23 Feb 2021

By: Ifraz Ali

ކޮވިޑްގެ ތިން ވަނަ ބޮޑު ރާޅު ތެރޭ ފަތަން ޖެހިފައިވާ މި ދުވަސްވަރު ވެޑިން ޕާޓީއެއް ބޭއްވުން އެއީ ކުރެވޭނެ މޮޔަކަމަކަށް ނޫނީ ނުވާނެ އެވެ. އެހެންވެ އެކަން އޮތީ ވެސް މަނާކޮށްފަ އެވެ. އެހާ ދުވަހު އިންތިޒާރުކޮށް، ހަޔާތުގައި އަންނަ އެންމެ މުހިންމު މި ދުވަސް، ބޭނުންވާ ގޮތަށް ފާހަގަ ނުކުރެވިއްޖެ ނަމަ ވަރަށް ދެރަވާނެކަން ވެސް އެނގެ އެވެ. އެކަމަކު މިހާރު ހާލަތު އޮތް ގޮތުން އެންމެ ރަނގަޅު ވާނީ މި ނޫން އެހެން އިހުތިޔާރެއް ހޯދުމެވެ. މި ހާލަތުން އަރައިގަނެވުނީމާ، ފަހުން ބޮޑު ޕާޓީއެއް ބޭއްވުމަކީ ވެސް އިހްތިޔާރަކަށް ހެދިދާނެ އެވެ.

މި ކިޔައިދެނީ ބޮޑު ޕާޓީއެއް ނުބޭއްވިޔަސް، ކައިވެނީގެ އުފާ ފާހަގަކުރެވިދާނެ ތަފާތު ފަސް ގޮތެކެވެ. އަދި މި ވަގުތަށް ފެންނަ އެންމެ ރަނގަޅު އިހުތިޔާރުތަކެވެ؛

1. "މިނީމޮނީ"އެއް ބޭއްވުން

"މިނީމޮނީ" ކިޔަނީ ކައިވެނިކުރާ ދެޗމީހުންނާއި އެ ދެ މީހުންނާ އެންމެ ގާތް މީހުން އެއްވެގެން ބާއްވާ ކުޑަ ހަފުލާއަކަށެވެ. ކޮވިޑް ފެތުރުނު ފަހުން، މިއީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް، ކައިވެނިކުރާ މީހުން ކައިވެނީގެ ހަފުލާ ބާއްވާ ގޮތެކެވެ. މި ކުޑަ ހަފުލާގައި ބައިވެރިވާނީ ގިނަވެގެން 10 މީހުންނެވެ. އެކަމަކު ކޮވިޑުން ރައްކާތެރިވުމަށް އަމަލުކުރަން ކަނޑައަޅައިފައި އޮންނަ ގަވާއިދުގައި ބުނާ ގޮތަށް ސޯޝަލް ޑިސްޓެންސިން ބަހައްޓައި، މާސްކް އަޅަންޖެހޭނެ އެވެ. އެޗްޕީއޭ އިން ވެސް މި ފަހުން ވަނީ 10 މީހުނަށް ވުރެ ގިނައިން އެއްފަހަރާ އެއްވެގެން އުޅުން މަނާކޮށްފަ އެވެ.

އެހެންވީމާ، ކަވެނިކުރާ ދުވަހު ތިމާ އެންމެ ލޯބިވާ މީހުން ކައިރީގައި ތިބެ، އެ ދުވަސް ފާހަގަކުރަން ބޭނުންވާ ނަމަ، މިވެސް ރަނގަޅު ގޮތެކެވެ.

2. ރަނގަޅު ހަދިޔާއެއް ގަތުން

ވެޑިން ޕާޓީއެއް ބޭއްވުމަކީ ބޮޑު ހަރަދެކެވެ. މި ކަހަލަ އަތްމަތި ދަތި ދުވަސްވަރެއްގައި އެވަރުގެ ބޮޑު ހަރަދެއް ކުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް ރަނގަޅު ހަދިޔާއެއް ގަނެދެވިދާނެ އެވެ. އަދި ދެ މީހުން އެކީގައި ހޭދަކުރަން އޮތް ދިރިއުޅުމުގެ ކުރިމަގަށް ވިސްނައިފައި އެ ފައިސާ، މާ މުހިންމު އެހެން ކަމަކަށް ވެސް ބޭނުންކުރެވިދާނެ އެވެ.

