ ބޮޑަށް އިތުރެވެ. އަދި ހިތުގެ މައްސަލަތައް ކުރިން ވެސް ހުންނަ މީހުންނާއި އާއިލީ ގޮތުން މިފަދަ ކަންތައްތައް ވާރުތަވެފައި ތިބޭ މީހުންނަށް މި ނުރައްކާ ދެ ގުނައަށް އިތުރެވެ.
ހަނދާން ބަހައްޓަންވީ ކަމަކީ ދުންފަތް ބޭނުން ކުރެވޭނެ ރައްކާތެރި އެއްވެސް ގޮތެއް ނޯންނަ ކަމެވެ. ދުންނާރާ ވައްތަރުގެ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ޝީޝާ ބުއިމަކީ ވެސް ހަށިގަނޑަށް ބޮޑެތި ގެއްލުން ލިބޭނެ ކަންކަމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި އެއް ގަޑިއިރު ޝީޝާ ބޮއިގެން ހަށިގަނޑަށް އެތެރެވާ ކެންސަރު ޖައްސާ މާއްދާތަކާއި ދުމާއި 100-150 ސިނގިރޭޓް ބޮއިގެން ހަށިގަނޑުގެ ތެރެއަށް ވަންނަ ދުމާއި ކެންސަރު ޖައްސާ މާއްދާތަކާ އެއްވަރެވެ.