12 Oct 2017

7 ސުވާލު: މި މަސައްކަތް ވެސް ހާދަ ސަޅިއޭ

ބަލަންވީ ގައިގައި އުނގުޅޭ ގިރިހާއި ތެލަކަށް ނޫނެވެ. މި ޒުވާނާ މި ކިޔައިދެނީ ވަރަށް "ކަޑަ" ކަމަށް ހީވާ އެކަމަކު ސަޅި މަސައްކަތެއްގެ ވާހަކަ އެވެ.

ބަލަންވީ ގައިގައި އުނގުޅޭ ގިރިހާއި ތެލަކަށް ނޫނެވެ. މި ޒުވާނާ މި ކިޔައިދެނީ ވަރަށް "ކަޑަ" ކަމަށް ހީވާ އެކަމަކު ސަޅި މަސައްކަތެއްގެ ވާހަކަ އެވެ.

By: Aishath Mihna Nasih

މީހާގެ ޝަހުސިއްޔަތާއި ހައިސިއްޔަތު އަންގައިދެނީ އެމީހަކު ލާ ހެދުމަކުންނެއް ނޫނެވެ. އަދި މުހިންމީ އަގުބޮޑު ގަމީސް ފަޓުލޫނު ނުވަތަ ޚާއްސަ ޔުނިފޯމެއް ލައިގެން ހުރެ ޚިދުމަތް ދިނުމެއް ވެސް ނޫނެވެ.

މި ހަފްތާގެ 7 ސުވާލު މި ކޮށްލަނީ އުމުރުން 16 އަހަރުން ފެށިގެން ސައިކަލު، ކާރު ފަދަ އުޅަނދުތައް މަރާމާތުކުރުމުގައި އުޅެމުން ގޮސް މިހާރު ބޭބެއާ އެކު އަމިއްލަ ގަރާޖު، ގްރީޒް މަންކީޒް ގައި މަސައްކަތްކުރާ ހުސެއިން ސަލްމާން، 24، އަށެވެ.

އޯލެވެލް އަށް ފަހު، އައިޓީ ކޯސްތަކެއް ހެދި ނަމަވެސް އޭނާގެ ހިތް ދަތުރުކުރީ މި މިސްރާބަށެވެ. އޭނާ އެންމެ ފުރަތަމަ އަގަށް މި މަސައްކަތް ކޮށްދޭން ފެށީ ރައްޓެހިންނަށެވެ. ވެހިކަލްތައް ބަހައްޓަނީ ގޭދޮށުގަ އެވެ. އޭގެ އެއަށްފަހު ގަރާޖެއްގައި މަސައްކަތް ކުރުމަށް ފަހު ބޭބެއާ އެކު ހުޅުވި މި ގަރާޖުގައި މަސައްކަތް ކުރާތާ މިހާރު މިއީ ދެވަނަ އަހަރެވެ.

ސައްލެ މަސައްކަތުގައި --- ފޮޓޯ: ހުސެއިން ވަހީދު

ގަރާޖެއްގައި މަސައްކަތްކުރުމަކީ ލަދު ގަންނަން ޖެހޭ ކަމެއްތަ؟

ނޫން ނޫން. ލަދުގަންނަންޖެހޭ ކަމެއް ނޫން މިއީ އަސްލު. އެކަމަކު އަހަރެމެން ތެރޭގަ މިއީ ލަދުގަންނަންޖެހޭ ކަމެއް ގޮތަށް ހީވެފައި އޮންނަނީ ބޭރު މީހުން މިކަން ކުރާތީ. އެއީ އެކަމަކު މިކަންކަން ކުރާނެ ދިވެހީން ނުތިބޭތީ. އަސްލު މައްސަލައަކީ ވެސް އެއީ. ލަދު ގަންނަންޖެހޭ ކަމެއް ނޫން! ބައެއް މީހުން އެއާ ޚިލާފަށް ހަމަ ވަރަށް އިހުތިރާމު ވެސް ކުރޭ އަހަރެން މި މަސައްކަތްކުރާތީ. މަގުމަތިން ދާއިރު ވެސް ނޭނގޭ މީހުން ގޮވާލާނެ އެމީހުންގެ ސައިކަލު ނޫނީ ކާރުގެ ވާހަކަ ދައްކާލަން. އެހެންވީމަ އިހުތިރާމް ވެސް ލިބެ އޭ ބުނެވޭނީ.

