19 Feb 2025

"1438" ގެ ދެވަނަ މޭޝްއަޕް އަހައި ފޫހިނުވޭ!

"1438" ގެ ދެވަނަ މޭޝްއަޕް އަހައި ފޫހިނުވޭ!

By: Aishath Mihna Nasih

ޝަލަބީގެ "ތިޔަފަރި ރީތި ނަޒަރުން" ފަށައި, އިކޫގެ "ޔާރާ ޔާރާ" އިން ނިމުނު އިރު އެންމެންގެ ހިތް ވެސް އޮތީ "1438" ގެ މި ހުނަރުވެރިންނަށް މާ ބޮޑަށް ވެސް ދެވިފަ އެވެ. މީގެ ދެ ހަފްތާ ކުރިން މި ގްރޫޕުން ނެރުނު ފަސް މިނެޓުގެ މި ދިވެހި ލަވައިގެ މޭޝަޕަށް ތިން ލައްކައަށްވުރެ ގިނަ ވިއުސް ވަނީ މިހާތަނަށް ޔޫޓިއުބުން އެކަނި ވެސް ލިބިފަ އެވެ.

ބޮޑުބެރު ގްރޫޕެއްގެ ގޮތުގައި ފެށުނު "1438" ގެ މިއީ ދެވަނަ މޭޝްއަޕެވެ. އަންހެނުންގެ ދުވަހަށް ނެރުނު މި ގްރޫޕްގެ ފުރަތަމަ މޭޝްއަޕަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.

1438 ގެ ފުރަތަމަ މޭޝްއަޕް --

ގްރޫޕުގެ ފަރާތުން ބުނީ ފުރަތަމަ މޭޝްއަޕަކީ މާ ސީރިއަސްކޮށް ކުރި މަސައްކަތެއް ނޫން ކަމަށެވެ. ނަމަވެސް ލިބުނު ތަރުހީބާއި އަދި ރާއްޖޭގައި މޭޝްއަޕްތައް މަދުވުމުން އިތުރު މޭޝަޕެއް ހަދަން ބޭނުންވީ ކަމަށް ބުންޏެވެ.

މޭޝްއަޕްގައި ކުރީގެ ދިވެހި ނުވަ ލަވައެއް ހިމެނެ އެވެ. ކޮންމެ ލަވައެއް ވެސް އަނެއް ލަވައާ ގުޅެނީ ހިތްގައިމު ގޮތަކަށެވެ. ކޮމްޕޮޮޒިޝަން އެހާމެ ފުރިހަމަ އެވެ. އަދި ހުރިހާ ލަވައެއް ވެސް އެ ލަވަކިޔުންތެރިއެއްގެ އަޑާއި، އަދި އޮރިޖިނަލް އަޑުތަކާ ވެސް އެހާ ގުޅެ އެވެ.

ޝަލަބީ - ތިޔަ ފަރި ރީތި

ޝިނާން - އޭ ހަނދާ އެދެން

މުސްފާހް - އޭ މަލާ ތިޔަ ގޮތަށް ދޭ ހުގާ

އަޖުފާން - ޖިސްމު ނެތިގެން ގޮސް ހަފުސް

ހަމްދާން - ފިޔަ ރީތި ކަމުންނޭ

މެހެފޫޒް- މަސްތުވެއްޖޭ ފެނިފާ މިތުރާ

ހިޝާން - ދީވާނާ އަދު ވިޔޭ

ހުމާމް - ހިތް މޭގާ ތެޅިލައިފިޔޭ

އިކްރާމް - ޔާރާ ޔާރާ

މިއީ ގާތްގަނޑަކަށް ހަތަރު ވަރަކަށް މަހުގެ ގެ މަސައްކަތަކެވެ. ހިތާނީ ސީޒަނާ އެކު މި މަސައްކަތަށް ގިނަ ދުވަސް ނެގިއަސް، ފައިނަލް މަސައްކަތް ފުރިހަމަވެފައި ކޮލިޓީ އެވެ. ގްރޫޕުން ބުނީ މި ލަވަ ލިސްޓަކީ ބައިވަރު ލަވަތަކެއް ނޯޓްކޮށްގެން އެ މީހެއްގެ އަޑާ އެންމެ ގުޅޭހެން ހޮވާފައިވާ ލަވަތަކެއް ކަމަށެވެ.

ލަވަޔާ އެއްވަރަށް ގިނަ ބަޔަކަށް އެންމެ ކަމުދިޔައީ މޭޝްއަޕްގެ ވީޑިއޯ އެވެ.

ގްރޫޕްގެ ފަރާތުން "ދޯ" އަށް ކިޔައިދިން ގޮތުގައި މި ވީޑިއޯގައި ހިމެނެނީ އެންމެ ކަޓެކެވެ. ވީޑިއޯގައި ފެންނަނީ ހުރިހާ ވޯކަލިސްޓުން ތާސްކުޅެން ތިބެެގެން ލަވަކިޔަމުންދާ މަންޒަރެވެ. ވަރަށް ތަފާތެވެ.

1438 ގެ ދެވަނަ މޭޝްއަޕް

"އެޗްޑީސީގެ ގޯޑައުންއެއްތެރޭ ކަރަންޓާއި ލައިޓް އަޅައިގެން ޝޫޓްކުރީ. އެޗްޑީީސީގެ އެހީތެރިކަން ލިބުނު. މިއީ މުޅިން ވެސް ގްރޫޕުގެ އެކި މެންބަރުންގެ މަސައްކަތް" 1438ގެ މެންބަރަކު ބުންޏެވެ.

ލަވައިގެ ކޮމްޕޮޒިޝަނުން ފެށިގެން ކިޔުމާއި، ވީޑިއޯ ނެގުމާއި ޑައިރެކްޝަަނަކީ ވެސް ގްރޫޕުގެ އެކި މެންބަރުންގެ މަސައްކަތެވެ. ލަވަ ކޮމްޕޯޒްކުރީ ހުމާމް އެވެ. ވީޑިއޯ ނެގީ ޝާހު ޝާހިދު އެވެ.

ގާތްގަނޑަކަށް ފަންސާހަކަށް ބައިވެރިން ހިމެނޭ "1438" ބޮޑުބެރު ގްރޫޕު އުފެދުނީ 2016 ގަ އެވެ. މި ގްރޫޕްގައި ގިނައީ ކުރީގެ މަޝްހޫރު ހަބޭސް ބޮޑުބެރު ގްރޫޕުން ވަކިވި މެންބަރުންނެވެ.

ލިބުނު ބޮޑު ތަރުހީބާ އެކު، ގްރޫޕުންވަނީ ތިންލައްކައަށްވުރެ ގިނަ ވިއުސް ލިބިއްޖެ ނަމަ މި މޭޝްއަޕްގެ އެންމެ ހިޓުވި ލަވަ ކަމަށްވާ "ޔާރާ ޔާރާ" ގެ ފުލް ލަވައެއް ނެރޭނެ ކަމަށް ބުނެފަ އެވެ. އަދި މިހާރު މި މަސައްކަތްތައް ކުރިއަށްދާކަމަށް ވެސް ގްރޫޕުން ބުންޏެވެ.

Popular