4 Jul 2019

ބާޗީގެ ކުލައިގެ ދުނިޔެއަށް ވަދެ ގެއްލިދާނެ

ބާޗީގެ ކުލައިގެ ދުނިޔެއަށް ވަދެ ގެއްލިދާނެ

By: Ahmed Nadym

އޭނާގެ އާއިލާ އަކީ މިއުޒިކާއި ލަވައިގެ ދުނިޔެ އަށް މަޝްހޫރު ގިނަ އާޓިސްޓުންތަކެއް ތިބި އާއިލާއެކެވެ. މިސާލަކަށް އަހުމަދު އާމިރާއި އިބްރާހިމް އާމިރާއި ފަޒީލާ އާމިރުމެންނެވެ. ނަމަވެސް އަހުމަދު އަޒްމީ ނުވަތަ އެންމެން ވެސް އޭނާ ދަންނަ އާޓިސްޓު ނަމުން ނަމަ ބާޗީގެ ހުނަރު އަހަރެމެންނަށް ފެނުނީ މިއުޒިކާއި ލަވައިގެ ދުނިޔެއަކުން ނޫނެވެ. އުމުރުން 43 އަހަރުގެ ބާޗީ އަކީ މިވަގުތު ރާއްޖޭގައި ތިބި މަދު ކޮންޓެމްޕޮރެރީ ނުވަތަ އެބްސްޓްރެކްޓް އާޓިސްޓުންގެ ތެރެއިން ނެގެން ހުރި މި މީޑިއާމްގެ އެންމެ ކުޅަދާނަ އެކަކެވެ.

ވަރަށް ކުޑައިރުން ފެށިގެން ކުރެހުމަށް ލޯބިޖެހިފައިވީ ނަމަވެސް ބާޗީ ބުނާ ގޮތުން ނަމަ ކުރެހުމާއި ކުލަ އާއި ދެލީގެ ތެރެއަށް އޭނާގެ ހިތް ބަންޑުންވީ ކޮލަމްބޯގައި ކިޔަވަން ގޮސް އުޅުނު ދުވަސްވަރެވެ. އެއީ 90ގެ ފަހުކޮޅެވެ. ކުރެހުމުގެ އެކި މީޑިއަމްތަކަށް ހިތްޖެހި އެ ހުނަރުތައް ދަސްކުރުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދިގެން އެނބުރި މާލެ އައިއިރު އޭނާ އަށް ފެނުނީ އާޓަށް އެއްވެސް ލޯތްބެއް އިހްތިރާމެއް ނެތް އުފަން ރަށެކެވެ. އެހިސާބުން ގޮސް އޭނާ ވަޒީފާ އަދާކުރަން ފެށީ ރޭޑިއޯ މޯލްޑިވްސްގައި ސައުންޑް ހަދައިދޭ މީހެއްގެ ވަޒީފާއެވެ. ވިއްސަކަށް އަހަރުގެ ބާޗީ އަށް އެކަން މާ ޝައުގުވެރި ކަމަށް ނުވެ ދެން ގޮސް ގުޅުނީ އޭރުގެ އެއާ މޯލްޑިވްސްގެ ކެބިން ސާވިސް ޑިޕާޓްމަންޓާއެވެ. އޭރު ވެސް އޭނާ ކުރަހައެވެ. އެކަމަކު ހޮބީއަކަށެވެ. އެހެން އުޅެނިކޮށް އޭނާގެ މައިބަދައަށް ޖެހުނު ބައްޔަކާ ގުޅިގެން ނުހިނގި، ފުރޮޅުލީ ގޮނޑިއަކަށް ތިރިވެ އަހަރެއްހާ ދުވަސް އެގޮތުގައި ހޭދަކުރަން މަޖުބޫރުވި ދުވަސްވަރަކީ ބާޗީގެ ބޮލުތެރޭގައި ފިލައި އޮތް އާޓިސްޓު ހޭލައިގެން ނުކުމެ އޭނާ ގޮވައިގެން ދުއްވައިގަތް ހިސާބެވެ. ފުރޮޅުލީގޮނޑިއެއްގައި ގާތްގަނޑަކަށް އަށް މަސް ހޭދަކުރިއިރު ބާޗީ ބުނަނީ ކުރެހުން ވެގެންދިޔައީ އޭނާ އަށް ލިބުނު އެންމެ ބޮޑު އެއް ތެރަޕީ އަށް ކަމަށެވެ.