މި މަސައްކަތް ކުރަން ނިންމީ ކީއްވެ؟

ކުރިން ވެސް އަސްލު ކުރާ ހިތްވި ކަމެއް މީ ވަރަށް. އަނެއްކާ އާމްދަނީގެ ގޮތުން ވެސް ރަނގަޅު އެއްޗެއް ލިބޭ. އެހެންވީމަ ޝައުގުވެރިކަން ހުރި ދާއިރާއަކުން ކުރިއަށްދާންވެގެން މި ކަންފެށީ. މުޅި އާއިލާގަ ވެސް ގިނަވާނީ ހަމަ މަސައްކަތްތެރީން. އެހެންވެއާ ވެސް އެކީ މިކަމަށް ހިތްޖެހުނީ. ކުރީން އައިޓީ ކިޔެވިޔަސް، މިފަހުން މި ދާއިރާގެ މަސައްކަތް ދަސްކުރަމުން މިދަނީ. މިދިޔަ އަހަރު އިންޑޮނީޝިއާ އިން ޕެއިންޓިންއާ ބެހޭ ޓްރެއިނިން ވެސް ހެދިން.

މި މަސައްކަތް ކުރާތީ މީހުން ދެކެނީ ކިހިނެއް؟ މަލާމާތް ކުރޭތަ؟

އާއިލާ އާއި ރަހުމަތްތެރިން ހަމަ ވަރަށް ތަރުހީބުދޭ. އެހެންވެ މިހިސާބަށް އާދެވިފަ ވެސް މިހިރީ. އެކަމަކު އަންހެން ކުދިން ހިއެއްނުވޭ މި މުޖުތަމައުގަ މި މަސައްކަތް އެހާ ބަލައިގަންނަ ހެނެއް. އެއީ މިސާލަކަށް އޮފީހެއްގައި އުޅޭ ކުއްޖަކަށް ފަސޭހަވެދާނެ ބޭނުންވާ ވަރަކަށް ވަގުތު ދޭން. އެކަމަކު އަހަރެން އުޅެފާނެ ހެނދުނު އަންނަ ގޮތަށް ދަންވަރު ވެސް މަސައްކަތުގައި. އެކަަމަކު އެއީ އާންމުކޮށެއް ނޫން.

ދެން ގައިގައި ގިރިސް ހޭކިފައި ވެސް ހުރެދާނެ. ތެޔޮ ހޭކި މުޑުދާރުކޮށް ވެސް ހުރެދާނެ. އަންހެން ކުދީންނަށް އުނދަގޫވޭ ގިނަފަހަރު މިކަންކަން އަންޑަސްޓޭންޑް ވާން. އަންހެނުން އެކަންޏެއް ވެސް ނޫން. ބައެއް މީހުން ވެސް ބުނާނެ ހާދަ ނަޖިސްކޮށޭ ތިހުންނަނީ. އެކަމަކު ޕެއިންޓް ކުރާއިރު ކޮންމެފަހަރަކު އަތުގައި ހުންނަ ކުލަ ފިލުވާކަށް ބާރުގަދަ ތިނަރެއް ބޭނުމެއް ނުކުރެވޭނެތާ. އެކަމަކު ނުދެކެން މިކަންކަން އެއީ އެހާބޮޑު މައްސަލައެއްކަމަކަށް.

