By: Ahmed Nadym
ކުޑައިއްބެ ނުވަތަ އިބްރާހިމް ޒައިދު އަލީ މިއީ ހުރިހާ މުނާސަބަތަކަށް ވެސް ހެޔޮވަރު އާޓިސްޓެކެވެ. މި ދެންނެވި ހުރިހާ ކަހަލަ ހަފުލާތަކަކުން ފެށިގެން ގޮސް ހުރިހާ ވައްތަރެއްގެ މިއުޒިކަކާ ވެސް އޭނާ ވަރަށް ރައްޓެއްސެވެ. ކޮމްޕްލީޓް އާޓިސްޓަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. މޯލްޑިވިއަން އައިޑޮލްގެ ދެ ސީޒަނުގައި ޖަޖެއްގެ ގޮތުގައި އިންސާފުކުރިކުރުންތައް ވެސް މިކަމަށް ހެކިވާނެ އެވެ.
ދިވެހި ރާއްޖޭގެ އަޑުގެ "ވޭވްސް ބޭންޑް" އިން ވިދާލައިގެން "އެދެމޭ ކަލާޔާ" އާ އެކުގައި ހުރިހާ ދިވެހި އެހުންތެރިންގެ "ކަލާ" އަކަށް ކުޑައިއްބެ އިސާހިތަކު ބަދަލުވެގެން ދިޔައީ އެވެ. އެއަށް ފަހު އޭނާގެ ކެރިއަރު ވަރަށް ދުރަށް ގޮސް އެތައް ކާމިޔާބީތަކެއް ހާސިލުކޮށްފި އެވެ. ތިރީގައި މި އޮތީ މި އާދަޔާހިލާފު ކެރިއަރުން އޭނާ އެންމެ ހިތްހަމަޖެހޭ ނުވަތަ އޭނާ އަށް އެންމެ ކަމުދާ، ޕާސަނަލް ފެވަރިޓް ލިސްޓެކެވެ. މި ލިސްޓުގައި "އެދެމޭ ކަލާޔާ" ނުހިމެނޭ ވާހަކަ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.
މިއީ އިއްބެގެ މަޝްހޫރު ސޯލޯ އަލްބަމް، ރާގު އަށް އޭނާ ހެދި ފުރަތަމަ އަމިއްލަ ރާގެވެ. އަދި އެ އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން އޭނާ އަށް އެންމެ ކަމުދާ ލަވައަކީ ވެސް މިއީ އެވެ. މި ލަވައިގެ ލިރިކްސް ހަދާފައި ވަނީ މިއުޒިކްގައި އިއްބެގެ އެންމެ ބޮޑު އެއް ބްރޯ ކަމުގައިވާ ތޭރަވާ އެވެ.
މިއީ ޒުވާން ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއާ އެކު އިއްބެ، އަލީ ސީޒަންގެ ޕޮލިސް ފިލްމު، "އަހުޝާމް" އަށް ރިކޯޑްކޮށްދީފައިވާ ލަވައެކެވެ.
"ލޯބިވާވަރު" މަޝްހޫރުވެފައި ވަނީ "ތީ މަގޭ ހިތުގެ ވިންދޭ" ގެ ނަމުގައި.
މިއީ ޔަގީނަށް ވެސް އެ ފިލްމުގައި ހިމެނޭ ލަވަތަކުގެ ތެރެއިން ހިތްތައް އެންމެ ގަދަ އަށް ކަތިލި ލަވައެވެ. އިއްބެ ބުނަނީ މިއީ ކްލެސިކް ލަވައެއް ހަދަން ކުރި މަސައްކަތެއްގެ ނަތީޖާ ކަމަށާއި ވަރަށް ހިތްހަމަޖެހޭ ފަދަ ގޮތަށް ނިންމާލެވުނު ލަވައެއް ކަމަށެވެ.
3- ހިތް ދެވިއްޖޭ ކަލާޔަށް ހުވާ
މިއީ ރިކޯޑް ބްރޭކިން ފިލްމު "ނިއުމާ" އަށް ރިކޯޑްކޮށްފައިވާ ލަވައެކެވެ. އިއްބެ ބުނަނީ މިއީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ފިލްމަށް ތައްޔާރުކޮށްލެވުނު އެންމެ ސަޅި ލަވަ ކަމަށެވެ. ޔަގީނަށް ވެސް މި ލަވަ އަކީ ދިވެހި ސިނަމާ އާއި މިއުޒިކްގެ ދުނިޔެއާ ރައްޓެހި އެންމެންގެ ވެސް ފެވަރިޓެކެވެ. މި ލަވައިގައި އިއްބެގެ ޑުއެޓް ބައިވެރިޔަކީ އައިޝަތު މާއިންނެވެ.
ރިކޯޑްތައް މުގުރި ނިއުމާ ފިލްމުގައި ހިމެނޭ ލަވައިގެ ތަރިންނަކީ ޔޫއްޕެ އާއި ޝީލާ ނަޖީބު.