އަލުން އަނެއްކާވެސް ހިނގެން ފެށިއިރު ބާޗީ އަކީ ކުރިއަށްވުރެން ތަޖުރިބާކާއި ހުނަރު ވެސް ލިބިހުރި ކުރެހުންތެރިއެކެވެ. ނަމަވެސް އާޓިސްޓެއްގެ ގޮތުގައި އާންމުންގެ ތެރެއަށް ނުކުންނަން އޭނާ ބޭނުންވީ އާޓިސްޓެކޭ ބުނާވަރުގެ މަސައްކަތްތަކެއް ހިފައިގެންނެވެ. އެކަން ކާމިޔާބުކުރަން ހައެއްކަ އަހަރު އާޓްގެ އެކި މީޑިއަމްތައް އެކްސްޕެރިމަންޓް ކުރުމަށް ފަހު އޭނާ ނުކުމެގެން އައީ ކޮންޓެމްޕޮރަރީ އެބްސްޓްރެކްޓް އާޓިސްޓެއްގެ ގޮތުގަ އެވެ. އާންމުކޮށް ދައްކާލި ބާޗީގެ ފުރަތަމަ އެގްޒިބިޝަނަކީ މިދިޔަ އަހަރު މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީއާ ގުޅިގެން ބޭއްވި އެންވެއިލިން ވިޝަން އެގްޒިބިޝަނެވެ. އޭގެ ފަހުން އެނިގްމާގެ ނަމުގައި ބޭއްވި ބޮޑު ސޯލޯ އެގްޒިބިޝަނަކީ އޭނާގެ އަސްލު ބްރޭކްއައުޓެވެ.

1- ތިމަންނަ ވާނީ އާޓިސްޓަކަށޭ، މިހެން ހިތަށް އަރައި އެގޮތަށް ނިންމި ހިސާބަކީ ކޮބައިތަ؟

ބާޗީ: އެއީ ލެކިއުޓުގައި ފުރަތަމަ ސޯލޯ އެގްޒިބިޝަން ބާއްވަން އުޅުނު ދުވަސްކޮޅު. އެއީ މިދިޔަ އަހަރު. އޭރު ޑިސައިޑުކުރީ. އެކަމަކު ކުރިން ވެސް ހިތަށް އަރާ މިކަމުން އިންކަމްއެއް ޖެނެރޭޓުވާނެބާވައޭ. ކުރިން ކުރެހީ ސައިޑަކުން ކުދިކުދި އެހެން ވިޔަފާރި ވެސް ކުރަމުން. އެކަމަކު އެގްޒިބިޝަނަށް ފަހު ލިބުނު ސަޕޯޓާއި ފީޑްބެކަށް ފަހު ނިންމީ މިކަަމަށް ހުސްވާން. ހިތަށް އެރީ އަހަންނަށް މިކަން މިގޮތަށް ކުރެވިދާނެއޭ.

2- ފުލްޓައިމް އާޓިސްޓަކަށް ވުމަކީ ކިހާ ވަރެއްގެ ރިސްކެއްތަ؟ ވަކިން ހާއްސަކޮށް ރާއްޖެ ކަހަލަ ތަނެއްގައި ނަމަ؟

ބާޗީ: ފަށައިގަންނައިރު ވަރަށް ބޮޑު ރިސްކެއް، މިސާލަކަށް އިންކަމްއެއް ލިބޭނެ އެހެން ގޮތެއް ނެތިއްޔާމު. ބޮޑެތި ޕްރޮޖެކްޓްތަކެއް ނުލިބި އެހެން އުޅެންޖެހިއްޖެ ނަމަ. އެކަމަކު މަސައްކަތްކޮށްގެން ޕްރޮމޯޓްކޮށްގެން އަމިއްލަ އަށް ރަނގަޅު އިންކަމްއެއް ލިބޭ ހިސާބަކަށް ގެންދެވިދާނެ، ކުރިއާ އަޅާ ބަލާއިރު ދިވެހިން އާޓު ވެލިއުކުރާ މިންވަރު ބޮޑުވެ ތަފާތުވެއްޖެ މިހާރު. އެބްސްޓްރެކްޓް އާޓަށް ވެސް އޮތް ޑިމާންޑް މިހާރު ވަރަށް ބޮޑުކަމަށް ފާހަގަކުރެވޭ. އެހެންވީމަ އާޓިސްޓަކަށް ވުމަކީ މިހާރު އެހާ ރިސްކުބޮޑު ކަމެކޭ ނުބުނާނަން. ބުރަކޮށް މަސައްކަތްކުރާ ނަމަ މިކަން ކުރެވޭނެ.

