7 Jun 2021

By: Ahmed Jaishan

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރި ލޮކްޑައުންއަކަށް ގޮސް ބަންދުވެފައި ތިބެންޖެހުމުގެ ސަބަބުން ރަނގަޅަށް ދިމާވި އެއް ކަމަކީ ދިވެހިންގެ ހުނަރުވެރިކަން ފެނުމެވެ. އަދި އެ ހުނަރުތަކުގެ އެހީގައި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން މަންޒަރު ވެސް ފެނުނެވެ. އޭގެތެރެއިން ލޮކްޑައުންގައި އުފަންވި އެއް ކަމަކީ ޝިމާނީ ޝަރީފް، ކުޑަކުދީންނަށް އަމާޒުކޮށްގެން ފެށި އޮންލައިން އާޓް ކްލާހެވެ..

ރާއްޖޭގައި އޮންލައިން އާޓް ކްލާސްތައް ހިންގަން ޝިމާނީ ފެށި ކުންފުނި ކްރިއޭޓިވް ޖޫސްއާ އެކު ކުޑަކުދިންނަށް އާޓް ކްލާސް ނަގައިދިނުމުގެ މަސައްކަތް ވައިގައި ހިފީ ހީވެސް ނުކުރާހާ ބާރަށެވެ.

އާޓިސްޓް އަދި އިލަސްޓްރޭޓާ ޝިމާނީ ބުނި ގޮތުގައި ޕެއިންޓްކޮށް ކުރެހުމަށް އޭނާ ވަރަށް ބޮޑަށް ލޯބިކުރެއެވެ. އަދި އެ ހުނަރު ބޭނުންކޮށްގެން ކެރިއަރެއް ފެށުމަށް އަބަދުވެސް ހުވަފެން ދެކެމުން ދިޔަ ކަމަށްވެސް ޝިމާނީ ބުންޏެވެ.

ޝިމާނީ އާޓްވޯކް އެއްގެ މަސައްކަތް ކުރަނީ

އުމުރުން 32 އަހަރުގެ ޝިމާނީއަށް އެ ހުނަރު ބޭނުންކޮށްގެން މީގެކުރީން ކެރިއަރެއް ފަށަން އޮތީ ވަގުތުގެ ދަތިކަމެވެ. ކްރިއޭޓިވް ހުނަރު ބޭނުންކޮށްގެން އަމިއްލަ ކެރިއަރެއް ފެށޭނެ ގޮތެއް އޭރު ނުވި އެވެ. އޭނާ އަބަދުވެސް އެދިގެން ހުރީ ހުރިހާ އުމުރަކަށް ކްރިއޭޓިވް ގޮތެއްގައި ޝުއޫރުތައް ފާޅުކުރެވޭނެ ޕްލެޓްފޯމެއް ހަދާށެވެ.

ދެން އައީ މިދިޔަ އަހަރުގެ ލޮކްޑައުން އެވެ. އެއާ އެކު ކުރިން އުޅުނު ބިޒީ ދިރިއުޅުން ހުއްޓުމަކަށް އައިސް، ޝިމާނީއަށް ހުސް ވަގުތު ލިބެން ފެށި އެވެ. އެންމެ ފުރަތަމަ ހުސްވަގުތުގެ ބޭނުންކުރީ ޝިމާނީގެ ދެ ދަރިންނާ އެކު ކުރަހައި ޕެއިންޓްކުރުމުގަ އެވެ.

ޝިމާނީގެ އާޓް ކްލާހެއްގައި ކުއްޖަކު ކުލަ ޖައްސަނީ

"ދެން އަސްލު މިހާ ހިސާބުން ހަމަ އިތުރަށް ގަބޫލުކުރެވެން ފެށުނީ ކްރިއޭޓިވް ހުނަރު ބޭނުންކޮށްގެން އެކަން ކެރިއަރަކަށް ހަދައި އިންވެސްޓުކުރަން ބޭނުންވިކަން،" ޝިމާނީ ބުންޏެވެ.

އެއާ އެކު ކްރިއޭޓިވް ޖޫސް ވުޖޫދަށް އައީ އެވެ. ކްރިއޭޓިވް ޖޫސް އުފެދިގެން އައީ ހުރިހާ އުމުރެއްގެ މީހުންނަށް ކްރިއޭޓިވް ޕްލެޓްފޯމެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ. އޮންލައިން ކްލާސްތައް ފެށިގެން މިހާރު ކުރިއަށް ދާއިރު މިވަގުތު އާޓް ކްލާސްތައް ނަގައިދެނީ ކުޑަކުދިންނަށެވެ.