ނުވަތަ ބައެއް މީހުން މި ލަވަ ދަންނަނީ "ވަކިވެ ދިޔަޔަސް" ގެ ނަމުގަ އެވެ. މިއީ މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފިލްމުތަކަށް ކޮޕީ ރާގުތައް އުފައްދާތީ އެ އާދަ ދޫކޮށް ބަދަލެއް ގެނެސްދޭނެ ކަމަށް ބުނެ އިއްބެ ނަހުލާ އަށް އުފައްދައިދިން ލަވައެކެވެ. އިއްބެ މި ލަވަ ނަހުލާގެ ފިލްމަށް ދޫކޮށްލީ ހިންދީ ރާގަކަށް ވުރެ ބޮޑަށް މަގްބޫލުވާނެ ކަމަށް ޗެލެންޖުކޮށެވެ. އެކަން ވީ ވެސް އެހެންނެވެ. މިއީ އިއްބެގެ ކެރިއަރުގައި ވެސް އޭނާ ގެނެސްދިން އެންމެ މަގްބޫލު އެއް ލަވައެވެ.
ނަހުލާގެ ކޮޕީ ރާގުތަކަށް ނިމުން ގެނައުމަށް އިއްބެ އުފެއްދި ލަވައެއް.
5- އުފަންވުމުގަ އުނިކަމެއް
މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދާ އެކު ޓީވީއެމްގެ ހިތުގެ އެންމެ ފުންމިނުން ޝޯ އަށް އިއްބެ ރިކޯޑްކޮށްފައިވާ އަސަރުގަދަ ލަވައެކެވެ. އިއްބެ ބުނަނީ އޭނާގެ ކެރިއަރުގައި ކުރި މަސައްކަތްތަކަށް ބަލާއިރު މިއީ އޭނާ ވެސް ރޮއްވާލި ލަވައެއް ކަމަށެވެ. މި ރާގު ހަދަމުން ދިޔައިރު އިއްބެ އަށް ވެސް ރޮވުނެވެ. އަދި ޝޯގައި ލަވަ ހުށަހަޅައިދިން ދުވަހު ވެސް އިއްބެ ރޮއްވާލި އެވެ.
މިއީ އަނެއްކާވެސް އިއްބެގެ ފޭނުންގެ ފެވަރިޓެކެވެ. މި ލަވައިގެ ރާގު އިއްބެ ހެދީ ދަތުރެއްގައި ރަށަކަށް ގޮސް އުޅެމުންނެވެ.
މިއީ އިއްބެގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރެއިން ލަވައެއް.
އިއްބެ އަށް މި ލަވަ އިތުރަށް ފުރިހަމަ ކޮށްދިނީ ތޭރަވާ އާއި ލެޖެންޑްރީ މިއުޒީޝަން މެޒޯ މުހައްމަދެވެ. ލަވައިގެ ލިރިކްސް އެގޮތުގައި ފައްކާ ކޮށްދިނީ އެ ދެ އާޓިސްޓުންނެވެ.
މިއީ އިއްބެ ހަޔާތުގައި ދިމާވި ހަގީގީ ހާދިސާއެއްގެ މައްޗަށް އޭނާ އުފައްދާފައިވާ ލަވައެކެވެ. ލަވަ ލިޔަމުން މިއުޒިކް އުފައްދަމުން ޕާފޯމްކުރަމުން ދިޔައިރު ވެސް އިއްބެ ބުނަނީ އެ ހާދިސާގެ ކުލަ ބޮލުތެރެއިން ނުދާ ކަމަށާއި އެންމެ ހިތްހަމަޖެހޭ ލަވަތަކުގެ ލިސްޓަށް މި ލަވަ އަރަނީ ވެސް އެހެންވެގެން ކަމަށެވެ.
މިއީ ފާތިމަތު ނަހުލާ ޕްރޮޑިއުސްކޮށް އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ ފިލްމު "ބޮސް" އަށް އިއްބެ ރިކޯޑްކޮށްދީފައިވާ ލަވައެކެވެ. ޔަގީނަށް ވެސް ފިލްމުގައި ހިމެނޭ އެންމެ ހިތްގައިމު ލަވައަކީ މިއީ އެވެ.
މި ލަވައިގެ މަސައްކަތުގައި އިއްބެ މީގެ ފަސް ވާޝަނެއް އުފެއްދި އެވެ. އިއްބެ ބުނަނީ އެއީ ފިލްމުގައި ލަަވަ ގެނެސްދީފައިވާ ގޮތާއި ހާލަތާ ވީހާ ވެސް ގުޅުން ބޮޑު ގޮތަކަށް ލަވަ ނިންމުމަށް ކުރި މަސައްކަތެއް ކަމަށެވެ.
މިއީ އިއްބެގެ ދަރިފުޅު އަލްޔާ، އިންޓަ ސްކޫލް ލަވަ މުބާރާތުގައި ހުށަހަޅައިދިނުމަށް އިއްބެ ހަދައިދިން ލަވައެކެވެ. އެހެންވީމަ މި ލަވަ އާއި ރާގު ހާއްސަ ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.
އިއްބެ ބުނަނީ މިއީ ކުރީގެ ލެޖެންޑުންނާއި ޒުވާން އާޓިސްޓުންނާ އެކު އޭނާ އަށް ކުރެވުނު އެންމެ ސަޅި އެއް މަސައްކަތް ކަމަށެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ހާއްސަކޮށްފައިވާ ނިކަން އަސަރުގަދަ ރީތި ލަވައެކެވެ.