3- އަހަރެމެންނަށް ކިޔައިދީބަލަ ބާޗީގެ ސްޓައިލް؟

ބާޗީ: މިހާރު މި ގެންގުޅޭ ސްޓައިލަކީ އެބްސްޓްރެކްޓް އާޓްގެ ވައްތަރެއް. އެކްރެލިކް ކުލަތަކާއި ތަފާތު އެކި ކަހަލަ ކެމިކަލްސް މިކްސްކޮށްގެން ވަރަށް ގިނަ ވަގުތު ނަގައިގެން އުފައްދާ އާޓްތަކެއް ބާޗީ މިހާރު ދައްކަމުން އަންނަނީ. އާދައިގެ ކުރެހުމަކަށްވުރެން ރިސްކުވެސް ބޮޑު މި ޕްރޮސެސްގައި. މިސާލަކަށް ކުލައިން އުފައްދަން ބޭނުންވާ ޕެޓާންސްތައް އެގޮތަކަށް ނުގޮސްފި ނަމަ ނުވަތަ ހިކެން ޖެހޭ ގޮތަކަށް ނުހިކެއްޖެ ނަމަ މައްސަލަ ދިމާވާނެ. މި ސްޓައިލްގައި ކުލަ ގިނަވުމުން އޭގެ އަގުބޮޑުވެފައި ކެމިކަލާ މިކްސްކުރާތީ މި ފުލުއިޑް އާޓު އުފައްދަން ކުރަން ޖެހޭ ހޭދަ ވެސް ވަރަށް ބޮޑުވޭ އަސްލު.

4- އެބްސްޓްރެކްޓް އާޓަށް ހިތްޖެހުނު ގޮތް ކިޔައިދީބަލަ؟

ބާޗީ: އެއީ މީގެ ގާތްގަނޑަކަށް ހަތް އަހަރު ކުރިން. އެއީ ބޮޑު ހިތި ރިސޯޓުގެ ކޮޓަރިތަކުގައި ކުރަހަން ލިބުނު ޕްރޮޖެކްޓެއްގައި އެމީހުން ބޭނުންވީ އާންމުކޮށް މި ފެންނަ ދިވެހިންގެ ކަނޑުއަޑީގެ މަންޒަރުގެ ބަދަލުގައި އެބްސްޓްރެކްޓް އާޓު ގެނެސްދޭން. އެހިސާބުން އަންޑަވޯޑާ މަންޒަރުތައް ދޫކޮށްލާފައި ދިރާސާކޮށް އެބްސްޓްރެކްޓް އާޓު ފެށުނީ. ދެންވީގޮތަކީ އެ މަސައްްކަތުގައި އުޅެނިކޮށް އެބްސްޓްރެކްޓަށް ބާޗީ ވެސް މާ ބޮޑަށް ލޯބިޖެހުނީ. އެ އާޓުވީ އަމިއްލަ އަށް ވެސް މާ ކަމުދިޔަ އަދި މާ ކްރިއޭޓިވް ކަމަށް ގަބޫލުކުރެވުނު ވައްތަރެއްގެ އާޓަކަށް.

5- ބާޗީގެ ކުރެހުމެއްގައި މުޅި އެ ކްރިއޭޓިވް ޕްރޮސެސް ފެށިގެން ކުރިއަށްދާ ގޮތް ކިޔައިދީބަލަ؟

ބާޗީ: އަނެއްހެން މާ ބޮޑު ޕްރޮސެސްއެއް ނީންނާނެ. ތައްޔާރުވާން، ކުރަހާ ހެދުންތަކާއި މާސްކުތައް އަޅައިގެން ފެށުން އޮންނާނީ. ދެން ކުލަހަދަން ވަގުތު ނަގާނީ. އެއަށް ފަހު ކެންވަސް އަށް އެކުލަތައް އަޅަމުން ޕެލެޓު ނައިފުން ކޮން ދިމާލަކަށްކަން އެ ކުލަތައް ގެންދާނީ އެނގޭނީ ވެސް އެހިސާބުން. ސީދާ އެވަގުތުން ވަގުތަށް ކުރިއަށް ގެންދާ ކަމެއް އެއީ. ވަކި ދުރާލާ ރާވައިގެން ކުރާ ކަމެއް ނޫން އެއީކީ.