View this post on Instagram

A post shared by creativejous (@creativejous)

"ކޮންސްޓަންޓްކޮށް އާޓް ކްލާސްތައް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ވީކްލީކޮށް އޮންލައިން ކްލާސްތައް ކުރިއަށް ގެންދާނެ. އާޓް އެޑިއުކޭޝަން އިތުރަށް ތަރައްގީކުރަން ބޭނުންވާ ސްކޫލު ކުދިންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއް،" ޝިމާނީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ ކްލާސްތަކަކީ އާޓާ ގުޅޭ އިތުރު މައުލޫމާތު ލިބި ދަރިވަރުންގެ ހުނަރު އިތުރަށް ވަރުގަދަކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އެ ކްލާސްތައް މިހާރު ކުރިއަށް ގެންދަނީ އުމުރުން ހަތަރު އަހަރާއި 12 އަހަރާ ދެމެދުގެ ކުދީންނަށް ކަމަށް ޝިމާނީ ބުންޏެވެ. އޮންލައިންކޮށް ކްލާހަކަށް އެއްކޮށް އާޓް ނަގައިދިނުމުގެ އިތުރުން ވަން އޮން ވަން އާޓް ކްލާސްވެސް ޝިމާނީ ނަގައިދެ އެވެ.

ޝިމާނީ ކުރިއަށް ގެންދާ އާޓް ކްލާސްތަކުން ކްލާހެއްގެ ތެރެއިން

އޮންލައިން ކްލާސްތަކުގެ ސަބަބުން ކުދިންނަށް އާޓާއި އާޓިސްޓުންގެ ހިސްޓްރީ ދަސްވާނެ ކަމަށް ޝިމާނީ ބުންޏެވެ. އަދި މަޖާ މާހައުލެއްގެ ތެރޭގައި ކުޑަކުދިންނަށް ހުނަރުތައް އިތުރަށް ތަރައްގީ ކުރުމަށް ކްރިއޭޓިވް ޖޫސް މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.

ކުރިއަށް ބޮޑެތި ޕްލޭންތަކެއް!

ކްރިއޭޓިވް ޖޫސް އިން އެންމެ ގަދައަށް ކުރިއަށް ގެންދަނީ ކުޑަކުދީންގެ އާޓް ކްލާހެވެ. އޭގެ އިތުރުން ބޮޑެތި މީހުންނަށް އަމާޒުކޮށްގެން އާޓް ތެރަޕީ ކްލާސްތަކެއް ވެސް ކުރިއަށް ގެންދެ އެވެ. ނަމަވެސް ކޮވިޑާ ހެދި އެ ކްލާސްތައް ވެސް މެދުކަނޑާލަންޖެހުނީ އެވެ.

އޭނާ ކިޔައިދިން ގޮތުގައި ކުރިއަށް އޮތް ތަނުގައި ތަފާތު ގިނަ ޕްލޭންތަކެއް ރާވާފައި އެބަހުއްޓެވެ. އެގޮތުން ކޮވިޑްގެ ސަބަބުން މެދުކަނޑާލާފައިވާ ފޭސް ޓު ފޭސް ކްލާސްތައް ވެސް އަދި ކުރިއަށް އޮތް ތަނުގައި ފަށާނެ އެވެ.

ކްރިއޭޓިވް ޖޫސް މެދުވެރިކޮށް، ޝިމާނީ ބޭނުންވާ އެންމެ ބޮޑު ކަމަކީ ފިޒިކަލް ސްޓޫޑިއޯއެއް ހުޅުވުމެވެ.

ޝިމާނީ ކުރިއަށް ގެންދާ އާޓް ކްލާހެއްގައި ކުލަ ޖައްސަނީ

"މި ސްޓޫޑިއޯއަކީ އާޓަށް ލޯބިކުރާ އަދި ކްރިއޭޓިވް އެންތޫޒިއެސްޓުންނަށް އައިސް އަމިއްލަ ހުނަރުތައް ތަރައްގީ ކުރުމަށް ލިބިގެންދާނެ ސްޕޭސް އެއް،" ޝިމާނީ ބުންޏެވެ.

އަދި އޭގެ އިތުރުން ފުރާވަރު އުމުރުފުރާ އަދި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ފޯކަސް ކްލާސްތަކެއް ފެށުމަކީ ވެސް އޭނާގެ އުންމީދެކެވެ.

View this post on Instagram

A post shared by creativejous (@creativejous)

ކޮންމެއަކަސް ޝިމާނީގެ މަސައްކަތުގެ އެންމެ އުފާވެރި ކަމަކީ އެ މަސައްކަތުގެ ބައިވެރިންނެވެ. ޝިމާނީ ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝިމާނީގެ ކްލާސްތަކުގައި ބައިވެރިވެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރާ ތަން ފެންނާތީ ވަރަށް އުފާވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ކްރިއޭޓިވް ޖޫސް އިތުރަށް ތަރައްގީވެ ގިނަ ހުނަރުވެރިން އުފެދިގެން ދިޔުމަކީ ވަރަށް އުއްމީދު ކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

އާޓިސްޓް

Popular