ފޮޓޯ: ކުރަހާ ރާއްޕެ

3. ޚާއްސަ ޑިނާއެއް

ތަފާތު ވައްތަރުގެ މީރު ކާ އެއްޗެހި ވިއްކާ ހާސް ޕޭޖު، އިންސްޓަގްރާމް ހުޅުވާލުމުން ފެންނާނެ އެވެ. ބޭނުން ކޮންމެ އެއްޗެއް ލިބެ އެވެ. ޕާޓީއެއް ނުބޭއްވުނަސް، ކައިވެނިކުރާ ދުވަހު ރަނގަޅު ކެއުމެއް ކާލަން ބޭނުން ނަމަ ގޭގައި ދެމީހުނަށް "ޚާއްސަ ޑިނާއެއް" ބާއްވަންވީ އެވެ. އަދި މިހާރު ޓްރެންޑުވާ، ސަޕޯޓް ލޯކަލް ބިޒްނަސަސްގައި ވެސް އޭރު ބައިވެރިވެވުނީ އެވެ. އަދި ގޭގައި ނޫން ނަމަ، ރަނގަޅު ރެސްޓޯރެންޓަކަށް ގޮސް ވެސް ކެވިދާނެ އެވެ.

4. ގާތް މީހުންނަށް ހަދިޔާއެއް

ޕާޓީ ބާއްވަނީ ކައިވެނީގެ އުފަލުގައި އެންމެނަށް ސައިފޮދެއް ނުވަތަ ކެއުމެއް ދިނުމަށެވެ. އެހެންވެ، ތިމާއާ އެންމެ ގާތް މީހުންނަށް، ކައިވެނިކުރާ ދުވަހު، ހަދިޔާއެއްގެ ގޮތުގައި ކާ އެއްޗެހި ބަންދުކޮށްފައި ވެސް ފޮނުވިދާނެ އެވެ. ނުވަތަ ހަދިޔާއެއްގެ ގޮތުގައި އެހެން އެއްޗެއް ވެސް ފޮނުވިދާނެ އެވެ.

4. ކަޕުލް ފޮޓޯޝޫޓެއް ޖެއްސުން

ބޭރު ބައެއް ގައުމުތަކުގައި މިހާރު ކައިވެނީގެ ސައިބާ ފޮޓޯޝޫޓްތައް ވަރަށް އާންމެވެ. ސައިބާ ފޮޓޯޝޫޓަކީ ފޮޓޯގުރާފަރުން ލައްވާ އޮންލައިންކޮށް ޖައްސާ ފޮޓޯޝޫޓުތަކެވެ. ރާއްޖޭގައި މިކަން އަދި ކޮށްދޭ ކަމެއް ނޭނގެ އެވެ. ސައިބާ ފޮޓޯޝޫޓެއް ނޫނަސް، އައުޓްޑޯ ތަނެއްގައި ކަޕުލް އެކަނި ފޮޓޯޝޫޓެއް ބޭއްވިދާނެ އެވެ. އާއިލާ މީހުންނާއި ރައްޓެހިން ބައިވެރިނުކޮށް، ހަމައެކަނި ކައިވެނިކުރާ ދެމީހުންގެ ފޮޓޯޝޫޓެކެވެ.

ފޮޓޯ: ޝައްފަ ޝިޔާޒް

ކައިވެނިކުރާ ދުވަހު ރީތި ވެޑިން ޑްރެސްއެއް ލުމަކީ ވަރަށް ގިނަ އަންހެން ކުދިން ހުވަފެނެކެވެ. އެހެންވެ، މިއީ ޕާޓީއެއް ނުބޭއްވިޔަސް އެ އުފާ ހޯދޭނެ އެންމެ ރަނގަޅު ގޮތަށް ވެސް ވެދާނެ އެވެ.

5. އާއިލާއާ އެކު ވީޑިއޯ ކޯލް

އާއިލާގެ ގިނަ މީހުންނާ އެކު މި ޚާއްސަ ދުވަސް ފާހަގަކުރަން ބޭނުންވާ ނަމަ، އެންމެ ރަނގަޅު ގޮތަކަށް ފެންނަނީ ވީޑިއޯ ކޯލެއް ކުރުމެވެ. ޒޫމް ކަހަލަ އެޕްއަކުން އެއް ފަހަރާ 100 މީހުނަށް ގުޅޭނެ އެވެ.

ކައިވެނި ހަފްލާ ކައިވެނި ޕާޓީ

Popular