6- ގަބޫލުކުރޭވެތަ މިއީއޭ ބާޗީ އަށް އެންމެ ރަނގަޅު މީޑިއަމްއަކީ މިހާރު؟

ބާޗީ: އެގޮތަށް ގަބޫލުކުރެވޭ. ވަރަށް ބޮޑު ކާމިޔާބީއެއް މި ސްޓައިލް އަކީ ބާޗީ އަށް. މިހާރު ވެސް އެގްޒިބިޝަނަކަށް ތައްޔާރުވަމުން މިދަނީ. އަނެއްކޮޅުން ވަރަށް ގިނަ އޯޑާސް ވެސް ލިބޭ.

7- އާޓިސްޓެއްގެ ގޮތުގައި އެތައް ކުލައަކުން އެކި ވައްތަރުތަކުގެ މަސައްކަތްކުރަމުން އަންނައިރު ކޮބައިތަ އަލްޓިމޭޓް ގޯލަކީ ނުވަތަ އަމިއްލަ އާޓު މެދުވެރިކޮށް ދޭން ބޭނުންވާ މެސެޖަކީ؟

ބާޗީ: ބޭނުންވަނީ މި އާޓުން ލިބޭ އިންކަމްއަކުން އިޖުތިމާއީ ކޮންމެ ވެސް ކަމެއް ކުރަން. މުޖުތަމައަށް، އާންމުންނަށް ފައިދާކުރާނެ އާޓް ޕްރޮޖެކްޓްތަކެއް ހިންގުން އެންމެ ބޮޑު އަމާޒަކީ. މިދިޔަ އަހަރު އަޅުގަނޑު އެނިގްމާގެ ނަމުގައި ބޭއްވި އެގްޒިބިޝަނީ ކެންސާ ސޮސައިޓީ އަށް ހަދިޔާކުރި މަސައްކަތެއް. އެގޮތަށްވީހާ ވެސް ގިނަ ޕްރޮޖްކެޓްތަކެއް ހިންގަން ބޭނުންވަނީ މުޖުތަމައަށް އޭގެ ފައިދާކުރާނެ ގޮތަކަށް. މިދިޔަ ޑިސެމްބަރު މަހު ފިލިޕީންސްގައި ބޭއްވި ބާޗީގެ އެގްޒިބިޝަނަކީ އޭގެ ވަރަށް ބޮޑު ބައެއް ޔަތީމުކުދިންނަށް އެހީވާން އެއްބަސްވެގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް.

8- ކުރެހުމެއް ނިންމައި، ފްރޭމްކޮށް، އޭތި ވިއްކާލާ އަގު ކަނޑައަޅާ ގޮތާއި ވިއްކާލާ ކުރެހުން ހިފައިގެން އެހެން މީހަކު ދިއުމާއި އޭގެ އަގު ލިބޭ ވަގުތު ހިތަށް އަރަނީ ކީކޭތަ؟

ބާޗީ: އާ އެޕާޓްމަންާޓެއް ހަދާ މީހަކު ޕެއިންޓިން އަކަށް 10،000 ނުވަތަ 15،000 ހޭދަކުރަން ބޭނުންނުވެދާނެ. އެހެންވީމަ އަބަދުވެސް ކްލައިންޓުން ގާތު އަހަން ކޮބައިތޯ އެމީހުންގެ ބަޖެޓަކީ. ދެން އެމީހުން ބަޖެޓެއް ދިނީމަ އެ ބަޖެޓެއްގެ ތެރެއިން އެޖަސްޓްކުރަމުން ދަނީ. އެ ކުރެހުމަކަށް ކުލައަޅާ ވަރާއި ކުލަ ބޭނުންކުރާ ވަރާއި ޕެއިންޓިންގެ ސައިޒާއި އެ ހުރިހާ އެއްޗަކަށް ބަލައިގެން އަގު ކަނޑައަޅަނީ. ދެން ބައެއް ފަހަރަށް ހުރޭ ކިތަންމެ އަގުުބޮޑުކޮށް ދޫކޮށްލަން ބޭނުންނުވާ ކުރެހުންތައް ވެސް. އެކަހަލަ ކުރެހުން ދޫކޮށްލަން ޖެހުމަކީ ވަރަށް ދެރަވާ ކަމެއް.

