By: Shamila Ibrahim
ދުންފަތުގެ އިސްތިއުމާލު ކުރުމުން ސިއްހަތަށް ގެއްލުންވާކަން ވެސް އެންމެންނަށް އެނގެ އެވެ. އެކަމަކު އެ ނުބައި އާދަ ހުއްޓާލަން ބައެއް މީހުންނަށް މި އުޅެނީ ވަރަށް އުނދަގޫ ކަމަކަށް ވެގެންނެވެ. އެކަމަކު، ތިމާ މީހާ ސިނގިރެޓް ބޮއެ ދުން އަރުވާ އިރު އެހެން މީހުންނަށް ބަލައިލައިގެން އުޅެންވެއްޖެ އެވެ.
ކައިރީގައި ހުންނަ މީހާ ނުވަތަ ތިބި މީހުންނަކީ ދުންފަތުގެ ދުމުގެ ތެރެއަށް ނޭވާލާން ބޭނުން ނުވާ މީހުންނަށް ވެދާނެ އެވެ. އޭގެ ތެރޭގައި ބަލި މީހުން ވެސް ތިބުން އެކަށީގެންވެ އެވެ. އެކަމަކު އަހަރެމެންނަށް ގިނައިން މި ފެންނަނީ ތިމާ މީހާ ބުރުވާލާ ދުންގަނޑުގެ ތެރޭގައި، އެ ނުބޮއެ އިންނަ މީހާގެ ނުފެންނަރުވަރު ކޮށްލާ ތަނެވެ.
މަނާ ތަންތަނުގައި ބުއިން ވަރަށް ގޯސް
ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކެފޭ ފަދަ ތަންތަނަށް ދާ އެތައް ބަޔަކީ ދުންފަތުގެ ދުމުން ރައްކާތެރިވެ ތިބެން ބޭނުންވެގެން އެ ތަންތަނަށް ދާ މީހުންނެވެ. މިކަން އެނގެނީ އެފަދަ ތަންތަނަށް ދާ ގިނަ މީހުން ކުޑަކުދިން ވެސް ގޮވައިގެން ދާތީ އެވެ. އާއިލާތައް އެއްކޮށެވެ. އެކަމަކު ޖެހިގެން ހުންނަ މޭޒުގައި ތިބޭ މީހުން ވިހަ ދުން ބުރުވީމާ އެއީ ކިހާ ނާތަހުޒީބު ކަމެއް ހެއްޔެވެ؟
ކުޑަކުދިން ތިބޭ ނަމަ އަދި މާ ގޯސް
ކުޑަކުދިން ގޮސް އުޅޭ ތަނެއްގައި ނުވަތަ، ކުޑަކުދިން ގޮވައިގެން ގިނަ ބަޔަކު ތިބި ތަނެއް ނަމަ އެތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކިރިޔާ ވެސް ތަންދޮރު ދަންނަ މީހަކު ކުރާނެ ކަމެއް ނޫނެވެ. ދުމުގެ ނުރައްކަލުގެ ތެރެއަށް އެ ކުދިން ހުށަހެޅުމުގެ އިތުރުން އެ ކުދިންނަށް ތިޔަ ދެއްކެނީ ހާދަ ނުބައި ނަމޫނާއެކެވެ.
އެހެން މީހުންގެ އިޒުނަ ހޯދުން؛ ރީތި އާދައެއް
ސިނގިރެޓް ބުއިމަކީ ރީތި ކަމަކަށް ނުވިޔަސް އެންމެ ކުޑަމިނުން، އެކަން ކުރާ ނަމަ ތިމާ މީހާގެ ކައިރީގައި ތިބި މީހުންނަށް އެކަމުން އުނދަގޫވޭތޯ އަހާލަންވާނެ އެވެ. އެއީ، ދުންފަތުގެ ދުމުން ސިއްހީ އެހެން މައްސަލައެއް ބޮޑުވާ މީހަކު ވެސް ހުރެދާނެތީ އެވެ.
ދެން ބުނާނީ މިހެންނެވެ. ދުން އަރާތީ އުނދަގޫވެގެން އެ ވާހަކަ ބުނެފި މީހަކާ ދިމާލަށް، ގޭގައި އޮތް ނަމަ އުނދަގުލެއް ނުވާނޭ ބުނާނެކަން ޔަގީނެވެ. އެއީ، މަނާ، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރީތި މޮޅު ކަމަކަށް ހަދައިގެން އުޅޭ މީހާ އެހެން މީހަކާ ދިމާލަށް އެހާ ހުތުރުކޮށް ރައްދު ދިނުމަކީ ހަމަ އާދައިގެ ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭތީ އެވެ. އެކަމަކު ބުނަންހެއްޔެވެ؟ ތިޔަ އަރުވާ ދުމުގެ ގެއްލުން ތިމާގެ އަމިއްލަ އާއިލާ އާއި އަނބިދަރިންނަށް ދޭން ބޭނުން ނުވާ ފަދައިން އެހެން މީހުން ވެސް ބޭނުމެއް ނުވާނެ އެވެ. އެހެން ނޫނަސް، ރައްކާތެރިކަން ލިބިގަތުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ. ތިހެން ބުނާ މީހާ ވެސް ގޭގައި އޮވެެގެން ބޯންވީނުންހެއްޔެވެ؟