ސައްލެ މަސައްކަތުގައި --- ފޮޓޯ: ހުސެއިން ވަހީދު

އާންމުކޮށް ގަރާޖުތަކުގައި މަސައްކަތް ކުރަނީ ބިދޭސީން. އެއީ ކީއްވެ؟

ދިވެހިންގެ އިންޓްރެސްޓް ވެސް ނުހުންނަނީ މިކަމަށް. މިއީ ދަސްކޮށްގެން ކިޔަވައިގެން ކުރަންޖެހޭ ކަމެއް. ގްރޭޑު 9، 10 ގައި އުޅޭ ކުދިން ކައިރީ ބުނަން އަންނާށޭ ހުސްވަގުތުތަކުގައި މި މަސައްކަތް ކުރާތަން ބަލާލަން. އެކަމަކު އެހާ ތަރުހީބެއް ނުލިބޭ އަސްލު ދިވެހީންގެ. އެހެންވީމާ ދެން ބޭރު މީހުންނެއްނު ކުރާނީ. އަނެއްކާ މިތަނުންކުރާނެ ޑައެގްނޯޒްކުރުމުގެ މަސައްކަތް ވެސް މުޅިން އަލަށް. އަނެއްކާ ހުރިހާ ކަމެއް މިހާރު މިހުންނަނީ ޑިޖިޓަލްވެފައި. އެހެންވީމަ ދަސްކޮށްގެން ކިޔަވައިގެން މި މަސައްކަތް ކުރެވޭނީ.

މިއީ އާމްދަނީގެ ގޮތުން ބަލާއިރު ކުރުން ރަނގަޅު މަސައްކަތެއްތަ؟

އާނ. ހަމަ ވަރަށް ރަނގަޅު މަސައްކަތެއް މި. އެކަމު ގަރާޖުގަ ޖާގަ ނުހުންނާތީ އެހާ ގިނަ ވެހިކަލް ތަކެއް ނުވެސް ނެގޭ. ލިމިޓެޑްކޮށް މި ނެގެނީ. ހަމަ މަސައްކަތްކުރި ވަރަކަށް ލިބޭ އާމްދަނީ ދާނީ ގިނަވަމުން ދާނީ.

މަސައްކަތުގައި ދުވަހެއް ހޭދަވަނީ ކިހިނެއް؟

އާންމުކޮށް މަސައްކަތް ފަށަނީ ހެނދުނު އަށެއް ޖަހާއިރު. ދެން ބާރައިން އިން އެކަކަށް އިންނާނެ ބްރޭކެއް. ދެން އެއްކޮށް ގަރާޖު ބަންދުކުރާނީ ރޭގަނޑު 8:00 ޖަހާއިރު. ލޯޑު ބޮޑުވާއިރު އަދި އިތުރަށް ވެސް ވަގުތު ހޭދަވާނެ.

ހުސެއިން ސަލްމާން ފޮޓޯ---- ހުސެއިން ވަހީދު

މި މަސައްކަތުގައި ލިބޭ އެންމެ ބޮޑު އުފަލަކީ ކޮބާ؟

އުފާ ދޯ! އަސްލު ވަރަށް ކަމުދޭ ސައިކަލާއި ކާރާއި އެއްޗެހި ދެކެ. ވަރަށް ގެންގުޅެ، ކުޅޭ ހިތްވޭ އެ އެއްޗިއްސާ. އެހެން މަސައްކަތެއް ނަމަ ވަޒީފާއަށްް ގޮސް ލިބޭ ހުސްވަގުތުގަ މިކަމާ އުޅެވޭނީ، އެކަމަކު އަހަންނަށް ވަޒީފާއަކީ ވެސް މިއީ. އެހެންވީމާ އެންމެ ޝައުގުވެރިވާ ކުރާހިތްވާ މަސައްކަތުން އާމްދަނީ ހޯދައިން އުޅެވޭތީ އެންމެ އުފާވަނީ.

Popular