9- ނެގެޓިވް ފާޑުކިޔުން ބަލައިގަންނަ ގޮތް ކިޔައިދީބަލަ؟

ބާޗީ: އެނިގްމާ އެގްޒިބިޝަންގައި އަޅުގަނޑު ބެެހެއްޓިން ބެލުންތެރިން އައިސް އެމީހުންގެ ހިޔާލު ފާޅުކުރަން ދެ ކެންވަސް. އޭގައި ވަރަށް ގިނަ މީހުން ހިޔާލު ފާޅުކޮށްފައި ހުރި. ވަރަށް ރަނގަޅު ކޮމެންޓްސް ވެސް ހުރި. މިހާތަނަށް ފެނުނު އެންމެ ހަޑި ކުރެހުންތަކޭ ވެސް ބުނެފައި ހުރި. އެކަމަކު އަދިވެސް އޭގައި ހުރި ނެގެޓިވް ކޮމެންޓްސްތަކާ އެކުވެސް އެ ކެންވަސްތައް ހުންނާނެ އަދިވެސް އަޅުގަނޑުގެ އަތުގައި. އަޅުގަނޑު ގަބޫލުކުރަން އެންމެނަށް ރީތިނުވެދާނެކަން. އެންމެނަށް އަންޑަސްޓޭންޑްނުވެދާނެކަން ވެސް. ނެގެޓިވް ކޮމެންޓްސް ލިބިގެން އެބަހުރި ބާޗީގެ ކުރެހުންތަކަށް ކުރިއެރުން ވެސް ލިބިފައި.

10- ކުރަހަން އާންމުކޮށް އެހާ ގިނަ ވަގުތު ނަގާއިރު ކޮން ވަގުތުތަކެއްގައިތަ މަސައްކަތްކުރަނީ؟ ދުވާލަކަށް ކިހާ ވަގުތެއް ހޭދަކުރަންތަ ކުރެހުމުގައި؟

ބާޗީ: މިސާލަކަށް އެންމެފަހުން ނިންމި ޕްރޮޖެކްޓްގައި ހުންނާނެ ރޭގަނޑު 11 ޖަހާއިރު ފަށާގޮތަށް ހެނދުނު ހައެއް ޖަހަން ދެން ވެސް މަސައްކަތްކޮށްފައި. އެކަމަކު އެންމެ ކުރެހުމަކަށް އެހާ ވަގުތެއް ނުނަގާނެ. ވަގުތު ނަގާނީ ބޮޑަށް އެ ކުރެހުމަކަށް ބޭނުންވާ ގޮތަށް ކުލަ ތައްޔާރުކުރަން. ދަންވަރު ގަޑީގައި މަސައްކަތްކުރަނީ ބޮޑަށް އެއީ ދުވާލު ނަމަ މީހުން ފޯނަށް ގުޅާނެ، ތަނަކަށް ބޭރަށް ދާން ޖެހިދާނެ. ބާޗީގެ މި ކުރެހުންތަކަކީ ފަށައިފި ނަމަ ދޫކޮށްލާފައި އެހާ ފަސޭހައިން ބޭރަށް ދެވޭ ކަހަލަ ކުރެހުންތަކެއް ވެސް ނޫން.

11- ރާއްޖޭގައި އާޓިސްޓަކަށްވެ މަސައްކަތްކުރާއިރު ހުރި ގޮންޖެހުންތައް އަދި ބަދަލުވާން ބޭނުންވާ ކަންކަމަކީ ކޮބައިތަ؟

ބާޗީ: މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ވަރަށް ބޮޑަށް އެހީވޭ ދިވެހި އާޓިސްޓުންނަށް. ކޮންމެ މަހަކު އެކި އާޓިސްޓުންނަށް ފުރުސަތު ދެމުން އެ ދަނީ. އެކަމަކު ސޯލޯ އެގްޒިބިޝަންތަކަށް މިގޮތަށްދާއިރު މިހާރު އެންމެ ބޮޑު ހުރަކަށް ފާހަގަކޮށްލެވެނީ އާޓް ގެލަރީގެ އަގު. އެގްޒިބިޝަނެއް ބާއްވަން ބޭނުން ނަމަ އާޓު ގެލަރީ އަށް ދައްކަން ޖެހޭ އަގު ދިވެހި އާޓިސްޓުންނަށް އަދިވެސް މާ ބޮޑީ. އާޓަށް އެހާ ބޮޑު ތަރުހީބެއް ނެތްއިރު އަދި ވިއްކާލެވޭނެ ކަމުގެ ޔަގީންކަމެއް ނެތްއިރު ބޮޑު އަގެއް ދީފައި އެގްޒިބިޓްކުރަން ޖެހުން ވަނީ ވަރަށް ބޮޑު ރިސްކަކަށް. އެހެންވީމަ ބުނެވޭނީ ރަސްމީ ސިފައެއްގައި މާ ބޮޑަކަށް އާޓިސްޓުންނާ މެދު ވިސްނާފައެއް ނެތޭ.

އާޓިސްޓް ދޯ މަޖައްލާ

Popular